ENGLISH

21 އޭޕްރީލު 2025

Advertisement

އަހަރުގެ ފުރަތަމަ ދެ މަހު މުދަލު ޒަކާތް ދެއްކި މިންވަރު 19.3 އިންސައްތަ އިތުރުވެއްޖެ

15 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ފިޠުރު ޒަކާތް ބަލައިގަތުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މި އަހަރުގެ ފުރަތަމަ ދެ މަހު މުދަލު ޒަކާތުގެ ގޮތުގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ލިބުނު ފައިސާގެ އަދަދު ނިމުނު އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 19.3 އިންސައްތަ އިތުރުވެފައިވާކަން ދައްކައިފިއެވެ. 

މީރާއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ނިޔަލަށް 11,261,017 (އެގާރަމިލިއަން ދުއިސައްތަ ފަސްދޮޅަސް އެއްހާސް ސަތާރަ) ރުފިޔާ މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވެއެވެ. އެއީ 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުދަލު ޒަަކާތުގެ ގޮތުގައި ލިބުނު 9,435,528 (ނުވަ މިލިއަން ހަތަރުލައްކަ ތިރީސްފަސްހާސް ފަސްސަތޭކަ އަށާވީސް) ރުފިޔާއަށްވުރެ 19.3 އިންސައްތަ އިތުރު އަދަދެކެވެ. 

ވަކިވަކި މަސްތަކަށް ބަލާއިރު، މުދަލު ޒަކާތުގެ ގޮތުގައި މި އަހަރުގެ ޖަނަވަރީ މަހު 5,321,081 (ފަސް މިލިއަން ތިންލައްކަ އެކާވީސްހާސް އަށްޑިހަ އެއް) ރުފިޔާ ލިބުނެވެ. ފާއިތުވި އަހަރުގެ ޖަނަވަރީ މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 3,582,552 (ތިން މިލިއަން ފަސްލައްކަ އަށްޑިހަ ދެހާސް ފަސްސަތޭކަ ފަންސާސް ދެ) ރުފިޔާއެވެ. އެއީ 48.5 އިންސައްތަ އިތުރު އަދަދެކެވެ. 

ފެބްރުއަރީ މަހު މުދަލު ޒަަކާތުގެ ގޮތުގައި 5,939,935 (ފަސްމިލިއަން ނުވަލައްކަ ތިރީސްނުވަހާސް ނުވަސަތޭކަ ތިރީސްފަސް) ރުފިޔާ ލިބިފައިވެއެވެ. 

މީރާގެ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 101.9 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއަށްވުރެ 12.9 އިންސައްތަ އިތުރު ޢަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު