ENGLISH

21 އޭޕްރީލު 2025

Advertisement

ދައުލަތުގެ ހިސާބު ފޮތުން؛ އާމްދަނީ އިތުރު, ހަރަދުތައް ކުޑަ، ޑެފިސިޓެއް ނެތް!

15 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ މާލީ ހިސާބުތަކުން ފެންނަ ގޮތުގައި މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ އިތުރުވެފައިވާއިރު ދައުލަތުގެ ހަރަަދުތައް ނިމުނު އަހަރަށްވުރެ ކުޑަކުރެވިފައިވެއެވެ. 

ދައުލަތުގެ އާމްދަނީ ދަށްވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނަމުން އަންނަނިކޮށް މާލީ ވުޒާރާއިން އާންމުކޮށްފަައިވާ ދައުލަތުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ ވާހަކައަކީ މުޅިއަކުން ހަގީގަތާ އެއްގޮތް ވާހަކައެއް ނޫންކަން އެ ހިސާބުތަކުން ފެނެއެވެ. 

އެގޮތުން ނިމުނު އަހަރުގެ މާޗު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް 7،165 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު މި އަހަރުގެ އެ މުއްދަތުގައި 7،198 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. 

ފަތުރުވެރިކަމުގެ އާމްދަނީ އިތުރުވި

ބައެއް މީޑިޔާތަކުން ރިޕޯޓުކުރަމުންދާ ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތުން ދައުލަތަށް ލިބުނު އާމްދަނީވެސް ދަށްވެފައިވެއެވެ. ނަމަވެސް މާލީ ހިސާބުތަކަށް ބަލާއިރު ފަތުރުވެރިކަމުގެ ސިނާއަތުން ލިބުނު އާމްދަނީވެސް މި އަހަރުވަނީ އިތުރުވެފައެވެ. 

އެގޮތުން ނިމުނު އަހަރު ފަތުރުވެރިކަމުގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނީ 2،174.3 މިލިއަން (2.1 ބިލިއަން) ރުފިޔާއެވެ. މި އަހަރު އެ އަދަދުވަނީ 2،399.4 މިލިއަން (2.3 ބިލިއަން) ރުފިޔާއަށް އިތުރުވެފައެވެ. އެއީ 10.3 އިންސައްތައިގެ އިތުރުވުމެކެވެ. 

އޭގެ އިތުރަށް ފަތުރުވެރިންގެ އަތުން ނަގާ ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ މާޗު 6 ވަނަ ދުވަހާ ހަމައަށް 206.4 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 305.9 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ. އެއީ 48.2 އިންސައްތައިގެ އިތުރުވުމެކެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ އިތުރުވި 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީވެސް ނިމުނު އަހަރަށްވުރެ އިތުރުވެފައިވާކަން ހިސާބުތަކުން ދައްކައެވެ. ނިމުނު އަހަރު 1،075.2 މިލިއަން ރުފިޔާ ޓެކުސް ނޫން ގޮތްގޮތުން އެ މުއްދަތުގައި ލިބުނުއިރު މި އަހަރު 1،209.1 މިލިއަން ރުފިޔާ ލިބުނެވެ. އެއީ 12.4 އިންސައްތައިގެ އިތުރުވުމެކެވެ. 

ފީތަކުގެ ގޮތުގައި ނިމުނު އަހަރު 480 މިލިއަން ރުފިޔާ ލިބުނުއިރު މި އަހަރު އެ އަދަދުވަނީ 827.5 މިލިއަނަށް އަރައި 72.3 އިންސައްތައިން އިތުރުވެފައެވެ. 

ބަޖެޓު ހިންގަމުންދަނީ އަރަނީގައި 

މާލީ ހިސާބުތަކަށް ބަލާއިރު ނިމުނު އަހަރުގެ މާޗު މަހުގެ ފުރަތަމަ ހަފުތާ ނިމުނުއިރު ބަޖެޓު އޮތީ ޑެފިސިޓުވެފައެވެ. ނަމަވެސް މި އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހާ ހަމައަށް ބަޖެޓު ޑެފިސިޓު ނުވެއެވެ. ޑެފިސިޓުނުވުމުގެ މައިގަނޑު ސަބަބަކީ ބަޖެޓުގެ ހަރަދުތައް ކޮންޓުރޯލުކޮށް، ދައުލަތުގެ ހަރަދުތައް ކުޑަކޮށްފައިވުމެވެ. 

އެގޮތުން ނިމުނު އަހަރުގެ އެ މުއްދަތުގައި 7،499.6 މިލިއަން (7.4 ބިލިއަން) ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެއެވެ. މި އަހަރު ހަރަދުކޮށްފައިވަނީ 5،739 މިލިއަން (5.7 ބިލިއަން) ރުފިޔާއެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 23.4 އިންސައްތައިގެ ދަށްވުމެކެވެ. 

ހަރަދުތައް ދަށްވެފައިވާއިރު ރިކަރަންޓު ހަރަދުތަކުގެ ތެރެއިން އިދާރީ އަދި ހިންގުމުގެ ހަރަދުތައް 3،613.6 މިލިއަން (3.6 ބިލިއަން) ރުފިޔާއިން 2،909 މިލިއަން (2.9 ބިލިއަން) ރުފިޔާއަށް ކުޑަކުރެވިފައިވެއެވެ. އެއީ 19.4 އިންސައްތައިގެ ދަށްވުމެކެވެ. 

ހަރަދުތައް ކުޑަކުރެވުމުގެ ސަބަބުން ނިމުނު އަހަރުގެ މާޗު ހަވަނަ ދުވަހުގެ ނިޔަލަށް 334.2 މިލިއަން ރުފިޔާއިން ޑެފިސިޓުވި ނަމަވެސް މި އަހަރުގެ އެ މުއްދަތުގައި ބަޖެޓު ހިންގާފައިވަނީ 1.4 ބިލިއަން ރުފިޔާގެ އަރަނީގައެވެ. މާނައަކީ ލިބުނު އާމްދަނީން ހަރަދުތައް ކެނޑުމުން 1.4 ބިލިއަން ރުފިޔާ ސަލާމަތްވުމެވެ. 

އަރަނީގައި ބަޖެޓު ހިންގާފައިވަނީ ދަރަނި އަދާކުރުމަށް ބޮޑެތި ހަރަދުތައް ކުރުމާއެކުއެވެ. މި އަހަރުގެ އެ މުއްދަތުގައި ދަރަނި އަދާކުރުމަށް 2،286 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެއީ ނިމުނު އަހަރު ދަރަނި އަދާކުރުމަށް ހޭދަކުރި 887.7 މިލިއަން ރުފިޔާއަށްވުރެ 157.5 އިންސައްތަ އިތުރު އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު