ENGLISH

13 ޖުލައި 2025

Advertisement

އޮޅުވާލައިގެން ފަޤީރުންގެ ލިސްޓްގައި ޖެހިފައިވާނަމަ ޙައްޖުގެ ފުރުސަތު ގެއްލޭނެ: ވަޒީރު

14 މާރިޗު 2025

|

އަޙުމަދު ޙަމީދު

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

ސަރުކާރުގެ ޚަރަދުގައި ހައްޖަށް ދާން ފަޤީރުންގެ ދަފްތަރުން ހޮވޭ ފަރާތްތައް ޙައްޖަށް ފޮނުވާނީ އިތުރަށް އެމީހުންގެ ޙާލަތު ބަލާފައި ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަޙީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވަޒީރު މިހެން ވިދާޅުވީ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖެއްގަަ އެވެ. ވަޒީރު މިފަދައިން ވިދާޅުވީ ބައެއް މީހުން އޮޅުވާލައިގެން ފަޤީރުންގެ ދަފްތަރުގައި ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކާއި ގުޅިގެންނެވެ.

ވަޒީރު ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ޙައްޖުގެ އަޅުކަމަށް ފޮނުވަން ހޮވުނު މީހުން ޙައްޖުގެ އަޅުކަމަށް ފޮނުވާނީ ފަޤީރުންގެ ޝަރުޠަށް ފެތޭކަން ކަށަވަރުކޮށްފައި ކަމަށެވެ.

މިގޮތުން އެއާ ޚިލާފަށް އޮޅުވާލައިގެން މައުލޫމާތު ދީގެން ދަފްތަރުގައި ޖެހިފައިވާ ކަން ސާބިތު ވެއްޖެ ނަމަ ހައްޖުގެ ފުރުޞަތު ގެއްލޭނެ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ދިވެހި ސަރުކާރުގެ ޚަރަދުގައި މި އަހަރު ހިލޭ ހައްޖަށް ފޮނުވުމަށް ހަމަޖެހިފައިވާ 50 މީހުން ކަނޑައެޅުމަށް ގުރުއަތުލުން ބާއްވާފައި ވަނީ މި މަހުގެ 11 ވަނަ ދުވަހު އެވެ.  

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ބުނީ ހިލޭ ޙައްޖަށް މީހުން ފޮނުވުމާއި ގުޅޭ އުސޫލުގެ ދަށުން ޝަރުތުހަމަވާ 302 މީހުންގެ މެދުގައި ނެގުނު ގުރުއަތުން ވަނީ ޙައްޖަށް ފޮނުވާނެ 50 މީހުން ހޮވާފައިވާ ކަމަށެވެ. އަދި އިތުރުން އެއްވެސް ސަބަބަކާހުރެ ހައްޖު ދަތުރުގައި ބައިވެރިނުވެވޭ ހާލަތެއް ގުރުއަތުން ހޮވޭ ފަރާތަކަށް މެދުވެރިވެއްޖެނަމަ، އެމީހުންގެ ބަދަލުގައި ފޮނުވާނެ 10 މީހުން ވެސް ގުރުއަތުން ހޮވާފައިވާ ކަމަށެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ދާނެ މީހުން ކަނޑައެޅުމަށް ގުރުއަތު ނަގާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ފަޤީރުންގެ ދަފްތަރަށް ބަލައިގެންނެވެ. މި ދަފްތަރަކީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޒަކާތު ހައުސްއިން ރިވިއުކޮށްފައިވާ ދަފްތަރެކެވެ.

ކިޔުންތެރިންގެ ހިޔާލު