ENGLISH

26 ޖުލައި 2026

Advertisement

މާލޭގެ އެކި ސަރަހައްދުތަކަށް އުދައަރައި ގެއްލުންތަކެއް ވެއްޖެ

26 ޖުލައި 2026

|

ޢަލީ ޝަހީމް

މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދަށް އުދައެރުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޑީއެފް

މާލޭގެ އެކި ހިސާބުތަކަށް މިއަދު އުދައަރައި، ބައެއް މަގުތަކުގައި ފެންބޮޑުވެ ގެއްލުންތަކެއް ވެއްޖެ އެވެ. 

މިއަދު އުދައަރާފައިވަނީ މާލެ ސަރަހައްދަށް ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު 11:53 ހާއިރުއެވެ. އެ ވަގުތު ދިޔަވަރު އުޅުނީ 0.74 މީޓަރުގައެވެ.

މާލެއަށް އުދައެރުމުގެ ސަބަބުން ބައެއް މަގުތަކުގައި ފެންބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ހަރަކާތްތެރިވަމުންދާކަމަށް އެ އިދާރާއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓުގައި ވަނީ ބުނެފައެވެ. 

އެންމެ ބޮޑަށް އުދައެރި އެއް ސަރަހައްދަކީ އިންޑަސްޓްރިއަލް ވިލެޖެވެ. އެ ސަރަހައްދަށް އެރި ވަރުގަދަ ރާޅުތަކާއެކު، ޕާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ސައިކަލުތައް ލޮނުގަނޑުގެ ތެރެއަށް ވެއްޓި ގެއްލުންތައް ވަނީ ވެފައެވެ. 

އުދައެރުމުގެ ސަބަބުން ގެއްލުން ލިބުނު އަނެއް ސަރަހައްދަކީ މާލޭގެ ރާޅުގަނޑު ސަރަހައްދެވެ. މި ސަރަހައްދަކީ މީގެކުރިން ވެސް އުދައަރާ ސަރަހައްދެކެވެ. މިއަދު އެ ސަރަހައްދަށް އުދައެރިއިރު ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކަށް ވެސް އުދައަރާފައިވެއެވެ. އަދި ބައެއް ސަރަހައްދުތަކަށް ގަލާއި ވެލި ފެތުރުނެވެ.

މިދުވަސްވަރު މޫސުން ގޯސް ނޫނަސް، މެޓް އޮފީހުން ލަފާކޮށްފައިވާގޮތުން ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާއި ދެމެދުގައެވެ. އެހެންވެ، މާދަމާވެސް އުދައެރުމުގެ ފުރުސަތު އޮތްކަމަށް މެޓް އޮފީހުން ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު