ENGLISH

21 އޭޕްރީލު 2025

Advertisement

މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ނަރީޝް އިސްތިއުފާ ދެއްވައިފި

12 މާރިޗު 2025

|

އާމިނަތު މައިހާ

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނަރީޝް. --ފޮޓޯ: މާލޭ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރ އަހްމަދު ނަރީޝް މިއަދު އިސްތިއުފާދެއްވައިފިއެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަރީޝް ވިދާޅުވީ އޭނާ މަގާމުން އިސްތިއުފާދެއްވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރައްވަން ފުރުސަތު ލިބުމާއި ގުޅިގެން ކަމަށެވެ. 

ނަރީޝް ވަނީ 2021 ވަނަ އަހަރު ބޭއްވުނު ފޯރިގަދަ، ވާދަވެރި ލޯކަލް ކައުންސިލް އިންތިޚާބުގައި، މާފަންނު މެދު ދާއިރާގެ ލޮބުވެތި ރައްޔިތުން، ބެހެއްޓެވި ގާތްކަމާއި ކުރެއްވި އިތުބާރަށާއި، ތަނަވަސް އަޣުލަބިއްޔަތަކުން، އެ ދާއިރާގެ ކައުންސިލް މެމްބަރުކަމަށް، އިންތިޚާބުކޮށްދެއްވި ކަމަށްޓަކައި އިސްތިއުފާގެ ސިޓީގައި ޝުކުރުއަދާކުރައްވާފައެވެ.  އަދި މި މަސައްކަތުގައި އުޅުއްވި ކެމްޕޭނު ޓީމަށް ވެސް ނަރީޝް ވަނީ ޝުކުރުދަންނަވާފައެވެ.

ހަމައެހެންމެ އެ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށްޓަކައި ޕީޕީއެމް އަދި ޕީއެންސީގެ ލީޑަރޝިޕްގެ އެންމެހާ ބޭފުޅުންނަށާއި، ވަކިން ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނަރީޝް ޝުކުރު އަދާކުރައްވާފައިވެއެވެ. 

މި ސިޓީގައި ނަރީޝް އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލްގައި ހޭދަކުރެއްވި މުއްދަތަކީ، ވަޒީފާއާއި މަސައްކަތުގެ ދާއިރާއާގައި ހޭދަކުރި އެންމެ އުފާވެރި ދުވަސްތައް ކަމަށެވެ. އަދި އެކި ދާއިރާތަކުން ތަފާތު އެކި ތަޖުރިބާތަކެއް ކުރެވި، ޝަޚުސިއްޔަތު ބައްޓަން ކުރަން ލިބުނު ރަނުގެ ފުރުސަތެއްކަމަށް ދެކޭކަމަށް ވެސް ނަރީޝް ފާހަގަކުރައްވާފައިވެއެވެ. 

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ ބޭނުންވާ ނަތީޖާތައް ހަލުވިކަމާއެކު ނެރެދެއްވުމަށްޓަކައި، ސިޔާސީ ފިކުރު ތަފާތު މީހުންނާއެކު ވެސް ގުޅިގެން މަސައްކަތްކުރުމުގެ ކޮލިޓީ ހުރިކަން ޢަމަލުފުޅުން ސާބިތުކޮށްދެއްވައި، ރީތި ނަމޫނާ ދައްކަވައި މާލެ ސިޓީއަށް އަވަސް، ހެޔޮ ބަދަލުތަކެއް ގެންނެވި ލީޑަރެއްކަމަށް ވެސް ނަރީޝް ވިދާޅުވެފައިވެއެވެ. 

އަދި މާލެ ސިޓީ ކައުންސިލުގެ ހުރިހާ ބޭފުޅުން ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރެއްވިއެވެ.  

ސިޓީ ނިންމަވާލައްވަމުން ނަރީޝް ވިދާޅުވީ އުއްމީދަކީ މާލެ ސިޓީ ކައުންސިލަކީ ރައްޔިތުންނަށް ލޯތްބާއިއެކު ޚިދުމަތްދޭ މުއައްސަސާއަކަށް ވުން ކަމަށާއި، މި ދައުރުގައި ކައުންސިލުން ފަށާފައިވާ މަސައްކަތްތައް ކާމިޔާބުވުމުގެ ހެޔޮ ތައުފީޤު މިންވަރުކުރައްވާނެ ކަމަށެވެ. އަދި މާލެ ސިޓީ ކައުންސިލާ ދެމެދު އުފެދިފައިވާ ގާތްގުޅުން ތާ އަބަދު އެގޮތުގައި ދެމި އޮންނާނެ ކަމުގެ ޔަޤީންކަން އަރުވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު