ENGLISH

21 އޭޕްރީލު 2025

Advertisement

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ހަަމަޖައްސައިފި

13 މާރިޗު 2025

|

އަޙުމަދު ޙަމީދު

ލިވަޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ރާއްޖެ ވަނީ ހަަމަޖައްސާފައި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އިން ލިވަޕޫލް ފުޓްބޯލް ކްލަބް (އެލްއެފްސީ) އާއެކު ހައި އިމްޕެކްޓް ސްޓްރެޓެޖިކް ޕާޓްނާޝިޕެއް ގާއިމުކޮށް އެ ކްލަބުގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ދިވެހިރާއްޖެ ހަމަޖައްސައިފި އެވެ.

އެމްއެމްޕީއާރުސީން ބުނީ މި ޕާޓްނާޝިޕް ރަސްމީކޮށް އިފްތިތާޙް ކުރާނީ އަންނަ އޭޕްރީލް މަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ، އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައި ކަމަށެވެ. މިގޮތުން މި މެޗުގައި އެންފީލްޑް ސްޓޭޑިއަމްގެ ލެޑް ބޯޑުތަކުގައި މި ޕާރޓްނާޝިޕާއި ދިވެހިރާއްޖޭގެ މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ގުޅުމުގެ ސަބަބުން ރާއްޖޭގެ ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ، ފަތުރުވެރިން ގެނައުމުގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސާދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެ ކަމަށް އެމްްއެމްޕީއާރުސީން ބުންޏެވެ.

މި ޕާޓްނަރޝިޕްގެ ޒަރިއްޔާއިން ވިޒިޓް މޯލްޑިވްސްއަށް އެލްއެފްސީގެ ބައިނަލްއަޤްވާމީ އޯޑިއަންސުން ބޮޑު ތަރުޙީބެއް ލިބިގެންދާނެ ކަމަށާއި ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި، މި ވަރުގަދަ އޯޑިއަންސްގެ ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއަޅާނެ ކަމަށެވެ. މި އެއްބަސްވުމުގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖެއަށް އިތުރު އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައިވާއިރު، ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި ޕާޓްނާޝިޕްގެ ދަށުން އެންފީލްޑް ސްޓޭޑިއަމްގައި ވިޒިޓް މޯލްޑިވްސްގެ ބްރޭންޑް ވިޒިބިލިޓީ އާއި ޕްރިމިއާ ލީގުގެ ހޯމް މެޗުތަކުގައި އެލްއީޑީ ނިޝާން ފެންނަން ހުންނާނެ އެވެ. ސްޓޭޑިއަމްގެ އެކި ސަރަހައްދުތަކުގައި ބްރޭންޑިންގ ޖަހާ، އެލްއެފްސީގެ ރަސްމީ ޕަބްލިކޭޝަންތަކުގައި ދިވެހިރާއްޖެ ޕްރޮމޯޓު ކުރުން ވެސް ހިމެނެ އެވެ. މީގެ އިތުރުން، އެލްއެފްސީއާ ގުޅިގެން ޔޫރަޕްގެ އެކި ހިސާބުތަކުގައި މުހިންމު މާކެޓުތަކުގެ ފަތުރުވެރިންނަށް އަމާޒުކޮށްފައިވާ ބިލްބޯޑުތަކުން ރާއްޖެ ދައްކާލާނެއެވެ. އެލްއެފްސީގެ ގްލޯބަލް އޯޑިއަންސްގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި 205 މިލިއަން ފޮލޮވަރުންނާއި، ކޮންމެ ސީޒަނަކަށް 211 މިލިއަނަށް ވުރެ ބޮޑު ޓީވީ އޯޑިއަންސްއަކާއި 53 މިލިއަން ސޯޝަލް އަދި ޑިޖިޓަލް ފޮލޮވަރުން ހިމެނެ އެވެ. ވިޒިޓް މޯލްޑިވްސްގެ މައި މާކެޓުތަކުގައި އެކަނިވެސް 22 މިލިއަން އެލްއެފްސީ ސަޕޯޓަރުން ތިބޭ ކަމަށް ލަފާކޮށް ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައި ރާއްޖެއަށް ދަތުރުކުރާ ފަރާތްތައް އިތުރުވެގެންދާނެއެވެ. މި އޯޑިއަންސްގެ ތެރެއިން އެންމެ ދެ އިންސައްތަ މީހުން ރާއްޖެއަށް ޒިޔާރަތްކުރި ނަމަވެސް ޕާޓްނަރޝިޕްގެ ޓާގެޓް ހާސިލު ކުރެވިގެންދާނެ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ.

މީގެ އިތުރުން ރާއްޖޭގައި ލިވަޕޫލް އެކަޑަމީއެއް ގާއިމުކުރުމާއި ސްޕޯޓްސް ޓޫރިޒަމް ހަރުދަނާ ކުރުމާއި ޑެސްޓިނޭޝަން ބްރޭންޑިން އިތުރުކުރުން ފަދަ ހައި ވެލިއު އެކްޓިވިޓީސްތައް ވެސް މި ޕާޓްނާޝިޕްގައި ހިމެނެއެވެ. ފޭން ޒޯންތަކާއި އެކްޓިވޭޝަންތައް ވިޒިޓް މޯލްޑިވްސްގެ އިވެންޓްތަކާއި ބައިވެރިވާ ފެއަރތަކާއި ރޯޑްޝޯތަކުގައި އިންޓަގްރޭޓް ކުރުމަށް ހަމަޖެހިފައިވާއިރު، އެލްއެފްސީ ލެޖެންޑުންނާއި ޑިޖިޓަލް އެންގޭޖްމަންޓް ކެމްޕެއިންތަކުގެ ސަބަބުން ހޭލުންތެރިކަމާއި ބުކިންތައް އިތުރުވެގެންދާނެއެވެ. އަދި ޕްރިމިއަމް ބްރޭންޑިން، ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިއަނަށް ވުރެ މައްޗަށް އަރާ، އަހަރެއްގެ މައްޗަށް 17 މިލިއަން ޑޮލަރަށް ވުރެ މަތީގެ މީޑިއާ ވެލިއު ލިބޭނެ ކަމަށް ވެސް ވަނީ ބެލެވިފަ އެވެ.

މިއީ ވިޒިޓް މޯލްޑިވްސްގެ ސްޓްރެޓެޖިކް ވިސްނުމާ އެއްގޮތްވާ ގޮތުގެ މަތިން ރާއްޖެ އަކީ ލީޑިންގ ލަގްޒަރީ އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ކުރިއަށްދާ ކެންޕޭނެކެވެ. އެލްއެފްސީގެ ބައިނަލްއަޤުވާމީ ނުފޫޒުގެ ބޭނުން ހިފައިގެން ވިޒިޓް މޯލްޑިވްސްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓުބޯޅަ ސަޕޯޓަރުންނާއި ގުޅުން ބަދަހިކޮށް، ރާއްޖެ އިޚްތިޔާރު ކުރުމަށް ހިތްވަރު ދިނުން ކަމަށް ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝިއުރީ ވިދާޅުވި އެވެ.

މި ޕާޓްނަރޝިޕް ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓިންގ އަށް ބޮޑު ކުރިއެރުމެއް ލިބިގެންދާއިރު، ލަގްޒަރީ، އެޑްވެންޗަރ އަދި ތަފާތު ތަޖުރިބާތައް ހޯދުމަށް ބޭނުންވާ ފަތުރުވެރިންނަށް އެންމެ އެކަށީގެންވާ މަންޒިލެއްގެ ގޮތުގައި ރާއްޖޭގެ މަގާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު