ENGLISH

13 ޖުލައި 2025

Advertisement

ރައީސްގެ އާއިލާ ނުކުމެވަޑައިގަތީ ހުރިހާ ކުޑަކުދިންގެ ހައްގުގަައި

15 މާރިޗު 2025

|

ޢަލީ ޝަހީމް

ރާއްޖޭގެ ރަޢީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ތިއްބަވާ ބޭފުޅުންގެ އާއިލާއަށް ނިސްބަތްކޮށް ދޮގު ވާހަކަތައް ދެއްކުމާއި، މީޑިއާއާއި ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުގައި އާއިލާގެ ކަރާމާތާއި އަބުރުނަގާލުމުގެ މާޒީ އޮތީ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގައެވެ. އިދިކޮޅު ޕާޓީގެ ގޮތުގައި އޮވެ މީގެކުރިންވެސް އެމްޑީޕީން ވަނީ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ޒާތީ ދިރިއުޅުމާއި ބެހި، ރާއްޖޭގެ ޤާނޫނުތަކާއި ބައިނައަޤްވާމީ މުޢާހަދާތަކާ ޚިލާފު އެތައް ކަމެއް ކޮށްފައެވެ.

އެހެންކަމުން، އިދިކޮޅުގައި ތިބެ ރާއްޖޭގެ ރައީސްކަމުގައި ހުންނަވާ ބޭފުޅެއްގެ އާއިލާއަށް ފުރައްސާރަކޮށް، އަބުރު ނަގާލުމުގެ މަސައްކަތް އެ ޕާޓީން ކުރުމަކީ، އެޕާޓީއާ ބީރައްޓެހި ކަމެއް ނޫނެވެ. އެހެންނަމަވެސް، މިފަހަކަށް އައިސް އެޕާޓިން އެދަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒުގެ ޢާއިލާއާއި، އުމުރަށްވެސް ނުބަލައި އެމަނިކުފާނުގެ އާއިލާގެ ވަކިވަކި މެމްބަރުންނަށް ފުރައްސާރަކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތުއްޕުޅު ބޭފުޅުންގެ އަބުރު ކަތިލުމުގެ ސިލްސިލާ ހަރަކާތްތަކެއް އެމްޑީޕީން މިހާރު އަންނަނީ ހިންގަމުންނެވެ. އެ ހަރަކާތްތަކުގައި ތުއްޕުޅު ބޭފުޅުންގެ ފޮޓޯ ހާމަކުރުމާއި، ނަން ހާމަކޮށް އެބޭފުޅުންގެ ރައްކާތެރިކަމަށް ބުރޫއަރާނެ އެތައް ޢަމަލެއް ހިންގަމުންދެއެވެ. 

އެމްޑީޕީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ތުއްޕުޅު ދަރިކަލަކު ވޭޕް ބޭނުންކުރައްވާކަމާއި، ދުންފަތުގެ އިސްތިޢުމާލުކުރާ ދަރިކަލެއް ކަމަށް ބުނެ، އެ ދަރިކަލުންގެ އައިޑެންޓިޓީ ހާމަކޮށް ހުއްޓުމެއްނެތި ފުރައްސާރަކޮށްފައެވެ. އެ ވާހަކަތައް ދޮގުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން ޤާނޫނީ ވަކީލު ޢާއިޝަތު އާޒިމާ ޝަކޫރު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވީ، ވޭޕް ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލު ކުރެއްވުމަކީ  ރައީސުލްޖުމްހޫރިއްޔާގެ ދަރިކަލުން އެއްވެސް ގޮތަކަށް ކުރައްވާ ކަންކަމެއް ނޫން ކަމަށެވެ. 

ކުޑަކުދިންނާއި ގުޅޭގޮތުން އެފަދަ ޙައްސާސް ވާހަކަތައް އާއްމުކޮށް، އެކުދިންގެ ކަރާމާތާއި އަބުރު ނަގާލުމަކީ އެފަދަ މަޤާމްތަކުގައި ނުވަތަ ހާލަތުގައި ތިބޭ ކުޑަކުދިންނަށް މުސްތަޤްބަލަށް އެޅޭނެ ހުރަހެއްކަން ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ފަރާތުން އާއްމުކުރެއްވި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

""އަދި މިފަހަކަށް އައިސް ދިވެހިރާއްޖޭގެ ސިޔާސީ މައިދާނުގައި ޢާއިލާތަކުގެ ނަމާއި އަބުރުނަގާލައި، ކަމާނުބެހޭ މަޢުޞޫމް ޅަދަރިންގެ ކަރާމާތާއި ރައްކާތެރިކަން ނަގާލުމުގެ ޢަމަލުތަކެއް ހިނގަމުންދާ ހިނދު، އަދި ދުވަހެއް ދުވަހަކަށް މިކަން ގޯސްވަމުންދާއިރު، މިއަދު މި ފިޔަވަޅު އެޅުމަކީ މުސްތަޤްބަލުގައި މި ފަދަ މަޤާމެއްގައި ތިބޭނޭ ކުދިންގެ ރައްކާތެރިކަމަށްޓަކައިވެސް ކުރަންޖެހޭ ކަމެއްކަމުގައި އަޅުގަނޑު ޤަބޫލުކުރާތީއެވެ." އާއިލާގެ ފަރާތުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން، އާޒިމާ ޝަކޫރު އާއްމުކުރެއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ. "

ދިވެހިރާއްޖޭގެ ކޮންމެ ކުޑަކުއްޖަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީންނާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނީ އޮނިގަނޑުތަކުގެ ދަށުން ރައްކާތެރިކަން ލިބިގެންވާ ކުއްޖެއްކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ އުމުރުން 16 އަހަރުގެ ފިރިހެން ދަރިކަލަކީ ކުޑަކުއްޖެއް ކަމާއި، އެއީ މުސްތަޤްބަލު ކުރިމަތީގައި އޮތް ތަޢުލީމީ ހަޔާތް ފުރިހަމަނުވާ ކުއްޖެއްކަން ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. 

""އެންމެ މުހިންމު ކަމެއްގެ ގޮތުގައި، އޭނާގެ ބައްޕަ އަދި އަޅުގަނޑުގެ ސިޔާސީ ނިންމުންތަކުގައި އެއްވެސް ބައިވެރިވުމެއް ނެތް އެއްވެސް ބާރުވެރިކަމެއްވެސް ނެތް، މަންމައާއި ބައްޕަގެ ބެލެނިވެރިކަމުގެ ދަށުގައި ހެދިބޮޑުވަމުން އަންނަ ކިޔަވާ ކުއްޖެކެވެ. މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި، 8 އަހަރުގެ ހަގު ދަރިފުޅަށް ގަނާ (bully) ކުރުމާއި ފުރައްސާރަ (harass) ކުރުމުގެ މަސައްކަތްތަކެއް އިސްވެދެންނެވި ފަރާތްތަކުން މިހާރު ފަށާފައިވާކަމީވެސް ބަލައިގަންނަން އުނދަގޫކަމެއްކަމުގައި ދަންނަވަމެވެ." ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން އާއްމުކުރެއްވި ބަޔާނުގައި ވެއެވެ. "

އިދިކޮޅު ފަރާތްތަކުން އަންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެ މަޤާމާ ޙަވާލުވެވަޑައިގަތީއްސުރެ ފުރައްސާރަކޮށް ގަނާކުރަމުންކަން ބަޔާނުގައި ވިދާޅުވެފައިވެއެވެ. 

""މިދެންނެވި ކަންކަމަކީ ސިއްރުން ނޫނީ ވަންހަނާގައި ހިނގާ ކަންކަންކަމުގައި ނުވިނަމަވެސް، މިވީހާ ތަނަށް މިފަދަ ކަމަކާ އަޅުގަނޑު އަދި އަޅުގަނޑުގެ ފަރާތުންވެސް އެއްވެސް ރައްދެއްދީ އެއްޗެއް ދަންނަވާފައިނުވާނެއެވެ." ހުއްޓުމެއް ނެތި އިދިކޮޅުން ކުރަމުން އަންނަ ފުރައްސާރަތަކާއި ޙަވާލާދެއްވައި ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން އާއްމުކުރި ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ. "

ސިޔާސީ މަންފާއެއް ޙާޞިލްކުރުމަށް މިއަދު އެމްޑީޕީން އެދަނީ ކުޑަކުދިންތަކެއްގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ. އެއީ، ސިޔާސީ ފައިދާއަކަށްވުރެ ޖީލަކަށް ލިބިގެންދާނެ ގެއްލުމެއްކަން ޔަގީނެވެ. އެމްޑީޕީގެ ދިގު ތާރީޚުގެ މާޒީގައި ފުރައްސާރައާއި އަބުރުކަތިލުން އޮތަސް، ކުޑަކުދިންތަކެއްގެ ކަރާމާޔަށް އަރައިގަތުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫނެވެ. އެއީ ނާތަހުޒީބު ފިނޑި ޢަމަލެކެވެ. އެއީ ޖީލެއްގެ އިޖުތިމާއީ ފޭރާން ކިލަނބުކޮށްލުމެވެ. ރައީސުލްޖުމްހޫރިއްޔާގެ އާއިލާއިން ފަރުދީ ޒިންމާ އަދާކުރެއްވުމަށް އެ ނުކުމެވަޑައިގަތީ ހުރިހާ ކުޑަކުދިންގެ ޙައްޤުގައެވެ. ޤައުމު މުސްތަޤްބަލު އޮތް ކުދިންތަކެއްގެ ޙައްޤުތައް ކަށަވަރުކުރުމުގެ އަމިއްލަ އިޚްތިޔާރަކީ އެމަނިކުފާނުގެ ޢާއިލާއަށްވެސް ލިބިގެންވާ ޙައްޤެކެވެ. 

ކިޔުންތެރިންގެ ހިޔާލު