ENGLISH

21 އޭޕްރީލު 2025

Advertisement

ޑްރަގް ކޯޓުން ނިމިދިޔަ އަހަރު 690 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވޭ

15 މާރިޗު 2025

|

ޝަރާ އަބްދުﷲ

ޑްރަގް ކޯޓުގެ އިމާރާތުގެ ބޭރު... ފޮޓޯ: މިނޫސް

ދިވެހިރާއްޖޭގެ ޑްރަގް ކޯޓުން މިދިޔަ އަހަރު 690 އަށްވުރެ ގިނަ މައްސަލަ ނިންމާފައިވާކަމަށް އެކޯޓުގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ޑްރަގް ކޯޓުން އާންމުކޮށްފައިވާ އަހަރީ ރިޕޯޓުން ހާމަވާ ގޮތުގައި ނިމިދިޔަ 2024 ވަނަ އަހަރު 690 އަށްވުރެ ގިނަ މައްސަލަ އެ ކޯޓުން ނިންމާފައިވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅާބަލާއިރު 6 މައްސަލައިގެ އިތުރުވުމެކެވެ. 2023 ވަނަ އަހަރު އެކޯޓުން ނިންމައިފައިވަނީ 688 މައްސަލައެވެ. މި މައްސަލަތަކުގެ ތެރޭގައި އެކުލެވިގެންވަނީ ޑްރަގް ކޯޓުން ފުރަތަމަ ޙުކުމް ކޮށްފައިވާ މައްސަލަތަކާއި އެކި ސަބަބުތަކާ ހުރެ އަނބުރާ ފޮނުވާލައިފައިވާ މައްސަލަތަކެވެ.

މި ރިޕޯޓުގައިވާ ގޮތުން ފާއިތުވި އަހަރުގައި ޑްރަގް ކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 728 މައްސަލައެކެވެ. އަދި 2023 ވަނަ އަހަރު އެކޯޓުގައި ރަޖިސްޓްރީކޮށްފައިވަނީ 658 މައްސަލައެކެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ނިމުންއިރު މުޅި ޖުމްލަ  11415 މައްސަލައެއް އެކޯޓަށް ހުށަހަޅައިފައިވެއެވެ. އަދި މީގެތެރެއިން، ޖުމްލަ 1419 މައްސަލައެއް ނުނިމި އެބައޮތެވެ. ނުނިމި ހުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ފުރަތަމަ ޙުކުމް ނުކުރެވޭ 146 މައްސަލައަކާއި ފުރަތަމަ ޙުކުމް ކުރެވި ވަކި ގޮތެއް ނުނިމޭ 12373 މައްސަލައެވެ.

ޑްރަގް ކޯޓުގެ އިމާރާތުގެ ބޭރު... ފޮޓޯ: ސޯޝަލް މީޑިއާ

ނިމިދިޔަ އަހަރު އެކޯޓުން ނިންމި 694 މައްސަލައިގެ ތެރެއިން 579 މައްސަލައަކީ ފުރަތަމަ ޙުކުމްކޮށްފައިވާ މައްސަލަތަކެވެ. އަދި ބާކީ 115 މައްސަލަ އަކީ އެކި އެކި ސަބަބުތަކާ ގުޅިގެން ޕްރޮސެކިއުޓާރ ޖެނަރަލް އޮފީހަށް ފޮނުވާލާފައިވާ މައްސަލަތަކެވެ.

ޑްރަގް ކޯޓުން މައްސަލައެއް ބަލައި ނިމިފައިވާ ކަމަށް ބަލާނީ އެ މައްސަލައާ ގުޅިގެން ފުރަތަމަ ޙުކުމް އިއްވުމުން ނުވަތަ އެ މައްސަލައެއް އެކި ސަބަބުތަކާ ހުރެ އަނބުރާ ފޮނުވައިލުމުންނެވެ. ފުރަތަމަ ޚުކުމް ކުރެވޭނީ ދަޢުވާ ލިބޭ މީހާ އޭނާގެ މައްޗަށް އުފުލާފައިވާ ދަޢުވާއަށް އިޢުތިރާފުވެއްޖެ ނަމަ އެވެ. ދަޢުވާ އުފުލުމުގެ މަރުޙަލާތައް ނިންމުމަށްފަހު ޑްރަގް ކޯޓަށް މައްސަލަ ހުށަހަޅާނީ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުންނެވެ.

ޑްރަގް ކޯޓަކީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުން ކުރާ ކުށުގެ މައްސަލަތައް ބަލައި އެފަދަ މީހުން ކުރާ ކުށްތައް މަދުކުރުމަށާއި އެމީހުންނަށް ފަރުވާގެ ޕްރޮގްރާމުތައް ހިންގުމަށް  މަސްތުވާތަކެއްޗާއި ބެހޭ ޤާނޫނުގެ ދަށުން ޤާއިމްކޮށްފައިވާ ކޯޓެކެވެ. މި ކޯޓުގައި 5 ޤާޟީން ތިބި ނަމަވެސް ކޮންމެ މައްސަލައެއްވެސް ބަލާނީ އެންމެ ޤާޟީއެކެވެ. މައްސަލަ ހަވާލުކުރާނެ ޤާޟީއެއް ކަނޑައަޅާނީ އެވަގުތެއްގައި ހުންނަ އެންމެ އިސް ޤާޒިއެކެވެ.

ކިޔުންތެރިންގެ ހިޔާލު