ENGLISH

26 ޖުލައި 2026

Advertisement

އަގުބޮޑުވިޔަސް ހާސްނުވޭ، ގޫގުލް ޕިކްސެލްގައި ހުރީ އެންމެ ފަހުގެ ފީޗަރތައް

26 ޖުލައި 2026

|

މުޙައްމަދު އަދުހަމް

ގޫގުލް ޕިކްސެލް 11 ފޯނުގެ ދައުރުވަމުންދާ ފޮޓޯއެއް.

ގޫގުލްގެ ދެން އެންމެ އަވަހަށް ނެރެން ތައްޔާރުވާ ޕިކްސެލް 11 ގެ އަގު އޭގެކުރީން ނެރުނު ޕިކްސެލް 10 އަށްވުރެ ބޮޑުވާނެ ކަމަށް ގޫގުލްގެ ޑިވައިސް އެންޑް ސަރވިސަސްގެ ނައިބު ރައީސް ޝަކީލް ބަރްކާތު ވިދާޅުވެއްޖެއެވެ.

ގޫގުލް ފޯނުގެ އަގުބޮޑުވުމުގެ ސަބަބުތަކުގެ ތެރޭގައި، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޑޭޓާ ސެންޓަރުތައް އިތުރުވުމާ ގުޅިގެން ރޭމް ލިބުމުގައި ކުރިމަތިލާންޖެހިފައިވާ ގޮންޖެހުންތައް ހިމެނެއެވެ.

އެގޮތުން، އެޕަލް، ނިންޓެންޑޯ، މައިކްރޯސޮފްޓް އަދި ރޯކޫ ފަދަ ކުންފުނިތަކުން ވެސް ވަނީ މެމޮރީގެ އަގު އުފުލުމާ ގުޅިގެން އެ ކުންފުނިތަކުގެ އުފެއްދުންތަކުގެ އަގުތައް ބޮޑުކޮށްފައެވެ.

ބަރްކާތު ވިދާޅުވީ، ތަކެތި ސަޕްލައި ކުރުމުގައި އަންނަ ބަދަލުތަކުގެ އަސަރު ކަސްޓަމަރުންނަށް ނުކުރާނެހެން ވީހާވެސް ގިނަ ދުވަހު ގޫގުލްއިން މަސައްކަތް ކުރި ކަމަށެވެ، ނަމަވެސް، މިހާރުގެ އިޤުތިޞާދީ ހާލަތަށް ބަލާފައި، އަގަށް ބަދަލު ގެނައުން މަޖުބޫރުވެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

އެހެންކަމުން، މާކެޓުގެ ހާލަތަށް ބަލައި ޕިކްސެލް ފޯނުތަކުގެ އަގަށް "ބަދަލުތަކެއް" ގެންނާނެ ކަމަށް ބަރްކާތު ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި ޕިކްސެލް 11 ގެ އަގު އުޅޭނީ 899 އެމެރިކާ ޑޮލަރުގައެވެ. ނަމަވެސް، 128 ޖީބީގެ ބަދަލުގައި މި ފޯނުގައި 256 ޖީބީގެ ސްޓޯރޭޖް ހިމެނޭނެ ކަމަށް ގޫގުލްއިން ބުނެއެވެ.

މީގެ އިތުރުން، ޕިކްސެލް 11 ޕްރޯގެ ރޭމް 16 ޖީބީން 12 ޖީބީއަށް ދަށްވެދާނެ ކަމުގެ އަޑުތައް ވެސް ވަނީ ފެތުރިފައެވެ. މިކަންކަން ކަށަވަރުވުމަށް މާ ގިނަ ދުވަހެއް ނެތެވެ. ގޫގުލްގެ އައު އުފެއްދުންތައް އަންނަ އޯގަސްޓް 12 ވަނަ ދުވަހު ރަސްމީކޮށް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު