ENGLISH

21 އޭޕްރީލު 2025

Advertisement

ކުޑަކުއްޖެއްގެ ކަރާމާތް ނަގައިލުމަށްފަހުވެސް އެމްޑީޕީން ހަގީގަތް އޮޅުވައިލާ ދައްކައިދިނީ އަސްލު ސޫރަ!

14 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

އެމްޑީޕީން މާލޭގެ މަގުތަކުގައި ކުރަމުންދާ މުޒާހަަރާތަކުގެ ތެރެއިން، ފޮޓޯ: އެމްޑީޕީ

މި ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ރެޔަކު އިދިކޮޅު އެމްޑީޕީން މާލޭގެ މަގުތައް މަތީގައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ކައިރިއަށް އެއްވެ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދާ ދިމާކޮށްގަނެގެން އެ ޕާޓީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ) ދެއްކިި ވާހަކަތަކުގެ ތެރެއިން ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން ސާބިތުނުހިފޭ ވާހަކަތައް ދެއްކި ދެއްކުން އެ ޕާޓީން ދިފާއުކޮށް، އިސްލާމީ ރަނގަޅު އުސޫލުތަކުގައި ހިފަހެއްޓުމަށް ބޭނުންނުވާކަން އެޕާޓީން ދައްކައިދީފިއެވެ. 

ސިޔާސީ ބޭނުމަށްޓަކައި، އިސްލާހުކުރުމުގެ ނަމުގައި އެމްޑީޕީން މާޒީގައި ހިންގި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ދިވެހި މުޖުތަމައުގައި، އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރަމުން އައި އެތައް ރަނގަޅު ސިފައެއް ނައްތައިލިއެވެ. އިސްރަށްވެހިންނަށް ދިވެހިން ކުރި އިހުތިރާމާއި، ވެރިންނަށް ބެހެއްޓި ގަދަރާއި، މުއައްސަސާތަކަށް ކުރަމުން އައި އަދަބު ތައުޒީމު މި މުޖުތަމައުން ނެތިގެންދިޔައީ އެ ހަރަކާތްތަކުގެ ސަބަބުންކަން ވިސްނައި ފިކުރުކުރާ ކޮންމެ މީހަކުމެ ގަބޫލުކުރާނެއެވެ. 

މި މުޖުތަމައުން ނެތިގެންނުދާ އެންމެ ރަނގަޅު އެއް ސިފައަކީ އެންމެންމެ ކުޑަކުދިން ރައްކާތެރިކުރަން ބޭނުންވުމެވެ. ސިޔާސީ ވާދަވެރިކަމުގައި ކުޑަކުދިންގެ ކަރާމާތް ގެއްލުވައިލައި އެކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ އަނިޔާ ލިބޭނެ ކަންކަން ނުކުރުމެވެ. 

ނަމަވެސް އެމްޑީޕީގެ ހަރަކާތްތަކުގެ ތެރެެއިން އެކަންވެސް ފެށިއްޖެއެވެ. ފުރަތަމަ މީސްމީޑިޔާގައި ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އެއްވެސް އަސާސެއް ނެތް ވާހަކަތައް ފެތުރީއެވެ. އެވަރުން ނުފެދިގެން މިހާރު މެގަފޯނުތައް ހިފައިގެން ނުކުމެ އެ މައުސޫމު ދަރިކަލުންގެ އިސްތަށިފުޅުގައި ދޮގު އިލްޒާމުތަކެއް އަޅުވައި، ގަނާކުރުމާއި ފުރައްސާރައިގެ އަމާޒުފަތްގަނޑަކަށް ހަދައިލީއެވެ. 

ޒިންމާދާރު ސިޔާސީ ޕާޓީއެއްނަމަ، އެ ޕާޓީގެ އެކްޓިވިސްޓަކު މިފަދަ އަމަލެއެް ހިންގުމުން އެކަމަށް މައާފަށް އެދި، ދެން އެފަދަ ކަމެއް ތަކުރާރުވިޔަނުދޭނެ ކަމުގެ ޔަގީންކަންދޭނީއެވެ. ނަމަވެސް އެމްޑީޕީން މިއަދު ބަޔާނެއް ނެރެ، މަރިޔަމް ޒުބައިރުގެ ނާތަހުޒީބު އަމަލު ދިފާއުކުރީއެވެ. މަސައްކަތްކުރީ މަރިޔަމް ޒުބައިރު ދެއްކި ވާހަކައަކީ ނުވެސް ދައްކާ ވާހަކައެއް ކަމުގައި ތަސައްވުރުކޮށްދޭށެވެ. ރައީސްގެ ދަރިކަލުންނާ ގުޅުވައިގެން އޭނާ ދެއްކި ވާހަކަތައް އެހުރީ މީސްމީޑިޔާގައި އެންމެންނަށް ފެންނާށެވެ. 

ދިވެހި މުޖުތަމައުގެ އަހުލާގީ ފޭރާން ދިފާއުކުރެއްވުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ ދީނީ އިލްމުވެރިންވަނީ މަންދީގެ މި އަމަލު ކުށްވެރިކުރައްވާފައެވެ. މަޝްހޫރު އިލްމުވެރިޔާ ޝައިޚް އަޙްމަދު ސަމީރު ލިޔުއްވާފައިވާ ފަދައިން ސިޔާސީ އެއްވުންތަކައި ޕޯޑިއަމްތަކުގައި މީހުންގެ ޅަދަރީން ހަވަރަށް ނުދީ ސިޔާސީ ހަރަކާތް ހިންގެންޖެހޭނެއެވެ. ޝައިޚު ނަސޭހަތްތެރިވެވަޑައިގަތީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި ހައްގުން ކަމަކާނުލައި މާތްﷲ ހުރުމަތްތެރިކުރައްވާފައިވާ މުސްލިމުންގެ އަބުރާއި ކަރާމާތަށް އަރައިނުގަތުމަށެވެ. 

އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ.އަލީ ޒާހިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިޔާސީ ބޭނުމުގައިވިޔަސް އަންހެނަކަށް ކުޑަކުއްޖަކަށް ބެލުމެއް ނެތި ހަގީގަތް އޮޅޭގޮތަށް މުސްލިމުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާ މީހުން އިސްރާ ސޫރަތުގެ 13 ވަނަ އާޔަތުގައިވާ ބަސްފުޅާމެދު ވިސްނުމަށް އިލްތިމާސްކުރެއްވިއެވެ. އެ އާޔަތުގެ މާނާގައިވަނީ؛ "އަދި އިންސާނަކުމެ އޭނާ ކުޅަ އަމަލު އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި ގިޔާމަތް ދުވަހުން ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެފޮތް ނިއުޅައިލެވިގެންވާ ހާލުގައި އޭނަ ދެކޭނެތެވެ." 

އެމްޑީޕީގެ މާޒީއަކީ މުޖުތަމައުގެ އަގުކުރުންތައް ފުނޑައިލުމުގެ މާޒީއެކެވެ. އެއީ މުޖުތަމައުގައި ހުރި ރަނގަޅު އާދަތަކާއި އަހުލާގީ މިންގަނޑުތައް ނެތިކޮށްލުމުގެ މާޒީއެކެވެ. ނަމަވެސް އެމްޑީޕީން ރޯކުރަމުންދާ ނަފުރަތާއި ރުޅިވެރިކަމުގެ ގިނީގައި، އަޅުގަނޑުމެންގެ ތުއްތުކުދީންގެ ކަރާމަތާއި އިއްޒަތާއި ދުޅަހެޔޮކަން އަންދައިލަން ޖާގަދެވިގެންނުވާނެއެވެ. ކޮންމެ މީހެއްގެ ދަރިއަކަށްވިޔަސް ދިވެހި ކޮންމެ ކުއްޖަކީ ދިވެހި އުޑުގެ ހިޔަލުގައި އުފަލާއި ރައްކާތެރިކަން ލިބިގެން ދިރިއުޅޭ ކުއްޖެއްކަން ކަށަވަރުކުރަންޖެހޭނެެއެވެ. އެމްޑީޕީއަށްވެސް އެންމެ ރަނގަޅު ހެޔޮ ގޮތަކީ މިކަން ގަބޫލުކޮށް ގާނޫނުތަކާއި އަހުލާގީ މިންގަނޑުތަކާ ހިލާފަށް ކުޑަކުދިންނަށް ގެއްލުންވާނެހެން ވާހަކަދައްކާ ޕާޓީގެ އެކްޓިވިސްޓުންނާމެދު ފިޔަވަޅުއަޅައި އެފަދަ ކަންކަން ތަކުރާރުވިޔަނުދިނުމެވެ. 

ކިޔުންތެރިންގެ ހިޔާލު