ENGLISH
13 ޖުލައި 2025
އުފެއްދުންތެރިކަމުގެ މައުރަޒުގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
14 މާރިޗު 2025
|
ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025 ގައި ކުރިއަށްގެންދާ ބޮޑުބެރު މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ބީސީސީން ހުޅުވާލައިފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކަށް، ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގެ ވެބްސައިޓް ، www.expo.mv މެދުވެރިކޮށް ރަޖިސްޓަރ ކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ވެބްސައިޓުން މި މުބާރާތުގެ ގަވާއިދާއި އިތުރު މަޢުލޫމާތު ލިބެން ހުންނާނެއެވެ.
ބީސީސީ އާއި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މި މާރޗް މަހުގެ 25 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލެވިފައެވެ. މި މުބާރާތުން އެކި ވަނަތަކަށް ހޮވޭ ބޮޑުބެރު ގްރޫޕްތަކަށް ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިންގެ އުފެއްދުންތެރިކަން ދައްކުވައިދިނުމަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު މައުރަޒުގައި މިފަދަ މުބާރާތެއް ބޭއްވުމުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތާރީޚާއި ސަގާފަތުގެ މުއްސަނދިކަން ދައްކުވައިދީ، ބޮޑުބެރުގެ ވާދަވެރިކަމުގެ ތެރެއިން ދާއިރާއަށް އައު ތަރިން ނެރުމެވެ. އަދި ދިވެހިންގެ މެދުގައި މިކަމަށް އޮތް ޖޯޝާއި ފޯރި އާލާކޮށް، ޒުވާނުންގެ ހިތްތަކުގައި މި ކަމަށް ލޯބި ޖެއްސުމަކީ ވެސް މި މުބާރާތުގެ މަޤްޞަދެކެވެ.
މި މުބާރާތުގެ އިތުރުން ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ވަނީ ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަށް ޚާއްޞަކޮށްގެން ޓިކްޓޮކް ޗެލެންޖެއް ވެސް ފަށާފައެވެ. މި ޗެލެންޖް އެޕްރީލް މަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ކޮންމެ މަހަކުވެސް ހޮވޭ ޓިކްޓޮކަކަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އަދި މުޅި ޗެލެންޖުން ހޮވޭ ފަރާތަކަށް 15،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޓިކްޓޮކް ޗެލެންޖުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ދިވެހީންގެ އުފެއްދުންތެރިކަން ދައްކުވައިދޭ އަދި މަޢުރަޒު އިސްތިހާރުކުރާ ވީޑިއޯތައް @maldives.expo ޓެގްކޮށް، #dhiveheengemauraz25 ނުވަތަ #expomaldives25 ހޭޝްޓެގާއެކު ޕޯސްޓު ކުރުމުން މި ޗެލެންޖުގައި ބައިވެރިވެވެވޭނެއެވެ.
ދިވެހީންގެ އުފެއްދުންތެރިކަމުގެ މަޢުރަޒު 2025 އަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ލަފަޔާއެކު ބީސީސީން ބާއްވާ ޚާއްޞަ މައުރަޒެކެވެ. މި މަޢުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ މި އަހަރުގެ މެއި މަހުގެ 23 އިން 31 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
މުޅި ރާއްޖެއަށް ހުޅުވާލެވިގެން ޤައުމީ ރޫހެއްގައި، ވާދަވެރި ގޮތަކަށް ބާއްވާ މި މައުރަޒުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖޭގެ ހުރިހާ ރަށަކަށް ފޮނުވުމަށް ޚާއްޞަ ޙަރަކާތެއްވެސް ބީސީސީން ވަނީ ފަށާފައެވެ. މި މައުރަޒުގައި ރާއްޖޭގައި ތިބި ފަންނުވެރިން ޕްރޮމޯޓްކޮށް އެމީހުންގެ ހުނަރު ތަރައްޤީކުރުމަށް ގިނަ ކަންތައްތަކެއް ކުރިއަށް ގެންދިއުމަށް ބީސީސީން ވަނީ ނިންމާފައެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒް 2025ގެ މަޢުލޫމާތު ފަސޭހައިން ލިބޭނެ ގޮތް ހެދުމަށްޓަކައި ބީސީސީން ވަނީ މި މައުރަޒަށް ޚާއްޞަ ވެބްސައިޓެއް ވެސް (www.expo.mv) ތައްޔާރުކޮށްފައެވެ.