ENGLISH
21 އޭޕްރީލު 2025
"އަވައްޓެރި ރޯދަ ވީއްލުން" ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބާއްވަނީ
14 މާރިޗު 2025
|
ހުޅުމާލޭގައި ބޭއްވި ރޯދަ ވީއްލުމެއްގެ ތެރެއިން-- ފޮޓޯ/އެޗްޑީސީ
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކާ ގުޅިގެން "އަވައްޓެރި ރޯދަ ވީއްލުން" ތަކެއް އިންތިޒާމުކުރަން ނިންމައިފިއެވެ.
ހުޅުމާލޭ އެކި ސަރަޙައްދުތަކަށް ބަހާލައިގެން ގެންދާ މި ހަރަކާތުގެ މަގުސަދަކީ ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކޮށް ދިރުވުމެވެ. މި ހަރަކާތް ކުރިއަށްގެންދަނީ ރައްޔިތުންނާއި އެޗްޑީސީ އަދި ހުޅުމާލޭގެ ނެއިބަހުޑް ޕޮލިސް ގުޅިގެންނެވެ.
އެޗްޑީސީން ބުނީ "އަވައްޓެރި ރޯދަ ވީއްލުން" ރޭވިފައިވަނީ ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ ގޮތަށެވެ.
އެގޮތުން ފުރަތަމަ ރޯދަ ވީއްލުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ ހުރަވީ ސްކޫލު ކުރިމަތީގައި އޮންނަ ރަނައުރާމަގުގަ އެވެ. އަދި ރޯދަ މަހުގެ އެކި ދުވަސްތަކުގައި ހުޅުމާލޭގެ އެހެނިހެން ސަރަހައްދުތަކުގައި ވެސް މިފަދަ ރޯދަ ވީއްލުންތައް ކުރިއަށް ގެންދެވޭނެއެވެ.
އެޗްޑީސީގެ ހެޑް އޮފް މާކެޓިންގ އެންޑް ޕީއާރު، ހަސަން ޝަހީދު ވިދާޅުވީ ހުޅުމާލޭގެ ރައްޔިތުންނަކީ އަބަދުވެސް ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމުގައި އެއްބާރުލުން ދޭ ބައެއް ކަމަށެވެ. އެގޮތުން މިފަހަރު ވެސް މި އަވައްޓެރި ރޯދަވީއްލުން ހަރަކާތް ކުރިއަށް މިގެންދަނީ ގިނަ ބައެއް ބައިވެރިވުމާއި އެއްބާރުލުމާއެކުގައި ކަމަށް ފާހަގަކުރެއްވިއެވެ.
އެޗްޑީސީން އިތުރަށް ބުނީ އެ ކުންފުނީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް ހުޅުމާލޭގެ ރައްޔިތުންނާ ގުޅިގެން މިފަދަ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުން ކަމަށާ އަދި ހުޅުމާލެ އަކީ ގުޅިގެން އުޅޭ ރައްޔިތެއް ދިރިއުޅޭ ހިތްފަސޭހަ ތަނަކަށް ހެދުން ކަމަށެވެ.