ENGLISH

21 އޭޕްރީލު 2025

Advertisement

ފުރަތަމަ 10 ނިމުނު އިރު ރޯދަ އިނާޔަތް ނުދޭކަމަށް ބުނެ 33 ޝަކުވާ ހުށަހެޅި

13 މާރިޗު 2025

|

ޝާމަ ޝުޢައިބު

ލޭބާ ރިލޭޝަންސް އޮތޯރިޓީގެ އޮފީސް، ފޮޓޯ: ޕީއެސްއެމް

މި މަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމަށްބުނެ، ޖުމުލަ 33 ފަރާތެއް ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އެ އޮތޯރިޓީން ބުނެފިއެވެ. 

ލޭބަރ ރިލޭޝަންސް އޮތޯރިޓީން ބުނީ އެ ޝަކުވާތައް މިހާރު ބަލަމުންދާ ކަމަށެވެ. އަދި ރޯދަ އިނާޔަތް ނުލިބޭނަމަ އަދިވެސް ޝަކުވާ ހުށަހަޅަމުން ގެންދިއުމަށް އެ އޮތޯރިޓީން ވަނީ ބުނެފައެވެ.  

ވަޒީފާ އަދާކުރާ ދިވެހިންނަށް ރަމަޟާން މަހު ދޭ ރޯދަ އިނާޔަތުގެ ގޮތުގަައި 3،000 ރުފިޔާ ދިނުމަށް އެ އޮތޯރިޓީން މީގެ ކުރިން ވެސް އަޒީފާ ދޭ ފަރާތްތަކަށް ހަނދާންކޮށްދީފައިވެއެވެ. މިއީ ކޮންމެ ރަމަޟާން މަހެއް ފެށުމުގެ ކުރިން މުވައްޒަފުންނަށް ދިނުމަށް ވަޒީފާއާ ބެހޭ ގާނޫނުން ލާޒިމުކުރާ އަދަދެކެވެ. 

ވަޒީފާ ދޭ ފަރާތްތަކުން ރޯދަ އިނާޔަތް ދެމުންދިޔަ ނަމަވެސް ގާނޫނުގައި ބަޔާންކޮށްފަައިވާ އުސޫލުތަކާ އެއްގޮތަށް ރަމަޟާން މަހުގައި ދޭންޖެހޭ އިނާޔަތް ދެމުންނުދާކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ އޮތޯރިޓީން ފާހަގަކުރެއެވެ.

އެގޮތުން ފާއިތުވި އަހަރުތަކުގައި ވެސް ގާނޫނުގައި ބަޔާންކުރާ ގޮތަށް ރޯދަ އިނާޔަތް ނުލިބުމާ ގުޅިގެން ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް ޝަކުވާތައް ލިބިފައިވާކަމަށް އެ އޮތޯރިޓީން ބުނެފައިވެއެވެ. 

ރޯދަމަހުގެ އިނާޔަތަކީ ޕްރައިވެޓް ދައިރާއާއި އަމިއްލަ ވިޔަފާރިތަކުގެ ދާއިރާގެ މުވައްޒަފުންނަށް ވެސް ލިބެންޖެހޭ އިނާޔަތެކެވެ. އަދި މި އިނާޔަތަކީ ވަގުތީ މުވައްޒަފުންނާއި ޕްރޮބޭޝަނުގައި ތިބި މުވައްޒަފުންނާއި ގާނޫނުން ލިބޭ ޗުއްޓީތަކުގައި ތިބި މުވައްޒަފުން ވެސް ހިމެނޭހެން ހުރިހާ މުވައްޒަަފުންނަށް ލިބެންޖެހޭ އިނާޔަތެކެވެ.

ކިޔުންތެރިންގެ ހިޔާލު