ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑީޕީގެ ތާރީޚުން؛ އަހުލާގީ އަގުކުރުންތައް ފަނާކުރުމާއި އިޖުތިމާއީ ފަސާދަ އާއްމުކުރުން

15 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސް ސޯލިހާއި ނަޝީދު އަދި ޗެއާޕާސަން ފައްޔާޒު، ފޮޓޯ:ފައިލް

ސިޔާސީ އިޞްލާޙުގެ ނަމުގައި، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އުފެދުނު އެމްޑީޕީގެ 17 ވަރަކަށް އަހަރުވީ ތާރީޚުން ފެންނަ ޙަޤީޤަތަކީ ދިވެހި މުޖުތަމަޢު މިއަދު ތަހައްމަލުކުރަމުންދާ ގިނަގުނަ އިޖުތިމާއީ މައްސަލަތަކުގެ ފެށުމަކީ އެމްޑީޕީ ކަމެވެ. އެ ޕާޓީން އިސްލާހުކުރުމުގެ ނަމުގައި ހިންގި ކޮންމެ ހަރަކާތެއްގެ ސަބަބުން، އެތައް ޒަމާނަކަށް ދިވެހިން ދަމަހައްޓައި ނަގަހައްޓަމުންދިޔަ ރިވެތި ރަނގަޅު ހެޔޮ އެތައް އާދައަކާއި އަގުކުރުންތަކެއް ހަލާކުވެގެންދިޔަ ކަމެވެ. 

އިދިކޮޅުގައި އަހުލާގު ފަނާކޮށްލި 

އެމްޑީޕީ އުފެދުނީ އިދިކޮޅު ހަރަކާތެއްގެ ގޮތުގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އެމްޑީޕީ އުފަންވީ މަގުމަތިން، މަގުމަތީ ހަރަކާތެއްގެ ގޮތުގައެވެ. އެ ޕާޓީގެ އަމާޒަކަށްވީ ރައީސް މައުމޫނުގެ ވެރިކަން ވައްޓައިލުމަށްޓަކައި، އެމަނިކުފާނު ރަމްޒުވާ އެންމެހައި ކަމެއް ނައްތައިލުމެވެ. ހެވެއް ނުބައެއް އެކަމުގައި ފަރަގުކޮށް ތަފާތުކޮށްފައި ނުވެއެވެ. 

ރައީސް މައުމޫނަށް އަމާޒުކުރި ފާޑުކިޔުންތައް އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ހިދުމަތްތެރިންނަށް އަމާޒުކުރިއެވެ. ފާޑުކިޔުމަށްވުރެ އެއިރު އެމްޑީޕީން އިސްކުރީ އާޑަފުރައްސާރައެވެ. ދިގު މުއްދަތަކަށް ގައުމަށް ހިދުމަތްކުރެއްވި އެތައް ބޭފުޅުންނެއްގެ އިސްތަށިފުޅުގައި ދޮގު އެތައް އިލްޒާމެއް އަޅުވައި އެ ބޭފުޅުންނަށް މުޖުތަމައުގައި އޮތް އިހުތިރާމު ގެއްލުވައިލިއެވެ. 

ކުރީގެ އެޓޯލްސް މިނިސްޓަރު އަބްދުﷲ ހަމީދާމެދު ދެއްކި މުޑުދާރު ވާހަކަަތައް ބަޔާންކުރުމަކީވެސް ލަދުވެތި ކަމެކެވެ. އެއިރު ސަރުކާރުގެ އެއްވެސް މަގާމެއްގައި ބޭފުޅަކު ހުންނެވިނަމަ އެ ބޭފުޅަކާމެދު އެޒާތުގެ މުޑުދާރު ވާހަކަތައް ފެތުރިއެވެ. ދިވެހި އޮބްޒާވާގެ ނަމުގައި ހިންގި ވެބްސައިޓުގައި މިނިސްޓަރުންނާއި ވުޒާރާތަކުގެ ވެރިންނާއި އަތޮޅުވެރިންނާއި ކަތީބުންނާއި ގާޒީންނާއި މުދިމުން ހިމެނޭހެން އެތައް ބަޔަކު ބަރަހަނާކޮށް ފަޟީހަތްކުރީ ތެދެއް ދޮގެެއް ނުބަލައެވެ. 

މިކަންކަމުގެ ނަތީޖާއަކަށްވީ މުޖުތަމައުގައި އޮތް ދޮށީ އުމުރުގެ މީހުންނާއި ހިދުމަތްތެރިންނަށް އިހުތިރާމުކުރުމުގެ ރިވެތި ސަގާފަތް އެކުއެކީ ނެތިގެން ދިއުމެވެ. އުމުރުން ދޮށިވުމަކީ އައިބުކަމަށްވެ، ދޮށީ އުމުރުގެ މީހުންނަށް ހަޖޫޖެހުމާއި ފުރައްސާރަކުރުން އާއްމުވިއެވެ. ރަށްރަށް ތަރައްގީކޮށް ބިނާކުރުމުގައި އުމުރު ދުވަސް ހޭދަކުރި ހިދުމަތްތެރިންނަށް އާއްމު ތަންތަނަށް ނުކުމެ އުޅެން ދަތިވާ ހިސާބަށް އެމީހުން އެކަހެރިކޮށް އަގުވައްޓައިލިއެވެ. 

މީހުންނަށް އަނިޔާވެރިވުމަށް އެމްޑީޕީން ހިތްވަރު ދިނެވެ. ސަރުކާރުގެ ވެރިންގެ ގޭގޭދޮށަށް އެއްވެ ފުރާޅަށް ގައު އުކައި، މުޑުދާރުހައި ބަސްތަކެއް ބޭނުންކޮށް އަޑުގަދަކުރުން އާންމުކުރިއެވެ. ނަތީޖާއަކަށްވީ ވަރަށް މަޑުމައިތިރި ބަސްމަގު އެހައިމެ ރީތި، ހުލްގު ނުހަނު ހެޔޮ ބައެއްގެ ގޮތުގައި މަޝްހޫރު ދިވެހިން، ބަސްމަގު ހުތުރު، ހުލްގު ނުބައި، ހިފަހެއްޓުމެއް ނެތް ބަޔަކަށް މަޑުމަޑުން ބަދަލުވުމެވެ. 

މުއައްސަސާތަކުގެ ބާރު ނައްތައިލި

ދައުލަތެއްގެ ހައިބަތާއި ގަދަރު ގުޅިފައި އޮންނަނީ އެ ދައުލަތެއްގެ މުއައްސަސާތަކުގެ ބާރުވެރިކަމުގެ މައްޗަށެވެ. މުއައްސަސާތަކުގެ ބާރަކީ ރައްޔިތެއްގެ ވިސްނުމުގައި އޮންނަ މަފުހޫމެކެވެ. ރައްޔިތުންގެ ވިސްނުމުން އެމަފުހޫމު ނެރެލައި އެއްލައިލުމުން މުއައްސަސާތަކުގެ ބާރު ގާނޫނުގައި ކިތަންމެ ސާފުކޮށް ލިޔެފައި އޮތަސް އަމަލީ ގޮތުން ނެތިގެންދިޔައީއެވެ. 

ދިވެހި ސިފައިންނާއި ފުލުހުންނަކީ "ފިނދަނަ"ތަކެއްގެ ގޮތުގައި ސިފަކޮށް ސަލާމަތީ ބާރުތަކާމެދު އޮތް އިހުތިރާމާއި ގަދަރު ވެއްޔާ މޮޑެލީ އެމްޑީޕީންނެވެ. އިސްލާމީ ޝަރީޢަތާއި ގާނޫނު އުނގެނިވަޑައިގެން ތިއްބެވި ފަނޑިޔާރުންނަކީ ސިހުރު ހާހޫރު ކިޔަވައިގެން ތިބި ބޯދާ ބައެއްގެ ގޮތުގައި ސިފަކޮށް ފަނޑިޔާރުން ގަން ހިންގުވައި، އެމީހުންގެ އަގު ވައްޓައިލީ އެމްޑީޕީންނެވެ. 

ނަތީޖާއަކަށްވީ މަގުމަތިން ސިފައިންނާއި ފުލުހުންނަށް ހަމަލާދިނުން އެދުވަސްވަރު އާންމުވުމެވެ. ސައިކަލަކުން ޖައްސައި ޒުވާން ފުލުހެއް މަރައިލުމާއި، މަގުމަތިން ފުލުހުންނަަށާއި ސިފައިންނަށް ހަމަލާދީ އަނިޔާކުރުމުގެ އެތައް ހާދިސާއެއް ހިނގަން މަގުފަހިކުރީ މުއައްސަސާތަކުގެ އަގުވައްޓައިލުމެވެ.  

ފަނޑިޔާރުގެއަށް ދެމުން އައި ބަހުގެ ހަމަލާތަކުގެ ސަބަބުން އެ އުފެދުނު ރުޅީގައި ފަނޑިޔާރުންނަށް މަގުމަތިން ހަމަލާދީ އަނިޔާކުރުމުގެ އެތައް އަމަލެއް ހިންގިއެވެ. ޅ.ނައިފަރުގެ ފަނޑިޔާރަކު އެފަދަ އަނިޔާތަކުގައި އަވަހާރަވިއެވެ. ފުވައްމުލަކުގެ ފަނޑިޔާރެއްގެ ފައިންޕުޅު ބިންދައިލިއެވެ. މިއީ ހައްތާވެސް އެ ދުވަސްވަރު ހިނގި ކަންކަމެވެ. 

ވެރިކަމުގައިވެސް ދިނީ ގެއްލުން 

ވެރިކަމުގައި އެމްޑީޕީން ދިމާކުރީ ދިވެހިން އެންމެ މުގައްދަސްކަމުގައި ދެކިގެން ތިބި ކަންކަން ހަލާކުކުރާށެވެ. އެންމެ މަތިން ދީނާމެދު ޒާތްޒާތުގެ ނުރަނގަޅު ވާހަކަތައް ދައްކަން ފެއްޓިއެވެ. ނުސީދާކޮށް ސަލާމާއި ޞަލަވާތް ލެއްވުނު ނަބިއްޔާއަށްވެސް ކުޑައިމީސްކުރިއެވެ. 

އެވަރުން ފުއްދައިނުލައެވެ. ދީނުގައި ހަރާމްކުރެއްވި ކަންކަން ވެރިން ފާޅުގައި ހިންގައި އެކަންކަމަށް ހައްގު އަދަބު ނުދިނުމުގެ ސަބަބުން އެފަދަ ކަންކަން އާންމުވުމަށް މަގުފަހިވިއެވެ. އެމްޑީޕީގެ ވެރިންތަކެއް ރާބޮއެ މަސްތުވެގެން ތިއްބައި ފުލުހުން އަތުލައިގަތުމުން އެއިން އެކަކާމެދު އެއްވެސް ފިޔަވަޅެއް ނޭޅި ދޫވި ގޮތަކީ މިކަމުގެ މިސާލެކެވެ.

ނިމުނު ވެރިކަމުގައި ކޮމިޝަނާ އޮފް ޕޮލިސް އިސްލާމްދީނާއި ގާނޫނުގަައި މަނާވެގެންވާ އެތައް ކަމެއް ހިނގަމުންދިޔަ ތަނެއްގައި ހުންނެވި މަންޒަރު ފެންނަ ވީޑިޔޯތައް އާއްމުވިއެވެ. އަޅައެއް ނުލިއެވެ. 

ފާހިޝް ކަންކަން ފެތުރިގެންދާން އެމްޑީޕީގެ ދެވެރިކަމުގައިވެސް ދޫކޮށްލިއެވެ. ތެތްފިނީގައި ހަންޑިކުޑަ ފަޅާހެން ފުރަމާލޭގައި ހަށިވިއްކާ ތަންތަން އާއްމުވެގެންދާން ދޫކޮށްލީ އެމްޑީޕީގެ ވެރިކަމުގައެވެ. 

ސަރުކާރުގެ އެކި ފަންތީގެ ވެރިން މުޖުތަމައު ބަލައިނުގަންނަ އެތައް ކަމެއް ކޮށް އެކަންކަން ހާމަވުމުން ފިޔަވަޅު ނާޅައި އެއިން ކޮންމެ ކަމަކީ އާދައިގެ ކަމެއް ކަމުގައި ހެދީ އެމްޑީޕީއަށް ވެރިކަންކުރަން ލިބުނު ދެ ފަހަރުއެވެ. މިއީ ހައްތާވެސް ވެރިކަމުގައި އެމްޑީޕީން މުޖުތަމައުގެ އަހުލާގީ މިންގަނޑު ފުނޑައިލުމަށް ގަސްތުގައި އެނގި ތިބެ ހިންގި ޖަރީމާތަކެވެ. 

އެމްޑީޕީ ބަދަލުވާންޖެހޭ 

ރާއްޖޭގެ އިޖުތިމާއީ ފޭރާން ވީދި ހަލާކުވެފައި އޮތް މިންވަރު އެކަކަށްވެސް މިއަދު ނޯޅެއެވެ. އަހުލާގީ މައްސަލަތައް އިތުރުވެ، މި މައްސަލަތައް ނެތް ދިވެހިރާއްޖެ ހިޔާލަށް ގެންނަަންވެސް އުދަގޫވާ މިންވަރަށް ގައުމު މިއޮތީ ގޯސްވެފައެވެ. މިއަދަކީ މިކަންކަން ހައްލުކުރުމުގެ ދުވަހެވެ. އެކަމަށް އެންމެން އެއްބަސްވެގެން މަސައްކަތްކުރަންވީ ދުވަހެވެ. 

ސިޔާސީ މަސައްކަތްކުރުމުގައި އަހުލާގީ މިންގަނޑުތައް ހިފަހައްޓަންޖެހެނީ، އެ މިންގަނޑުތައް ނުހިފަހެއްޓުމުގެ ނަތީޖާ ހީނުކުރާ ހިސާބަށް ފެތުރިގެންދާތީއެވެ. 21 ވަނަ ގަރުނުގައި ސިޔާސީ މަސައްކަތްކުރަންވާނީ އެ މަސައްކަތުން މުޖުތަމައަށް ކުރާ އަސަރުތަކާމެދު ފަރުވާތެރިވަމުންނެވެ. އެވަރުގެ އިލްމާއި ހިލްމު ސިޔާސީ ލީޑަރުންނާއި ޕާޓީތަކުގައި ހުންނަންވާނެއެވެ. 

ފާޑުކިޔުމާއި އާޑަފުރައްސާރައިގެ ތަފާތު އެންމެނަށްވެސް އެނގެއެވެ. ފާޑުކިޔުމުން މުއްސަނދިވަނީ ފިކުރުގެ ބާޒާރެވެ. އުފެދެނީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރާނެ ގޮތުގެ ތާޒާ ހިޔާލުތަކެވެ. އާޑަފުރައްސާރައިން އިތުރުވަނީ ފިތުނައެވެ. ހަލާކުވަނީ މުޖުތަމައުގެ އަހުލާގީ ފޭރާމެވެ. 

އެމްޑީޕީވެސް މިހަގީގަތްތައް ގަބޫލުކޮށް، އާޑަފުރައްސާރައާއި ފިތުނަ ފަސާދައާއި ރުޅިވެރިކަމާއި ނަފުރަތު ފެތުރުން ދޫކޮށްލަންޖެހެއެވެ. ހަމަޖެހުމާއެކު، ސުލްހަވެރިކޮށް ރީތި ގޮތުގައި ކުރިއަށްދެވެން އޮތް ސަރާސަރު މަގަކުން ކުރިއަށްނުގޮސް، ފިތުނައާއި ނަފުރަތާއި ހަސަދައިގެ ގިނަ އަންދަމުން ކޮށާ ނުކިއްސަރު މަގަކުން ކުރިއަށްދާންވީ ސަބަބެއް އެބައޮތް ހެއްޔެވެ؟ 

ކިޔުންތެރިންގެ ހިޔާލު