ENGLISH
13 ޖުލައި 2025
ރޯދައިގެ ފަހު ދިހައެއް ބަންދުކުރެއްވުން؛ ދީނީ ކަންކަމަަށް ރައީސް ދެއްވާ އަހަންމިއްޔަތުގެ ދަލީލެއް
14 މާރިޗު 2025
|
އިއްޒުއްދީން ފާލަން ހުޅުވައިދެއްވުމަށްފަހު ރައީސް ވާހަކަދައްކަވަނީ، ފޮޓޯ: ރައީސް އޮފީސް
ރަމަޟާން މަހުގެ ފަހު ދިހަ ދުވަހަކީ މުސްލިމުން އަޅުކަމުގައި ޝާމިލުވެގެން އުޅޭ ދިހަ ދުވަހެވެ. މިސްކިތުގައި އިޢުތިކާފަށް ތިބުމާއި، ރޭ އަޅުކަމާއި ތަހައްޖުދާއި, ތަރާވީޙު ނަމާދުގެ މަތިވެރި އަޅުކަމެވެ. އެރޭތަކުގެ ތެރޭގައި ލައްވާފައިވާ އަހަރުގެ އެންމެ ބަރަކާތްތެރި ރޭކަމަށްވާ ލައިލަތުލް ޤަދުރިގެ ސަވާބާއި ދަރުމަ އަދައިގެން އެކަން ލިބޭތޯ، ދުވާލާއި ރޭގަނޑު އަޅުކަމުގައި މަޝްޣޫލުވެގެން އުޅުމަކީ އެ ދުވަސްތަކުގައި ދިވެހިން ހިމެނޭހެން ހުރިހާ މުސްލިމުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އެ ދުވަސްތަކުގައި ގެންނަ ބޮޑު ބަދަލެކެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި އެ އަހަރުގެ އޯގަސްޓު 30 ވަނަ ދުވަހުގެ ރޭ ބ.އޭދަފުށީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުވަނީ، އެ ބަރަކާތްތެރި ދިހަ ދުވަހު އަޅުކަމުގައި މަޝްޣޫލުވެގެން އުޅުން ފަސޭހަކޮށްދެއްވުމަށް، އެމަނިކުފާނުގެ ވެރިކަމުގައި އެ ދިހަ ދުވަސް ސަރުކާރު ބަންދު ދުވަސްތަކެއްކަަމުގައި ހަމަޖައްސަވާނެކަން އިއުލާނުކުރައްވާފައެވެ. އެއީ އެމަނިކުފާނު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅެކެވެ.
އެއީ ފަހު ދިހައެއްގައި ޢުމްރާއަށް ދާ މީހުންނަށް އިތުރު ޗުއްޓީއެއް ނަގަން ނުޖެހުމާއެކު، ރޭ އަޅުކަމުގައި އުޅެން ފަސޭހަކޮށްދެއްވުމުގެ ބޭނުމުގައި ކަމަށް އެ ރޭ ރައީސް ވިދާޅުވިއެވެ. އެ ރޭ އެމަނިކުފާނު ދެއްވި ޔަގީންކަމަކީ އެމަނިކުފާނުގެ ސަރުކާރު ހިންގަވާނީ ދީނީ ކަންކަމަށް މަގުފަހިވާނެ ގޮތަށް ސިޔާސަަތުތައް ތަރުތީބުކުރައްވައިގެން ކަމުގެ ޔަގީންކަމެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން އެ ވައުދުފުޅު ގެންދަވަނީ ވިދާޅުވި ގޮތަށް ފުއްދަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ އަހަރުގެ ރަމަޟާން މަހުވެސް ފަހު ދިހަ ދުވަހަކީ ސަރުކާރު ބަންދު ދުވަސްތަކެއްކަމަށް އެމަނިކުފާނު ކަނޑައެޅުއްވިއެވެ. އަދި މި އަހަރުވެސް މާޗު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ސަަރުކާރު ބަންދުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ނިންމެވިކަން މިއަދު ރައީސް އޮފީހުން އިއުލާނުކޮށްފައިވެއެވެ.
މިއީ ރޯދަވެރިންނަށް ރައީސް ދެއްވި އަގުހުރި ހަދިޔާއެކެވެ. މި ބަރަކާތްތެރި ރަމަޟާން މަހުގެ އެންމެ ބަރަކާތްތެރި ދުވަސްތަކުގެ މަންފާ އޭގެ އެންމެ ފުރިހަަމަ ގޮތުގައި ލިބިގަތުމަށް މަގުފަހިކޮށްދެއްވުމުގެ މަގުސަދުގައި ދިވެހިންނަށް އެމަނިކުފާނު ދެއްވި ހަދިޔާއެކެވެ.
މިއީ މިސްކިތްތަކުގައި އިޢުތިކާފަށް ތިބުމަށާއި، ތަރާވީޙު ނަމާދާއެކު ތަހައްޖުދުގެ މަތިވެރި އަޅުކަމުގައި ދަތިކަމެއް ނެތި އުޅުމަށް މަގުފަހިކޮށްދެއްވަން ރައީސް ނިންމެވި ނިންމެވުމެކެވެ. މި ދިހަ ދުވަހަކީ އަހަރު ތެރޭގައި މުސްލިމުންނަށް ލިބޭ އެންމެ އަގުހުރި ފުރުސަތެވެ. މާތްﷲއާ ކުއްތަންވެ އެކަލާނގެ ދަރުމައާއި ސަވާބު ލިބިގަތުމަށް ހުޅުވައިލެވޭ ތަނަވަސް ދޮރާށިތަކެކެވެ. ރައީސް މިވަނީ ދިވެހި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ހުރިހާ ދިވެހިންނަށް މި ތަނަވަސް ދޮރާށިތަކުން ވަނުމުގެ ފުރުސަތު ތަންމިނަށް ފަހިކޮށްދެއްވާފައެވެ.
އިސްލާމްދީނުގެ އެންމެ މަތިވެރި ރުކުންކަމަށްވާ ނަމާދަށް ރައްކާތެރިވުމަށް ރައީސްގެ ގިނަ ތަޤުރީރުތަކުގައި ހުރިހާ ދިވެހިންނަށް ވަސިއްޔަތްކުރައްވައެވެ. ދީނުގެ އަޅުކަންތައް އަދާކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރައްވައި އެކަންކަމަށް ނުހަނު ބާރުއަޅުއްވައެވެ.
އެމިންވަރުން ފުއްދަވައިލެއްވުމުގެ ބަދަލުގައި އަޅުކަމުގައި މަޝްޣޫލުވެގެން އުޅުމަށް ބޭނުންވާ ޖާގައާއި ފުރުސަތުވެސް އެމަނިކުފާނު މިވަނީ ހުރިހާ ދިވެހިންނަށް ފަހިކޮށްދެއްވާފައެވެ. ރޯދަވެރިންނަށް ރައީސް ދެއްވި މި ހަދިޔާއަކީ އެމަނިކުފާނު އިސްލާމީ ކަންކަމަށް ދެއްވާ އަހަންމިއްޔަތާއި އެކަންކަމަށް ބަހައްޓަވާ ސަމާލުކަމުގެ މައްޗަށް ދަލީލުކުރާ އަލިގަދަ ހެއްކެެކެވެ.
ރައީސް ފަހިކޮށްދެއްވި މި ފުރުސަަތުގެ ބޭނުންހިފައި މި ރަމަޟާން މަހުގައިވެސް ފަހު ދިހައިގެ ދުވަސްތައް އެ ދުވަސްތަކުގައި އެކުލެވޭ ބަރަކާތާއި، ދަރުމައާއި، ފުއްސެވުމާއި، ދިންނެވުމާއި، ނަރަކައިން މުއްތިކުރެއްވުން ހާސިލުވާނެހެން އެންމެ ފުރިހަމަ ގޮތުގައި އަޅުކަމުގައި ޝާމިލުވެގެން އުޅެމާތޯއެވެ.