ENGLISH

21 އޭޕްރީލު 2025

Advertisement

ބަދުރު ހަނގުރާމައިގެ ނަސްރުން ލިބޭ ފިލާވަޅުތައް ގިނަގުނަ: ހުކުރު ޚުޠުބާ:

14 މާރިޗު 2025

|

އިސްމާއީލް ރާތިއު

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، މިއަދުގެ ޚުޠުބާ ވިދާޅުވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ

ރަމަޟާން މަހަކީ، އެމަހެއްގައި ނުހަނު ގިނަ ދަރުމައާއި ނަޞްރުދެއްވުން ލައްވާފައިވާ މަހެއް ކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.

އެގޮތުން މިއަދުގެ ހުކުރު ޚުޠުބާގައި ޚާއްޞަ ގޮތެއްގައި އަލިއަޅުވާލައްވާފައި ވަނީ ބަދުރު ހަނގުރާމައިގެ ނަޞްރުން ލިބިދޭ ފިލާވަޅުތަކުގެ މައްޗަށެވެ.

ބަދުރު ހަނގުރާމައިން ލިބިދޭ ފިލާވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ޚުޠުބާގައި ފާހަގަކޮށްފައިވަނީ ކަންކަމުގައި މަޝްވަރާގެ އުސޫލު ބޭނުންކުރުމެވެ. އެގޮތުން ހަނގުރާމައިގެ ކަންކަމުގައި މުހާޖިރުންނާއި އަންޞާރުންނާއި، ކީރިތި ރަސޫލާ މަޝަވަރާ ކުރައްވާ، އެބޭކަލުންގެ ލަފާގެ މަތިން ކަންކަން ކުރެއްވުމަކީ ބަދުރު ހަނގުރާމައިގައި ނަޞްރު ލިބުމުގެ އަޞްލެއް ކަމަށް ހުކުރު ޚުޠުބާގައި ބުނެފައިވެއެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ޚުޠުބާގައި ފާހަގަކޮށްފައިވަނީ މިއަދު އަޅުގަނޑުމެންގެ ތެރެއިން ނެތެމުންދާ ވަރަށް މުހިންމު ސިފައެކެވެ. ވެރިންނަށް ކިޔަމަންވުމުގެ ސިފައެވެ.

މިނުކުތާގެ ދަށުން އަޞްޙާބު ބޭކަލުންގެ ތެރެއިން ދެ ބޭކަލެއް ވިދާޅުވި ވަރަށް ޢިބުރަތްތެރި ބަސްކޮޅުތަކެއް ޚުޠުބާގައި ގެނެސްފައިވެއެވެ. ފުރަތަމައަށް ގެނެސްފައިވަނީ، ޤުރައިޝުންގެ ލަޝްކަރު ހަނގުރާމައަށް އަންނަ ވާހަކަ އަބޫބަކުރުގެފާނާއި، ޢުމަރުގެފާނަށް ދެންނެވުމުން އެދެބޭކަލުން ހަނގުރާމައަށް ތާއީދު ކުރެއްވުމުން މިޤްދާދު ބިން ޢަމްރު ވިދާޅުވި ބަސްފުޅެވެ. " ﷲ އިރާދަކުރެއްވި ގޮތަށް ކުރިއަށް ވަޑައިގަންނަވާށެވެ. ތިމަންމެން ވާހުށީ ކަލޭގެފާނާއި އެކީގައެވެ. ބަނީ އިސްރާއީލުގެ މީހުން މޫސާގެފާނާއި މުޚާޠަބުކޮށް ބުނިފަދައިން ތިމަންމެން ނުބުނާނަމެވެ.

فَاذْهَبْ أَنتَ وَرَبُّكَ فَقَاتِلَا إِنَّا هَاهُنَا قَاعِدُونَ ‎﴿٢٤﴾ (މާއިދާ) މާނަ: " ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއާއި، ކަލޭގެފާނު ވަޑައިގެން އެއުރެންނާ ހަނގުރާމަ ކުރައްވާށެވެ! ތިމަންމެން މިތާނގައި ތިބޭނޫއެވެ."

ތިމަންމެން ބުނާނީ ކަލޭގެފާނާއި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ވަޑައިގެން ހަނގުރާމަ ކުރައްވާށެވެ. ތިމަންމެން ކަލޭގެފާނާއި އެކުގައި ހަނގުރާމައިގާ ބައިވެރިވާނަމެވެ."

ދެވަނައަށް ގެނެސްފައިވަނީ އެއާ ވިދިގެން ސަޢުދު ބުން މުޢާޛް ވިދާޅުވި ބަސްފުޅެވެ. " ތިމަންމެން މިތިބީ ކަލޭގެފާނު ގެންނެވި ރިސާލަތަށް އީމާންވެ، ކަލޭގެފާނުގެ ބަސްފުޅު ތެދުކޮށްގެންނެވެ. އަދި ކަލޭގެފާނު ގެންނެވި ރިސާލަތަކީ ހައްގު ތެދުކަން ގަބޫލުކޮށް އެކަމަށް ހެކިވެގެންނެވެ. އަދި އެކަމުގެ މައްޗަށް ކަލޭގެފާނަށް އަހުދު ކަށަވަރުދީ، ކިޔަމަންތެރި ވެގެންނެވެ. ކަލޭގެފާނަށް ފެނިވަޑައިގަންނަވާ ގޮތަކަށް ކުރިއަށް ވަޑައިގަންނަވާށެވެ. ކަލޭގެފާނުގެ ވެރި ރަސްކަލާނގެ ގަންދީ ބުނަމެވެ. ކަލޭގެފާނު ތިމަންމެންނާއެކު، ތިމަންމެންގެ ކައިރީގައި މިއޮތް ކަނޑަށް އެރިވަޑައިގަތުމަށް ވަޑައިގަތްކަމުގައިވީ ނަމަވެސް ތިމަންމެން ކަލޭގެފާނާއެކު އެކަނޑަށް އެރޭހުށީމެވެ. ފަހެ ތިމަންމެންގެ ތެރެއިން އެކަކުވެސް މިކަމާ ދެކޮޅެއް ނަހަދާނަމެވެ."

ބަދުރު ހަނގުރާމައިން ލިބިދޭ ތިންވަނަ ޢިބުރަތަކަށް ޚުޠުބާގައި ގެނެސްފައި ވަނީ އަޞްޙާބު ބޭކަލުން ވެވަޑައިގަތް މަތިވެރި ޤުރުބާނީއެވެ. އެގޮތުން، ކީރިތި މާތް ނަބިއްޔާ އެކަލޭގެފާނުގެ ޢަރީޝްކޮޅުގައި ހުއްޓިވަޑައިގެން ހުންނެވިއިރު، އެކަލޭގެފާނުގެ ހަށިފާރަވެރިންގެ ގޮތުގައި އަބޫބަކުރުގެފާނާއި ސަޢުދު ބިން މުޢާޛްގެފާނު ތިއްބެވިއެވެ. މީގެ އިތުރުން އަންޞާރިއްޔަ ބޭކަލެއް ކަމުގައިވާ ޢުމައިރު ބުނު ޙުމާމް، ހަނގުރާމައިގެ މައިދާނުގައި ފޯރިއާއެކު ހަނގުރާމަކުރައްވާ ޝަހީދުވެވަޑައިގަތެވެ. މިކަމާގުޅޭ ގޮތުން އަންނަނިވި އާޔަތް ބާވައިލެއްވިއެވެ.

وَلَا تَقُولُوا لِمَن يُقْتَلُ فِي سَبِيلِ اللَّهِ أَمْوَاتٌ ۚ بَلْ أَحْيَاءٌ وَلَٰكِن لَّا تَشْعُرُونَ  (ބަޤަރާ 154) މާނައީ: "އަދި اللَّه ގެ މަގުގައި (جهاد ކުރަނިކޮށް) شهيد ވާ މީހުންނާމެދު (އެއީ) މަރުވެފައިވާ ބަޔެކޭ، ތިޔަބައިމީހުން ނުބުނާށެވެ! އަދި ކިއެއްތަ! އެއުރެންނީ، ދިރިތިބި ބަޔެކެވެ. އެހެނެއްކަމަކު (އެކަން) ތިޔަބައިމީހުންނަށް ނޭނގެނީއެވެ."

މީގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ ހާދިސާ އަކީ އެންމެ 16 އަހަރުފުޅުގައި ޝަހީދުވެވަޑައިގަތް ޢުމައިރު ބިން އަބީ ވައްޤާސްގެ ހާދިސާއެވެ. އެކަލޭގެފާނު ޖިހާދަށް ނުކުމަވަޑައިގަތުމުގެ ހުއްދައަށް އެދިވަޑައިގަތުމުން، އެކަލޭގެފާނުގެ އުމުރުފުޅުގެ ހަގުކަމަށް ބައްލަވާ، ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމް، ފުރަތަމަ ހުއްދަ ނުދެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ކީރިތިކުރައްވާ، އާދޭސް ދަންނަވަން ފެއްޓެވުމުން އެކަލޭގެފާނު ހުއްދަދެއްވިއެވެ.

އެންމެ ފަހުކަމަކަށް ޚުޠުބާގައި ފާހަގަކޮށްފައިވަނީ މާތްﷲ އަށް ވަކީލުކުރުމާއި، އެކަލާނގެއަށް ދުޢާ ދެންނެވުމުގެ މުހިންމުކަމެވެ. މިކަމަށް ޢިޝާރާތްކުރައްވާ، އަންނަނިވި އާޔަތް ގެނެސްފައިވެއެވެ. فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ ۚ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ ‎(އާލް ޢިމްރާން 159) މާނައީ: " ފަހެ، (ކަމަކާމެދު) ކަލޭގެފާނު عزم ކަނޑައަޅުއްވައިފިނަމަ، ފަހެ، ކަލޭގެފާނު اللَّه އަށް وكيل ކުރައްވާށެވެ! ހަމަކަށަވަރުން، وكيل ކުރާ މީހުންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ."

ބަދުރުގެ މައިދާނުގައި މުސްލިމުން ދެއްކެވި ސާބިތުކަމާއި، އެބޭކަލުން ހަމައެކަނި ﷲ އަށް ވަކީލުކުރެއްވުމުގެ ނަތީޖާއެއްގެ ގޮތުން 3000 މަލާއިކަތުންގެ ލަޝްކަރަކުން އެބޭކަލުންނަށް ނަޞްރުދެއްވިކަން، އަދި ކެތްތެރިވެ ﷲ އަށް ބިރުވެތިވެ ރައްކާތެރިވާނަމަ މުޝްރިކުންގެ ހަމަލާތައް ކުއްލިއަކަށް އަންނަކަމުގައި ވާނަމަ، ފާހަގަ ކުރެވިފައިވާ 5000 މަލާއިކަތުންގެ ލަޝްކަރެއްގެ އެހީތެރިކަން ދެއްވާނެކަންވެސް އާލް ޢިމްރާން ސޫރަތުގެ 123-126 މި އާޔަތްތަކުގެ އަލީގައި ޚުޠުބާގައި ބަޔާންކުރައްވާފައިވެއެވެ.

ޚުޠުބާގައި އިތުރަށް ބުނެފައިވަނީ ދުޢާއަކީ މުއުމިނުންގެ ހަތިޔާރުކަމަށާއި، ދުޢާ ދެންނެވުމުގައި ލަދުގަނެގެން ނުވާނެ ކަމަށެވެ. ﷲ ތަޢާލާއީ ދުޢާ އިޖާބަކުރެއްވާ ރަސްކަލާނގެ ކަމަށާއި އެކަލާނގެއަށް ބިރުވެތިވެ، އިޚްލާޞްތެރިކަމާއެކު ދުޢާކުރުމަކީ ދުޢާ އިޖާބަ ވުމަށް އޮތް ބާރެއް ކަމަށް ޚުޠުބާގައި، އަންނަނިވި އާޔަތާއި ހަވާލާދީ ބުނެފައިވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ މާނައީ: " އަދި ތިމަންރަސްކަލާނގެއާ މެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ."

ބަދުރު ހަނގުރާމަ ހިނގާފައިވަނީ ހިޖުރައިން ދެވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. މިއީ އިސްލާމީ ތާރީޚުގައި ހިނގާފައިވާ އެންމެ ފުރަތަމަ ހަނގުރާމައެވެ.

ކިޔުންތެރިންގެ ހިޔާލު