ENGLISH

21 އޭޕްރީލު 2025

Advertisement

ޕީއެންސީގެ ނަމުގައި ސައްހަނޫން މެސެޖުތަކެއް ފޮނުވާތީ ސަމާލުވާން އެދިއްޖެ

13 މާރިޗު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ޕާޓީގެ ބޭނުމަށް މަޢުލޫމާތުތަކެއް ހޯދަން ކަމަށް ބުނެ، ޕީއެންސީގެ ނަމުގައި އެކިއެކި ފަރާތްތަކަށް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ޕާޓީން އެދިއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީއެންސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ ނަމުގައި ސައްހަ ނޫން މެސެޖުތަކެއް އާއްމު އެކި ފަރާތްތަކަށް ކުރަމުންދާކަން އެ ޕާޓީގެ ސެކްރެޓޭރިއަޓްގެ ސަމާލުކަމަށް އެކިއެކިފަރާތްތަކުން ގެނެސްފައިވާ ކަމަށެވެ.

އެހެންވެ އެ ބަޔާނުގައި ބުނެފައިވަނީ އެ ޕާޓީގެ ބޭނުމަށް ރަށްރަށުން އެއްވެސް މަޢުލޫމާތެއް ހޯދާނަމަ އެކަން ކުރާނީ ސީދާ ޕާޓީގެ ސްޓިއަރިންގ ކޮމިޓީތަކަށް ޕާޓީގެ މައި އިދާރާއިން، ނުވަތަ ޕާޓީގެ ރަސްމީ ޙައިސިއްޔަތެއް އޮތް ފަރާތަކުން ގުޅައިގެން، ނުވަތަ އެކަމަށް ކަނޑައެޅިފައިވާ ޕާޓީގެ ރަސްމީ ޗެނެލްތައް މެދުވެރިކޮށެވެ. އަދި މިގޮތަށް ގުޅާ ގުޅުންތަކުގައިވެސް ބޭނުންކުރާނީ ޕާޓީގެ ނަމުގައި ހުންނަ ނަންބަރުތައް ކަންވެސް ފާހަގަކޮށްފައިވެ އެވެ. އަދިއެހެންމެ އެސްއެމްއެސްގެ ޒަރީޢާއިން އެއްވެސް މަޢުލޫމާތެއް ހޯދުމަށް ޕާޓީގެ ރަސްމީ އިދާރާއިން ނޭދޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައިގައި މިހާތަނަށް ފާހަގަކުރެވިފައިވާ ކަންކަން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިގެން ބަލަމުން ގެންދާނެ ކަމުގެ ޔަޤީންކަން ޕާޓީގެ މެންބަރުންނަށް ވަނީ ދީފަ އެވެ.

މީގެ އިތުރުން އެ ބަޔާނުގައި ބަނީ ސިޔާސީ ބޭނުމަކަށް އެ ޕާޓީގެ ނަމުގައި ޞައްޙަނޫން މެސެޖްތައް ފޮނުވުން ފަދަ ދަށުދަރަޖައިގެ ޢަމަލުތައް ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަދަ ޢަމަލުތައް ކުރާފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށް ގޮވާލާފަ އެވެ.

އަދި އެފަދަ ޞައްޙަނޫން މެސެޖްތަކަށް އިޖާބަ ނުދިނުމަށާއި، އެފަދަ މެސެޖެއް ލިބިއްޖެނަމަ ވަގުތުން ޕާޓީގެ ރަސްމީ އިދާރާއަށް އެކަން އެންގެވުމަށް އެ ބަޔާނުގައި އެދިފަ އެވެ.

" މި ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ކުރުމަށެވެ. އަޅުގަނޑުމެންގެ މަޤްޞަދަކީ ޤައުމުގެ ލާބައާއި މަންފާއަށް މަސައްކަތްކުރުމެވެ. މިކަމުގައި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ލިބޭނެކަމަށް އަޅުގަނޑުމެން ޔަޤީންކުރަމެވެ." ޕީއެންސީގެ ބަޔާނުގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު