ENGLISH

21 އޭޕްރީލު 2025

Advertisement

75 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމަށް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކަށް

14 މާރިޗު 2025

|

ޝަރާ އަބްދުﷲ

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ ދާހިލީ ވުޒާރާ

ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އިރުޝާދާއެކު ފުލުހުންގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރުމަށްޓަކައި 75 ރަށެއްގައި ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ.

އިސްކަންދަރުކޮށީގައި ރޭ ބޭއްވުނު މި ރަސްމިއްޔާތުގައި، މި މަސައްކަތްތައް ކުރިއަށް ގެންދަން ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)، ފެނަކަ ކޯޕަރޭޝަން އަދި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ ދާހިލީ ވުޒާރާ

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއާ 15 ރަށެއްގައި ސްޓޭޝަންތައް އެޅުމަށް ވަނީ ހަވާލުކޮށްފައެވެ. އަދި އާރްޑީސީއާއި 20 ރަށެއްގެ ސްޓޭޝަން އެޅުމަށް ހަވާލުކޮށްފައިވާއިރު ފެނަކައާއި 40 ރަށެއްގެ ސްޓޭޝަން އެޅުމަށް ވަނީ ހަވާލުކޮށްފައެވެ.

ފުލުހުންގެ 91 އަހަރުވީ ދިގު ތާރީޙުގައި މިހާތަނަށް ރާއްޖޭގައި ހުރީ އެންމެ 17 އަމިއްލަ ފުލުހުންގެ މަރުކަޒެވެ. 2023 ވަނަ އަހަރު ނިމުނު އިރު ފުލުހުންގެ މަރުކަޒުތައް ޤާއިމުނުވާ 70 ރަށެއް އޮތެވެ.

75 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް އެޅުމަށް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތު: ފޮޓޯ ދާހިލީ ވުޒާރާ

މި މަޝްރޫއުގެ ސަބަބުން، އެއްފަސްކުރުމުގެ ސިޔާސަތުގެ ދަށުން މީހުން ބަދަލުކުރެވޭ ރަށްތައް ފިޔަވައި، ފުލުހުންގެ ޚިދުމަތް ގާއިމުނުކުރެވިވާ ހުރިހާ ރަށެއްގައި އަމިއްލަ އިމާރާތަކާއެކު ފުލުހުންގެ ހިދުމަތް ގާއިމުކުރެވިގެން ދާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ބުނެއެވެ. އަދި މި މަޝްރޫޢު އެއްކޮށް ނިމުމުން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ރަށުގައި ފުލުހުންގެ އަމިއްލަ، ޒަމާނީ މަރުކަޒުތައް ހުންނާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. މިކަމުގެ ސަބަބުން ފުލުހުންގެ ބަޖެޓުގެ ރިކަރަންޓް ޙަރަދު ކުޑަވެ، ހިދުމަތް ދިނުމަށް ކުރެވޭ ހޭދަ އިތުރުކުރެވޭނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު