ENGLISH

21 އޭޕްރީލު 2025

Advertisement

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކި ފަރާތްތަކާމެދު ފިޔަވަޅުއަޅަން ގޮވާލައްވައިފި

14 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ފޮޓޯ: މިހާރު

ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ސިޔާސީ ވާދަވެރިކަމުގައި ވާހަކަދައްކަމުންދާ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

ސިލްސިލާކޮށް މި ރަމަޟާން މަހު ކޮންމެ ރެޔަކު އެމްޑީޕީން ބާއްވަމުންދާ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމު އެޅުވި މައްސަލައާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައި އަބްދުއްރަހީމްވަނީ މަންދީގެ ވާހަކަތައް ކުށްވެރިކުރައްވާފައެވެ. 

އޭގެ އިތުރަށް މަރިޔަމް ޒުބައިރުގެ ވާހަކަތަކާ ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ ޒާތީ ހަސަދަވެރިކަމާއި ސިޔާސީ ވާދަވެރިކަމުގައި ކުށެއްނެތް މައުސޫމު ކުދިންގެ ހައްގުތަކަށް އަރައިގަނެ އަބުރާ އިއްޒަަތް ނަގައިލާ ދޮގު ތުހުމަތުތަކާއި އިލްޒާމުތައް އެކުދިންގެ ބޮލުގައި އަޅުވަމުންދާއިރު އެކަން ކުރާ ފަރާތްތަކާމެދު ގާނޫނު ތަންދޭ އެންމެ ހަރުކށި އެޅުމަށް ގޮވައިލައްވާ ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް އިތުރަށް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ހަރަކާތްތަކުގައި މިފަދަ ނާތަހުޒީބު ދަށު ދަރަޖައިގެ ކަންކަން ކުރީމާ ޕާޓީތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ އިލެކްޝަންސް ކޮމިޝަނުން ކުށްވެރިކުރުމުގެ ބަޔާނެއް ނެރެލައިގެން ފުއްދައިލުމުގެ ބަދަލުގައި އެފަދަ ކަންކަން ތަކުރާރުނުކުރެވޭ ގޮތަށް ފިޔަވަޅުއެޅޭނެ ނިޒާމެއް އޮންނަންޖެހޭ ކަމަށެވެ. 

މަރިޔަމް ޒުބައިރުގެ ވާހަކަތަކާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއާއި އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް، އެފަދަ ވާހަކަތައް ސިޔާސީ ހަރަކާތްތަކުގައި ތަކުރާރުނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ. 

ނަމަވެސް މަރިޔަމް ޒުބައިރުގެ ވާހަކަ ކުށްވެރިކުރުމުގެ ބަދަލުގައި އެމްޑީޕީންވަނީ އެވާހަކައަށް ހިތްވަރުދީ އެ ވާހަކަތައް ދިފާއުކޮށް ބަޔާނެއް ނެރެފައެވެ. އެކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އެ ޕާޓީއަށާއި، ޕާޓީގެ ވެރިންނަށް އަންނަނީ އަމާޒުވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު