ENGLISH

21 އޭޕްރީލު 2025

Advertisement

މި މަހުގެ ފުރަތަމަ 10 ދުވަހާ ހަމައަށް އެމްޕީއެލް އިން 40،000 ޓަނުގެ މުދާ ކްލިއަރ ކޮށްފި

13 މާރިޗު 2025

|

ޝާމަ ޝުޢައިބު

އިހަވަންދިއްޕޮޅުގައި ބޯޓަކަށް ބަންްކަރިން ޚިދުމަތް ދެނީ-- ފޮޓޯ/ އެމްޕީއެލް

ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހާ ހަމައަށް 40،000 ޓަނުގެ މުދާ ކްލިއަރ ކޮށްފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ސެކްޝަން ހެޑް، އިސްމާއިލް ސައީދު ވިދާޅުވެއްޖެއެވެ.

އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިސްމާއިލް ސައީދު ވިދާޅުވީ ރަމަޟާން މަހަކީ އެހެން މަސްމަހާ އަޅާބަލާއިރު އެމްޕީއެލްއަށް މުދާ ގެންނަ މިންވަރު އިތުރުވާ މަހެއް ކަމަށެވެ. 

ޚާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ހައިލީ ޕެރިޝަބަލް މުދާ ގެންނަ މިންވަރު ވަރަށް ބޮޑަށް މި މަހު އިތުރުވާތަން ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 10 ދުވަހަށް ބަލާއިރު ވެސް  އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ފިޔާ އަދި ބިސް ކަމަށް އިސްމާއިލް ސައީދު ފާހަގަކުރެެއްވިއެވެ. 

"އެހެންވެ މި ރަމަޟާން މަހަށް ވެސް ޚާއްސަކޮށްގެން ރޯދަމަހުގެ ކުރިން ވަކި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލާފަ މަސައްކަތަށް އެއްވެސް ބުރުލެއް ނާރާނެފަދަ ގޮތަކަށް އަޅުގަނޑުމެންނާ ރިލޭޓެޑް އެހެން މުއައްސަސާތަކާ ވެސް ގުޅިގެން، މިސާލަކަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސަސް އާ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއާ ގުޅިގެން މި އޮޕަރޭޝަން ދާނެ ގޮތުގެ މައުލޫމާތު މައުލޫމާތު އަޅުގަނޑުމެން ހިއްސާކުރިން. " - އެމްޕީއެލްގެ ކާގޯ ކްލިއަރެންސް ޑިޕާޓްމަންޓްގެ ސެކްޝަން ހެޑް، އިސްމާއިލް ސައީދު

މި އަހަރުގެ ރޯދަ މަހު ވެސް އެންމެ ބޮޑު އިސްކަމެއްދޭނީ ރާއްޖެ އެތެރެކުރާ ޕެރިޝަބަލް ސާމާނު ނުވަތަ ޖެނެރަލް ކާގޯ ވީހާވެސް ފަސޭހައިން ކްލިއާ ކުރެވޭނެ ގޮތްތަކެއް ހަމަޖެއްސުމަށް ކަމަށާއި، ޚިދުމަތް ރަނގަޅަށް ދިނުމަށްޓަކައި ގިނަ ތައްޔާރީތަކެއް ވެފައިވާކަމަށް ރަމަޟާން މަހުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޕީއެލްއިން ފާހަގަކޮށްފައިވެއެވެ. 

އެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ހެޑް އޮފް އޮޕަރޭޝަންސް އިލްޔާސް މުޙައްމަދު ވިދާޅުވީ، މި އަހަރުގެ ރޯދަ މަހު ފުލް އޮޕަރޭޝަނުގައި މަސައްކަތްކުރާއިރު ދުވާލަކު 150 ކޮންޓެއިނަރު ކްލިއާ ކުރާނެ ކަމަށެވެ. އަދި، "ހާފް ޑޭ ތަކުގައި" 100 ކޮންޓެއިނަރު ކްލިއާ ކުރުމުގެ އަމާޒެއް އޮތްކަމަށް އިލްޔާސް ވިދާޅުވިއެވެ. 

އެ އަމާޒަށް ވާސިލުވުމަށް އެ ކުންފުނިން ވަނީ މާލެތެރޭގައި މުދާ ބެހެއްޓުމަށްޓަކައި އިތުރު ޝެޑްތައް ގާއިމުކޮށްފައެވެ. އެގޮތުން މިހާރު ހުންނަ ގޯޑައުންގައި، އަވަހަށް ހަލާކުވާ ޒާތުގެ ހުރިހާ މުދަލެއް ބަހައްޓަން އުނދަގޫވާތީ، ހުޅުމާލޭގައި ވަގުތީ ޓެންޓެއް ގާއިމުކޮށް ޑްރައި ބަލްކް ބެހެއްޓޭނެ ގޮތް ވެސް އެމްޕީއެލްއިން ހަމަޖައްސާފައިވެއެވެ. 

އެމްޕީއެލްއިން ބުނީ ރޯދަ މަހު، ހުކުރު ދުވަސް ނޫން އެހެން ހުރިހާ ދުވަހަކު ޚިދުމަތް ދޭނެ ކަމަށެވެ. އެގޮތުން ހުކުރު ދުވަސް ނޫން ދުވަސްތަކުގައި ހެނދުނު 9:15 އިން 16:00 އަށް ޚިދުމަތްދޭއިރު ރޭގަނޑު 21:15 އިން މެންދަމު 1:30 އަށް ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ގަޑިތަކުގައި ހުޅުމާލެ ޓާމިނަލުން ވެސް ޚިދުމަތް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. 

ކިޔުންތެރިންގެ ހިޔާލު