ENGLISH

21 އޭޕްރީލު 2025

Advertisement

ކުޅުދުއްފުށީގައި ވޮކޭޝަނަލް ސެންޓަރަކާއި ރ.ދުވާފަރުގައި ދަނާލެއް ގާއިމްކުރަނީ

12 މާރިޗު 2025

|

އިސްމާއީލް ރާތިއު

މި ދެ މަސައްކަތް ކޮންޓްރެކްޓަރުންނާއި ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: މަތީ ތައުލީމާ ބެހޭ ވުޒާރާ

ކުޅުދުއްފުށި ސިޓީގައި  ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި، ރ.ދުވާފަރުގައި ދަރިވަރުންގެ ދަނާލެއް ގާއިމްކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމްކުރެވިގެންދާނެ މިދެތަނުގެ މަސައްކަތް ހަވާލުކުރުމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ކުޅުދުއްފުށި ސިޓީގެ ވޮކޭޝަނަލް ސެންޓަރުގެ އިތުރުން ދަރިވަރުންގެ ދަނާލެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްނަމްޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ. އަދި ރ.ދުވާފަރުގައި ޓްރެއިނިންގ އޭރިއާއަކާއެކު އިމާރާތްކުރެވޭ ދަރިވަރުންގެ ދަނާލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

ކުޅުދުއްފުށި ސިޓީގައި ބިނާކުރެވޭ މަރުކަޒު، 35،777.88 އަކަފޫޓުގެ ޖާގައެއްގައި ބިނާކުރުމަށް ހަމަޖެހިފައިވާއިރު މި މަރުކަޒުގައި މަލްޓި-ޕާޕަސް ވޯކްޝޮޕަކާއި، 7 ކްލާސްރޫމް އަދި އައިސީޓީ ލެބެއް ހުންނާނެއެވެ. މީގެ އިތުރުން އިދާރީ ހިދުމަތްތަކަށް ހާއްސަ ބަޔަކާއި، ދަރިވަރުންގެ ހިދުމަތްތަކަށް ހާއްސަ ބަޔަކާއި، ސްޓާފް ރޫމަކާއި، މީޓިންގ ރޫމްތަކަކާއި، ކިޔަވާ ކޮޓަރިތަކަކާއި، ކުތުބުޚާނާއެއްގެ އިތުރުން އޮޑިޓޯރިއަމްއެއްވެސް މި މަރުކަޒުގައި ތަރައްގީކުރެވިގެންދާނެ އެވެ.

މި މަރުކަޒާއެކު ބިނާކުރެވޭ ދަނާލުގައި 32 ޝެއާރިންގ ރޫމް ހުންނައިރު ކެއިން ބުއިމުގެ އިންތިޒާމުތަކާއި، އަންނައުނު ދޮވެވޭނެ ވަސީލަތްތަކާއި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމުގެ އިތުރުން ޖިމެއްވެސް ހުންނާނެއެވެ. އަދި ދަރިވަރުން ނަމާދުކުރުމަށް ޚާއްޞަ ކޮޓަރިއަކާއި، ފާޚާނާއާއި ލިފްޓުގެ އިންތިޒާމުވެސް މި މަރުކަޒުގައި ހުންނާނެއެވެ.

ރ.ދުވާފަރުގައި ބިނާކުރެވޭ ދަނާލާއި ޓްރެއިނިންގ އޭރިއާ ބިނާކުރެވިގެންދާނީ 15،000 އަކަފޫޓުގެ ބިމެއްގައެވެ. މި މަރުކަޒުގައި 31 ޝެއާރިންގ ރޫމްގެ އިތުރުން ކެއިން ބުއިމުގެ އިންތިޒާމުތަކާއި، އަންނައުނު ދޮވެވޭނެ ވަސީލަތްތަކާއި އެކިކަހަލަ ކުޅިވަރު ކުޅެވޭނެ އިންތިޒާމުގެ އިތުރުން ޖިމެއްވެސް ހުންނާނެއެވެ.

މި ދެ މަސައްކަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަތީ ތައުލީމާއި ތަމްރީނު ދޭ މަރުކަޒުތައް ގާއިމްކުރުމުގެ މަސައްކަތުގެ ތެރެއިން ކުރެވޭ މަސައްކަތްތަކެއް ކަމަށާއި، މި މަރުކަޒުތަކުގައި ޓެކްނިކަލް ވޮކޭޝަންގެ ދާއިރާއިން ތަފާތު އެކި ލެވަލްތަކުގެ އެކި ކޯސްތައް ހިންގުމުގެ މަގު ފަހިވެގެންދާނެކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ދެ މަރުކަޒުގެ އިތުރުން ހއ.ދިއްދޫގައި ޖޫނިއަރ ކޮލެޖަކާއި، ރ.އަލިފުށީގައި ޓެކްނިކަލް ވޮކޭޝަނަލް ސެންޓަރަކާއި، ނ.ވެލިދޫގައި ޖޫނިއަރ ކޮލެޖެއް ގާއިމްކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު