ENGLISH

21 އޭޕްރީލު 2025

Advertisement

ނުވަ ރަށެއްގެ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފި

13 މާރިޗު 2025

|

ފަޒީލް ޢަބްދުލް ލަތީފު

އެއްބަސްވުންތަކުގައި ސޮއެ ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ކުޅުދުއްފުށި ސިޓީ ދަމަނަވެށި އިމާރާތާއި 4 ރަށެއްގެ ހޮސްޕިޓަލް އިމާރާތުގެ އިތުރުން 4 ރަށެއްގެ ސިއްހީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ ހަވާލު ކޮށްފިއެވެ.

މި މަސައްކަތްތައް ހަވާލު ކޮށްފައިވާ ކުންފުނިތަކަކީ އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ  އެވެ. މިގޮތުން އެމްޓީސީސީއާ ހަވާލުކޮޮޮށްފައިވާ މަސައްކަތްތަކަކީ ނ. ފޮއްދޫ ޞިއްޙީ މަރުކަޒު ޢިމާރާތްކުރުން، ށ. މާއުނގޫދޫ ޞިއްޙީ މަރުކަޒު ޢިމާރާތްކުރުން، ވ. ފެލިދޫ ހޮސްޕިޓަލް ޢިމާރާތްކުރުމާއި، ތ. ވިލުފުށި ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތެވެ.

ހދ. ހަނިމާދޫ ހޮސްޕިޓަލާއި އދ. މާމިގި ހޮސްޕިޓަލާއި ކުޅުދުއްފުށީ ދަމަނަވެއްޓާއި، ކ. ގާފަރު ސިއްޙީ މަރުކަޒު އިމާރާތް އެޅުމަށް ހަވާލުކުރީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އާއެވެ.

މީގެ އިތުރުން ފެނަކަޔާ ހަވާލުކޮށްފައިވަނީ ހދ. މަކުނުދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތް އެޅުމުގެ މަސައްކަތެވެ.

ދައުލަތުގެ ބަޖެޓުން 600 މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ނިންމައިފައިވާ މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ، ސިއްޙީ ދާއިރާގެ ޢުމްރާނީ ވަސީލަތްތައް ގާއިމުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން ފެއްޓެވި މި މަސައްކަތްތަކުގެ ސަބަބުން، ރަށްރަށުގެ ސިއްޙީ ޚިދުމަތްތައް ފުޅާކުރުމަށް އޮތް އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށްވާ އިމާރާތްތަކުގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެކަމަށެވެ.

ރައީސް ޑރ. މުޢިއްޒުގެ ސިޔާސަތުތައް ތަރުތީބުވެނިމޭއިރު ދިވެހިރާއްޖޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލެއްއަންނާނެ ކަމުގެ ޔަގީންކަންވެސް މިނިސްޓަރ ނާޒިމް ވަނީ ދެއްވާފައެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގައި ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ގިނަ މަޝްރޫއުތަކެއް ހިމަނާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު