ENGLISH
21 އޭޕްރީލު 2025
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ލޯންޗުތަކަށް ހެންވޭރު ފެރީ ޓަރމިނަލް ހުޅުވާލައިފި
13 މާރިޗު 2025
|
ހެންވޭރު ފެރީ ޓަރމިނަލް-- ފޮޓޯ: އެމްއެމްޓީވީ
އަތޮޅުތަކުން މާލެއަށް ދަތުރުކުރާ ފެރީތަކަށް ފަސޭހައިން މާލޭގައި ބަނދަރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙާއްމަދު މުޢިއްޒުގެ އެދިވަޑައިގަތުމުގެ ދަށުން ހެންވޭރު ފެރީ ޓަރމިނަލާއި ހުޅުމާލޭ ފެރީ ޓަރމިނަލްގެ ބަނދަރު، އަތޮޅުތަކުން ފެރީގެ ހިދުމަތްދޭ ފަރާތްތަކަށް ހުޅުވާލައިފިއެވެ.
މި ދެ ޓަރމިނަލް ބޭނުންކުރަން ޝައުގުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި ހަތް ފަރާތަކުން ހެންވޭރު ޓަރމިނަލް ބޭނުންކުރުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވެއެވެ. އޭގެ ތެރޭގައި އދ. ކ. އަދި ބ. އަތޮޅުގެ ލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތްތައް ހިމެނެއެވެ. ނަމަވެސް މިހާތަނަށް ހުޅުމާލޭ ޓަރމިނަލް ބޭނުންކުރަން އެއްވެސް ފަރާތަކުން އެދިފައި ނުވާކަމަށް އެމްޓީސީސީން މައުލޫމާތު ދެއެވެ.
މި ފަރާތްތަކަށް ހެންވޭރު ޓަރމިނަލް ހުޅުވާލުމާ ގުޅޭގޮތުން އެމްޓީސީސީގެ ސީއީއޯ، ޑީސީޕީ، ރިޓަޔަރޑް އަޙްމަދު ސަޢުދީ ވަނީ އެ ޓަރމިނަލަކީ ހުޅުލޭގެ އިތުރުން ކްރޮސްރޯޑަށް ދަތުރުކުރާ ފެރީތައް ވެސް ބަނދަރުކުރާ ޓަރމިނަލެއް ނަމަވެސް، އަތޮޅުތަކުގެ ފެރީތަކުގެ ޝެޑިއުލް ފޯރުކޮށްދިނުމުން އުނދަގުލަކާ ނުލައި ޚިދުމަތް ލިބިގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި މީގެ އިތުރުން ހެންވޭރު ޓަރމިނަލަކީ ބާރުބޮޑު ތަނެއް ކަމުން ލޯންޗު ފެރީގެ ޚިދުމަތްދޭ ފަރާތްތަކުން ސަލާމަތީ ކަންކަމަށް ސަމާލުވުމަށް ސަޢުދީ އިލްތިމާސްކުރެއްވިއެވެ.
ސަޢުދީ އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ހެންވޭރު ބަނދަރުގެ ފައިދާ، އޮޕަރޭޓަރުންނަށް ލިބެން ފެށުމުން އެބޭފުޅުންގެ ޝެޑިއުލްތައް ބަދަލުކުރައްވާނެ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، މާލެ އައުމުގެ ކުރިން، ހުޅުމާލެއަށް ފައިބަން ބޭނުންވާ މީހަކު ހުރިނަމަ އެމީހަކު ހުޅުމާލެއަށް ބާލާފައި އައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
މިހާރު ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު ދުވާލަކަށް 15 ލޯންޗު ފެރީން 2000 ވަރަކަށް ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށް އެމްޓީސީން ބުނެއެވެ. އެގޮތުން ހެންވޭރު ޓަރމިނަލަށް އެއްފަހަރާ ފަސް ލޯންޗަށް، އަދި ހުޅުމާލޭ ޓަރމިނަލަށް އެއްފަހަރާ ތިން ލޯންޗަށް ކައިރިކުރެވޭނެ ޖާގަ ހަމަޖައްސާފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. މީގެ ކޮންމެ އުޅަނދަކަށް ވެސް ލެފުމާއި ފުރުމާއި ދޭތެރޭ 30 މިނެޓުގެ ވަގުތެއް ލިބޭނެ ކަމަށާއި ދަތުރުވެރީން ފުރަންވަންދެން ޓަރމިނަލް ތެރޭގައި މަޑުކޮށްލެވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އަދި ހަމައެއާއެކު، ޓަރމިނަލްގެ ފާޚާނާގެ ޚިދުމަތުގެ އިތުރުން ބޯފެން ވެސް ލިބޭނެކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން ވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ޓަރމިނަލްގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޝްވަރާއިން ހޯދާ، އެކަންކަން ރަނގަޅުކުރުމުގެ މަސައްކަތް ކުރާނެކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.