ENGLISH
12 ޖުލައި 2025
ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ޗާލު މިސްކިތް؛ އޭދަފުށީގެ މަލަމަތި ރީތިކޮށްދިން ޖަވާހިރެއް
16 މާރިޗު 2025
|
އޭދަފުށީ ޑޭޒީވިލާ މުޙައްމަދު ޢަލީގެ ހަނދާނުގައި އެރަށުގައި ބިނާކުރި މިސްކިތް. ފޮޓޯ: އޭދަފުށި ޓައިމްސް
ދެމިހުރި ޞަދަޤާތެއްގެ ގޮތުގައި މިސްކިތްތައް ބިނާކުރުމަކީ އިސްލާމީ ތާރީޚުން ފެންނަ އޮތް ޙަޤީގަތެކެވެ. އިންސާނާ ދުނިޔޭގައި ނެތަސް އޭނާއަށް އޭގެ ފައިދާ އާއި ދަރުމަ ލިބޭނެ އެންމެ މާތް އެއްކަމަކީ މިސްކިތް ބިނާކުރުންކަން، ސަލާމާއި ޞަލަވާތްލެއްވުނު ކައު އިތުރު ރަސޫލާގެ ހަދީޘްފުޅުތަކުގައި ބަޔާންކުރައްވާފައިވެއެވެ. އިސްލާމް ދީނުގެ މި މަތިވެރި ނަމޫނާއާއެކު އަމިއްލަ ފަރާތްތަކުން މިސްކިތްތައް ބިނާކުރުމުގެ އާދައެއް ރާއްޖޭގެ ސަޤާފަތުގައިވެސް އޮތްކަމީ މިއަދު އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު ބަލައިގަންނަ ކަމެކެވެ. ރާއްޖެއަށް ބަލާއިރު އަމިއްލަ ފަރުދުންނާއި އާއިލާތައް މެދުވެރިވެގެން ބައެއް ރަށްރަށަށް މިސްކިތްތައް ހަދިޔާކޮށްދީފައިވާއިރު، އެއިން ކޮންމެ މިސްކިތަކީވެސް ޚާއްޞަކަމެއް ލިބިފައިވާ މިސްކިތެކެވެ.
މަސްޖިދުއް މުޙައްމަދު ޢަލީ މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން: 2021 ވަނަ އަހަރު ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މުޙައްމަދު ޢަލީ (ވ) ބައިވެރިވި. --ފޮޓޯ: އޭދަފުށި ޓައިމްސް
ރާއްޖޭގައި ބިނާކޮށްފައިވާ މިސްކިތްތަކުގެ ތެރެއިން މިހާރު އެންމެ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މިސްކިތަކީ ބ. އޭދަފުށީގައި އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ ހިތްގައިމު މިސްކިތެވެ. އޭދަފުށީ ޑޭޒީވިލާ މުޙައްމަދު ޢަލީގެ ނަމުގައި، އެ އާއިލާއިން އޭދަފުށީގައި ބިނާކޮށްފައިވާ "މަސްޖިދު މުހައްމަދު ޢަލީ" މިސްކިތަކީ ރާއްޖޭގައި އާއްމުކޮށް އަޅާ މިސްކިތްތަކާ ތަފާތުތަކެއް ހުރި މިސްކިތެކެވެ. އެ މިސްކިތް ހުޅުވަން މިހާރު ތައްޔާރުވަމުން އަންނައިރު، މިސްކިތުގެ ފޮޓޯތަކާއި ވީޑިއޯތަކަށް ސަމާލުކަން ހުއްޓި އެތައް ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ.
އޭދަފުށީގެ ދެކުނުފަރާތުގެ ހިއްކި ބިމުގައި އިމާރާތްކުރި ދެ ބުރީގެ މިސްކިތަކީ 1،200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިހާރު ފެންނަން ހުރި ހިތްގައިމުކަން، އެ މިސްކިތަށް ގެނައުމުގެ މަސައްކަތް ފެށީ 2021 ވަނަ އަހަރުގެ ފެބްރުވަރީ 5 ވަނަ ދުވަހުއެވެ. މިސްކިތުގެ ބިންގާ އެދުވަހު އަޅުއްވައިދެއްވީ މިސްކިތް ނިސްބަތްވާ އޭދަފުށީ ޑޭޒީވިލާ މުޙައްމަދު ޢަލީއެވެ.
އޭދަފުށީގައި ބިނާކުރި ހިތްގައިމު މިސްކިތް ރޭގަނޑު ދިއްލާފައި. އެ މިސްކިތުގެ އެންމެ ޚާއްޞަ ކަމަކީ ޑިޒައިން. ފޮޓޯ: އޭދަފުށި ޓައިމްސް
އޭދަފުށީގައި މިހާތަނަށް ބިނާކުރި އެންމެ ބޮޑު މިސްކިތަށް މަސްޖިދު މުޙައްމަދު ޢަލީ މިސްކިތް ވެގެންދާއިރު، ދެބުރިއަށް ހަދައި މިސްކިތުގައި ދެޖިންސުގެ މީހުންނަށް ނަމާދު ކުރެވޭގޮތަށް ވަނީ ހަމަޖައްސައިފައެވެ.
ރާއްޖޭގެ އެހެން ރަށްރަށުގައި ބިނާކޮށްފައިވާ މިސްކިތްތަކާ އޭދަފުށީގެ މި މިސްކިތް ތަފާތުވާ އެއް ސަބަބަކީ މިސްކިތުގެ ޑިޒައިނެވެ. އެގޮތުން، މިސްކިތް ބިނާކުރުމަށްފަހު މިސްކިތުގެ އިންޓީރިއާ ރީތިކުރުމަށް އާއިލާއިން ކޮށްފައިވަނީ ބުރަ މަސައްކަތެކެވެ. މިސްކިތް ޑިޒައިން ކޮށްފައިވަނީ އީރާނާއި ތުރުކީވިލާތުގައި ހުންނަ މިސްކިތްތައް އަސްލަކަށް ބަލައިގެންނެވެ. އެ މިސްކިތުގެ ޑިޒައިން ފުރިހަމަކޮށް، އިންޓީރިއާ މަސައްކަތް ކުރުމަށް އާއިލާއިން ތުރުކީއާއި އީރާނުގެ ތަޖުރިބާކާރުންގެ ޓީމެއް އެރަށަށް ގެނައެވެ. އިންޓީރިއާގެ މަސައްކަތްތަކަށް ގެނައި ޓީމުން އެރަށުގައި ގާތްގަނޑަކަށް ދެމަސްދުވަހު ހަރަކާތްތެރިވިއެވެ. މިސްކިތުގެ ފުރިހަމަކަން އާއްމުކޮށް ފެންނަންފެށީ އާއިލާއާ ގުޅިގެން ޓީމުން ކުރި ބުރަ މަސައްކަތުންނެވެ.
މިސްކިތުގެ އެތެރެ. ޑިޒައިން ފުރިހަމަކުރީ އީރާނުން ތަޖުރިބާކާރުން ގެނެސްގެން. ފޮޓޯ: އޭދަފުށި ޓައިމްސް
އެ މަސައްކަތް ކުރިއިރު އާއިލާއިން ދިޔައީ އޭދަފުށީ ކައުންސިލާ ގުޅިގެން މަސައްކަތުގެ ހުރިހާ ކަމެއް ގާތުން ބަލަމުންނެވެ.
އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހު 'އެމްއެމްޓީވީ' އާ ވާހަކަދައްކަމުން ވިދާޅުވީ، އާއިލާއިން އެދުނު ގޮތަށް މިސްކިތުގެ މަސައްކަތްތައް ގާތުން ބައްލަވަމުން ގެންދެވި ކަމަށެވެ.
"އަޅުގަނޑުމެން ހަމަ އާއިލާގެ ފަރާތުން އެދިގެން ކޮންމެ ދުވަހަކު އެތަނަށް ޒިޔާރަތްކޮށް މަސައްކަތްތައް ބަލާ އަވަސްކުރުމަށް އިރުޝާދީ މިކަންކަމުގައި އަޅުގަނޑުމެން ހަމަ ވަރަށް ބޮޑަށް ބައިވެރިވީން. އެބޭފުޅުން ވަރަށް ހިތްހަމަޖެހިގެން މިކޮޅުގަ މަސައްކަތް ކޮށްފަ ނިންމާލާފަ އެދިޔައީ،" މިސްކިތުގެ ފުރިހަމަކަން ގެނެސްދިން ބޭރުގެ ޓީމަށް ޝުކުރުއަދާކުރަމުން ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
މިސްކިތަށް ވަންނަ މައި ދޮރޯއްޓާއި މިސްކިތުގައި ކުރަހާފައިވާ އިސްލާމީވަންތަ ރީތި ޑިޒައިންތަކުގައި ލިޔުންތައް ގެނެސްދީފައިވަނީ މުއްޓާއި މާބުލްތަކުގައެވެ. މިސްކިތު ބޭރުގެ ލައިޓްތަކުން ނުކުންނަ އަލިކަމާއެކު ރޭގަނޑު އެ މިސްކިތުގެ ހިތްގައިމުކަން އިތުރުވެއެވެ.
މިސްކިތުގެ ޑިޒައިނަށް ގެނެސްފައިވަނީ ސެންޓްރަލް އޭޝިއާ ސަރަޙައްދުތަކުގެ ކޮންސެޕްޓެވެ. ކޮންސެޕްޓް ހަޤީގަތަކަށް ހެދުމަށް އާއިލާގެ ބައެއް މެމްބަރުން ވަނީ އެސަރަޙައްދުގެ ޤައުމުތަކަށް ޒިޔާރަތްކޮށް، މިސްކިތްތައް ބަލައި ދިރާސާކޮށްފައެވެ. އޮމާން، ތުރުކީ، ސައުދީ އަރަބިއާ އަދި ދުބާއީ ފަދަ ޤައުމުތަކަށް ޒިޔާރަތްކުރިއެވެ.
މިސްކިތުން ފެންނަނީ އިސްލާމިކް އާކިޓެކްޗާގެ މުއްސަނދިކަމެވެ. ކެލިގްރަފީގެ އާޓުތަކާއެކު، މިސްކިތުގެ އެތެރެއާއި ބޭރުގައި ހުރީ މާބްލް ޖަހައިފައެވެ. އެ މާބްލްތަކުގައި ގުރުއާނުގެ އާޔަތްތައް ވެސް ކެލިގްރާފް ކުރިއެވެ.
އޭދަފުށީގައި ޤާއިމްކުރި ހިތްގައިމު މިސްކިތާއެކު އެންމެ ބޮޑު އުފާވެރިކަމެއް ލިބުނީ އެރަށުގެ ރައްޔިތުންނަށެވެ. އިތުރު މިސްކިތަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައި، އެފެންވަރުގެ މިސްކިތެއް ލިބުމަކީ އެރަށުގެ ރައްޔިތުން އުފަލާ އެކު ބަލައިގަންނަ ކަމެކެވެ.
ކައުންސިލްގެ ރައީސް ފާތިހު ވިދާޅުވީ، ރާއްޖޭގައި ބިނާކުރި އެންމެ ރީތި އެއް މިސްކިތަށް އޭދަފުށީގެ މަސްޖިދު މުޙައްމަދު ޢަލީ ވެގެންދިޔައީ އާއިލާގެ ބުރަ މަސައްކަތުން ކަމަށެވެ. އެކަމަށްޓަކައި ކައުންސިލާއި ރަށު ރައްޔިތުންގެ ނަމުގައި ކައުންސިލުން ވަނީ އާއިލާއަށް ޚާއްޞަ ޝުކުރެއް އަދާކޮށްފައެވެ.
އޭދަފުށީ މަސްޖިދުއް މުޙައްމަދު ޢަލީ މިސްކިތް. އަމިއްލަ ފަރާތަކުން ބިނާކުރި މިސްކިތަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފަ. ފޮޓޯ: އޭދަފުށި ޓައިމްސް
ކައުންސިލްގެ އެންމެ ބޮޑު އެދުމަކީ މިސްކިތުގެ ރީތިކަން ނުގެއްލޭނެހެން އެ މިސްކިތުގެ ބޭނުން ހެޔޮގޮތުގައި ހިފުމެވެ.
"މިސްކިތަކީ ވަރަށް ރީތިކޮށް ހަދާފަހުރި މިސްކިތެއް. މިސްކިތް ސާފުތާހިރުކޮށް ބެލެހެއްޓޭނީ އެންމެންގެ އެހީތެރިކަމާ އެއްބާރުލުން ލިބިގެން. އަޅުގަނޑުމެން ކިތަންމެ ވަރަކަށް މުވައްޒަފުން ލައިގެން މަސައްކަތް ކުރިނަމަވެސް އާއްމު ރައްޔިތުންގެ އެއްބާރުލުން ނުލިބިއެއް ސާފުތާހިރުކޮށް ބެލެހެއްޓުމަކީ އުނދަގޫ ކަމަކަށް ވާނެ،" ފާތިހު ވިދާޅުވިއެވެ.
ކައުންސިލުން ފާހަގަކުރިގޮތުގައި އެރަށަކީ އަމިއްލަ ފަރުދުންގެ އެހީތެރިކަމާއެކު ލާމަސީލު މަސައްކަތްތަކެއް ކޮށްފައިވާ ރަށެކެވެ. އެ މަސައްކަތްތަކުގެ ފުރިހަމަކަން ދެމެހެއްޓުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރަނީ އެރަށުގެ ރައްޔިތުން ކަމަށް ކައުންސިލުން ބުނެއެވެ.
މަސްޖިދު މުޙައްމަދު ޢަލީގެ ނަމުގައި އޭދަފުށްޓަށް އެ އާއިލާއިން ހަދިޔާކުރި މިސްކިތަކީ އެރަށުގެ ތާރީޚުގައި ލިޔެވޭނެ މުހިއްމު ރަމްޒެކެވެ. މިހާރު އުމުރުން 91 އަހަރުގެ މުޙައްމަދު ޢަލީ އަކީ އެރަށުގެ ތަރައްޤީގެ މަސައްކަތްތަކުގެ މުހިއްމު ބައިވެރިއެކެވެ. އެގޮތުން އެންމެ ޒުވާން އުމުރުއްސުރެ މުޙައްމަދު ޢަލީ ފާހަގަކުރެވުނީ، ހީވާގި މުރާލި ރައްޔިތެއްގެ ގޮތުގައެވެ. ސަރުކާރުތަކާ ގުޅިގެން އޭދަފުށީގެ ތަރައްޤީއަށް ކުރި މުހިއްމު ކަންކަމުގައި އަމަލީގޮތުން މުޙައްމަދު ޢަލީގެ ބައިވެރިވުން ބޮޑެވެ. އެގޮތުން، ތިން ރަށަކުން މީހުން ގެނެސް އޭދަފުށީގައި ވަޒަންވެރިކުރިއިރު، އޭރުގެ އަތޮޅުވެރިޔާ މަރްހޫމް ޔޫސުފްކަލޭފާނާއެކު މަސައްކަތް ކުރި ޓީމުގައި މުޙައްމަދު ޢަލީ އިސްދައުރެއް އަދާކުރިއެވެ. އަދި، އޭދަފުށީގައި މިހާރު ހަރަކާތްތެރިކޮށް އޮތް ފޭލި ޖަމިއްޔާގެ ފައުންޑާ މެމްބަރުންގެ ތެރޭގައިވެސް މުޙައްމަދު ޢަލީ ހިމެނެއެވެ.
އަމިއްލަ މަސައްކަތްތަކުގެ ތެރެއިން މުހައްމަދު ޢަލީ އެންމެ ބޮޑަށް ފާހަގަކުރެވުނީ ވިޔަފާރީގައެވެ. މުހައްމަދު އަލީގެ ބެލުމުގެ ދަށުން، އޮޑިދޯނި ފަހަރާއި، މަސް ދޯންޏާއި މުދާ އުފުލާ ދޯނިތައް ވިޔަފާރީގައި ހަރަކާތްތެރިވިއެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުން އާރާސްތުކޮށް، މުހައްމަދު އަލީގެ ހުވަފެނަކަށްވީ އޭދަފުއްޓަށް މިސްކިތެއް ހަދިޔާކުރާށެވެ. އެ ހުވަފެން ހަގީގަތަކަށް ހެދުމަށް މުހައްމަދު އަލީގެ 13 ކުދިން އެކި ޒިންމާތައް ނެގިއެވެ.
މަސްޖިދުއް މުޙައްމަދު ޢަލީ މިސްކިތް. މިސްކިތުގެ ހުރިހާ މަސައްކަތެއް ނިންމައި ރޯދަމަހު ހުޅުވަން އަންނަނީ މަސައްކަތްކުރަމުން. ފޮޓޯ: އޭދަފުށި ޓައިމްސް
އޭދަފުށީ މަސްޖިދު މުޙައްމަދު ޢަލީ ރަސްމީކޮށް ހުޅުވުމަށް ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުންނެވެ. އާއިލާގެ އުއްމީދަކީ އަންނަ ހުކުރު ދުވަހު މިސްކިތް ރަސްމީކޮށް ހުޅުވުމެވެ. އޭދަފުށީ ޑޭޒީވިލާ އާއިލާއިން ހަދިޔާކުރި މަސްޖިދު މުޙައްމަދު ޢަލީ މިސްކިތަކީ ރާއްޖޭގެ މިސްކިތްތަކަށް އިންގިލާބީ ބަދަލެއް ގެންނާނެ މިސްކިތެކެވެ. ތަރައްޤީގެ މުހިއްމު މަސައްކަތްތަކެއް ކޮށްފައިހުރި، ރާއްޖޭގެ ތަރައްޤީގައި ފާހަގަކޮށްލެވޭ އޭދަފުށިން މިހާރު ފެންނަ އެންމެ ހިތްގައިމު މަންޒަރަކީވެސް މަސްޖިދު މުޙައްމަދު ޢަލީ މިސްކިތެވެ.