ENGLISH
21 އޭޕްރީލު 2025
ސިޔާސީ ވާދަވެރިކަމުގައިވެސް އާއިލާއާއި ކުޑަކުދިން އަމާޒުފަތްގަނޑަކަށް ހަދައިގެން ނުވާނެ: ޝިޔާމް
14 މާރިޗު 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު، ފޮޓޯ: ފައިލް
ސިޔާސީ ވާދަވެރިކަމާއި ޒުވާބުގައި ސިޔާސީ ބޭފުޅުންގެ އާއިލާތައް އަދި ހާއްސަކޮށް ކުޑަކުދިން އަމާޒުފަތްގަނޑަކަށް ހަދައިގެންނުވާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމު ވިދާޅުވެއްޖެއެވެ.
ޝިޔާމު މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީން ސިލްސިލާ ގޮތެއްގައި ރޯދަމހުގެ ރޭގަނޑު މާލޭގެ މަގުތަކުގައި ބާއްވަމުން އަންނަ މުޒާހަރާތަކުގެ ތެރެއިން މުޒާހަރާއެއްގައި އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ދެއްކި ވާހަކައަކަށް އިޝާރާތްކުރައްވައެވެ.
ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން މަރިޔަމް ޒުބައިރު ދެއްކި ވާހަކަތައް ކުށްވެރިކޮށް ކުޑަކުދިންގެ ކަރާމަތަށް އުނިކަން ލިބޭ ފަދަ ވާހަކަތައް ދައްކައި އެފަދަ އަމަލުތައް ނުކުރުމަށް އިލެކްޝަންސް ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އިލްތިމާސްކުރިއެވެ.
މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި މަރިޔަމް ޒުބައިރު ދެއްކި ވާހަކަތައް ދިފާއުކޮށް އެއީ ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް ދެއްކި ވާހަކައެއް ނޫންކަމަށް ބުނެފައިވެއެވެ. ނަމަވެސް މަރިޔަމް ޒުބައިރު ދެއްކި ވާހަކަ މީސްމީޑިޔާ މަންސަތަކުގައި ފެންނަން ހުރިއިރު އެ ވާހަކައަކީ ކުޑަކުއްޖެއްގެ ބޮލުގައި އެއްވެސް އަސާސެއް ނެތް އިލްޒާމުތަކެއް އަޅުވައި، ފުރައްސާރައާއި ގަނާކުރުމުގެ އަމާޒުފަތްގަނޑަކަށް އެ ކުއްޖާ ވެދާނެހެން ދެއްކި ވާހަކައެއްކަން ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.
ރައީސްގެ ދަރިކަލުންގެ އިތުރަށް އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާ ގުޅޭ ގޮތުންވެސް ހުތުރު އެތައް ވާހަކައެއް މަރިޔަމް ޒުބައިރު ދައްކާފައިވެއެވެ.
އޭނާގެ ވާހަކަތަކާ ގުޅިގެން ޝިޔާމު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ހަރަކާތްތައް ހިންގުމުގެ ނިވާފަތްގަނޑުގައި، ރައީސްގެ އާއިލާއަށް އަދި ހާއްސަކޮށް އެމަނިކުފާނުގެ މައުސޫމު ތުއްޕުޅު ބޭފުޅުންނަށް އަމާޒުކޮށް ހަމަލާދިނުމަކީ އަހުލާގީ އުސޫލުތަކާ ފުށުއަރާ، އެބޭފުޅުންގެ އަސަސީ ހައްގުތަކަށް އަރައިގަތުމުގެ އަމަލެއް ކަމުގައެވެ.
އިތުރަށް ޝިޔާމުވަނީ މިފަދަ ލަދުވެތި އަމަލުތައް ހިންގާ މީހުން ޖަވާބުދާރީކުރުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އާއިލާތައް ހާއްސަކޮށް ކުޑަކުދިން ސިޔާސީ ވާދަވެރިކަމާއި ބަހުސްތަކުގައި އަމާޒުފަތްގަނޑަކަށް ހަދައިގެންނުވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.