ENGLISH

21 އޭޕްރީލު 2025

Advertisement

އީސްޕޯޓްސް ފެސްޓިވަލް ކާމިޔާބުކަމާއެކު ނިންމާލައިފި

15 މާރިޗު 2025

|

ޢަލީ ޝަހީމް

އީސްޕޯޓްސް ފެސްޓިވަލްގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އާއި އުރީދޫ ނޭޝަން އެމްވީ ގުޅިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ "ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025" ކާމިޔާބުކަމާއެކު ރޭ ނިންމާލައިފިއެވެ. 

އީސްޕޯޓްސް ފެސްޓިވަލް ނިންމުމުގެ ރަސްމިއްޔާތު އޮތީ ފެސްޓިވަލް ކުރިއަށްދިޔަ ޒުވާނުންގެ އިތުރުވެހީގައެވެ. ފެސްޓިވަލްގައި ކުރިއަށް ގެންގޮސްފައިވަނީ ޕަބްޖީ މޯބައިލް އާއި އީއޭއެފްސީ އަދި ޓެކެންއެވެ. މުބާރާތުގައި 200 އަށް ވުރެ ގިނަ ގޭމަރުން ވަނީ ބައިވެރިވެފައެވެ. 

އީސްޕޯޓްސް ފެސްޓިވަލް ނިންމާލުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އުރީދޫ

ރޭ އެންމެ ފުރަތަމަ އޮތީ އެ ތިން މުބާރާތުގެ ފައިނަލްތަކެވެ. އެގޮތުން، ޕަބްޖީ މޯބައިލްގެ އެއްވަނަ ހޯދީ އެލްއެފް ސްކައިފޯސްއެވެ. ޓެކެންގެ އެއްވަނަ ހޯދީ ތާބިޝް ހޯދިއިރު އީއޭއެފްސީގެ ޗެމްޕިއަންކަން ހޯދީ ނައްސަމް އަދި ނޫމާންއެވެ. 

ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަހީދުއެވެ. 

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މިނިސްޓަރ އިބްރާހީމް ވަހީދު ވިދާޅުވީ އީސްޕޯޓްސް ފެސްޓިވަލުން ޒުވާން ހުނަރުވެރިން ފެނިގެން ހިނގައްޖެ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ޒުވާނުންނަށް އަމާޒުކޮށްގެން އެ މިނިސްޓްރީން އެފަދަ އިތުރު ފުރުސަތުތައް ފަހިކޮށްދެއްވާނެ ކަމަށެވެ. 

އީސްޕޯޓްސް ފެސްޓިވަލްގެ އެއްވަނަ ހޯދި ބައިވެރިއެއް. ފެސްޓިވަލްގައި 200 އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވި. ފޮޓޯ: އުރީދޫ

އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރ (ސީސީއޯ) ޙުސައިން ނިޔާޒް ވިދާޅުވީ، އުރީދޫގެ އަމާޒަކީ އީސްޕޯޓްސް ފުޅާކޮށް އިތުރު ގޭމްތަކާއެކު މުޅި ރާއްޖޭގައި މުބާރާތްތައް ކުރިއަށްގެންދިއުން ކަމަށެވެ. އަދި، ބައިނަލްއަގްވާމީ މުބާރާތްތައް މިއަހަރު ބޭއްވުމުގެ ވިސްނުންހުރި ހުރި ކަމަށް ހުސައިން ނިޔާޒް ވިދާޅުވިއެވެ. 

"އަޅުގަނޑުމެންގެ އަމާޒަކީ ޕަބްޖީ އާއި އީއޭއެފްސީ ފަދަ ކުޅިވަރުތަކަށް ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަރުގަދަ މުބާރާތްތައް ބާއްވައި ބައިނަލްއަގުވާމީ ފެންވަރުގައި ފުޅާކުރުން. އުއްމީދަކީ، ރާއްޖޭގެ ހުނަރުވެރި ޒުވާނުންނަށް އިތުރު ފުރުޞަތުތައް ފަހިކޮށްދީ، މިހާރަށްވުރެ ބޮޑު ސްޓޭޖެއްގައި ވާދަކުރުމަށް މަގުފަހިކޮށްދިނުން." އުރީދޫގެ ސީސީއޯ ޙުސައިން ނިޔާޒް ވިދާޅުވިއެވެ. 

ކިޔުންތެރިންގެ ހިޔާލު