ENGLISH
21 އޭޕްރީލު 2025
މަސީން، ލޮޖިސްޓިކް އަދި ޓްރާންސްޕޯޓް ދާއިރާގައި ހުރި ކަންބޮޑުވުންތަކާ ގުޅޭ ރިޕޯޓެއް ނެރެފި
13 މާރިޗު 2025
|
މަސީގެ ރިޕޯޓް ނެރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މަސީ
ރާއްޖޭގެ ގައުމީ ކޮންސްޓްރަކްޝަން ޖަމިއްޔާ މަސީގެ ފަރާތުން، ލޮޖިސްޓިކް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ރިޕޯޓެއް ނެރެފިއެވެ.
ހޮޓެލް ޖެންގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި އެ ރިޕޯޓް ނެރެދެއްވީ އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާގެ ވަޒީރު މުޙައްމަދު ސައީދާއި، މަސީގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ އިތުރުން މަސީގެ ލޮޖިސްޓިކް އަދި ޓްރާންސްޕޯޓް ކޮމިޓީގެ ޗެއާރ ޢަބްދުﷲ ސަވާދެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، މަސީގެ ހުށަހެޅުމާ އެއްގޮތަށް ރިޕޯޓް އެކުލަވާލުމުގެ މަސައްކަތްކޮށްފައިވަނީ، ރާއްޖޭގެ ވިޔަފާރިތަކަށް ހުރި ގޮންޖެހުންތައް ނައްތާލަން މި ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ. އެގޮތުން، މަސީން ރިޕޯޓް އެކުލަވާލުމުގައި އެ ވުޒާރާގެ ޚާއްސަ ޓީމެއް މަސައްކަތްކޮށްފައި ވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވަޒީރު މުހައްމަދު ސައީދު ވާހަކަދައްކަވަނީ. ފޮޓޯ: މަސީ
އިމާރާތް ކުރުމުގެ ދާއިރާގައި ގޮންޖެހުންތައް ހުރިކަން ފާހަގަކުރައްވަމުން ވަޒީރު މުޙައްމަދު ސައީދު ވިދާޅުވީ، ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ވިޔަފާރިވެރިންނާއި މަޝްވަރާކޮށްގެން ކަންކަން ކުރިއަށްގެންދަވަން ކަމަށެވެ. އެގޮތުން އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ތިން ބޭފުޅަކު ބިޒްނަސް ކައުންސިލުގައި ތިއްބަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ މިދިޔަ 17 މަސްތެރޭ ބޭއްވި ބިޒްނަސް ކައުންސިލްގެ ބައްދަލުވުންތަކުގައި އެންމެ ގިނައިން މަޝްވަރާ ކުރެވިފައިވަނީ އިމާރާތްކުރުމުގެ ދާއިރާއާ ގުޅުންހުރި ކަންކަން ކަމަށެވެ.
މަސީގެ ރައީސް މުޙައްމަދު ޢަލީ ޖަނާހު ވަނީ ރިޕޯޓް އެކުލަވާލުމަށް ކުރި މަސައްކަތުގައި ވަޒީރު މުޙައްމަދު ސައީދުގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް، އެ މަސައްކަތަކީ ސަރުކާރާ ގުޅިގެން ޖަމިއްޔާއަކުން ކުރި މުހިއްމު މަސައްކަތެއް ގޮތުގައި ދެކެވަޑައިގަންނަވާކަމަށް ވިދާޅުވެފައެވެ.
މަސީގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންބޮޑުވުންތަކުގެ ތެރޭގައި، ބިދޭސީ ކުންފުނިތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް ގެއްލުންވުމާއި، ރާއްޖޭގައި ވިޔަފާރީގެ ގިނަ ކަންކަން ހިނގާ ހުޅުމާލޭގައި މުދާ އުފުލާނެ ވަސީލަތް ނެތުމުގެ މައްސަލަ ހިމެނެއެވެ.
ލޮޖިސްޓިކް އަދި ޓްރާންސްޕޯޓް ސިނާއަތުގައި ހުރި ކަންބޮޑުވުންތަކާއި ގުޅޭ ރިޕޯޓް ނެރުއްވަނީ. ފޮޓޯ: މަސީ
ދާއިރާގައި ތަމްރީނު ލިބިފައިވާ ކެޕްޓަނުންނާއި ކްރޫން ނެތުމާއި، މުދާ އުފުލަން ބޭނުންކުރާ ބޮޑެތި ލޮޖިސްޓިކް އުޅަނދު ފަހަރު އަޅާނެ ރަނގަޅު ބަނދަރެއް ނެތުމުން ދަތިތަކާ ކުރިމަތިވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ބިދޭސީން ރާއްޖޭގެ ވިޔަފާރިތަކުގެ 80 އިންސައްތަ ކޮންޓްރޯލް ކުރާކަމާއި، ބިދޭސީ ގިނަ ކުންފުނިތަކެއް ރާއްޖެ އައިސް ދާއިރާގައި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ބިދޭސީން ކޮންޓްރޯލް ކުރާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ކަސްޓަމްސް މުދާ ކްލިއަރެންސްގެ މަސައްކަތާއި، ދޯނި ފަހަރާއި ލޭންޑިން ކްރާފްޓް އަދި އެއްގަމު އުޅަނދު ފަހަރު ކުއްޔަށް ދޫކުރުމުގައި ބިދޭސީން ހަރަކާތްތެރިވުން ހިމެނެއެވެ. އަދި، ބިދޭސީ ކުންފުނިތަކުން މާލެއަށް މުދާ ނުގެނެސް ޚާއްސަ ހުއްދައެއް ނަގައިގެން ޤާނޫނާ ޚިލާފަށް މަސައްކަތް ކުރާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.
ރިޕޯޓުގެ އެންމެ މުހިއްމު ޚުލާސާއެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ބިދޭސީންގެ ކޮންޓްރޯލް ކުޑަކޮށް ދިވެހިންނަށް ފުރުޞަތު ތަނަވަސްކޮށްދިނުމެވެ.