ENGLISH

21 އޭޕްރީލު 2025

Advertisement

އަރިޔަދޫ އެގްރިކަލްޗާ މިނިސްޓްރީގެ ދަށަށް، ހިންގާނީ ރުއް އާލާކުރުމުގެ ބޮޑު މަޝްރޫއެއް

12 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ ދަށަށް ގެނައި އަރިޔަދޫ، ފޮޓޯ: ދަނޑުވެރި ކަމާ ދިރޭތަކެއްޗާ ބެހޭ ވުޒާރާ

އދ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ އަރިޔަދޫ ދަނޑުވެރިކަމާއި ދިރޭ ތަކެއްޗާ ބެހޭ ވުޒާރާގެ ދަަށަށް ގެނެސް، ރާއްޖޭގައި ރުއް އާލާކޮށް ކާށި އިތުރުކުރުމަށް ހާއްސަ މަރުކަޒެއް އެ ރަށުގައި ގާއިމުކުރަން ސަރުކާރުން ނިންމައިފިއެވެ. 

މި ނިންމުން ނިންމާފައިވަނީ 2025 މާޗު 9 ވަނައަށްވީ އާދީއްތަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

އެ ރަށުގައި ގާއިމުކުރާ "ކޮކޮނަޓް ޑިވެލޮޕްމެންޓް ސެންޓާ"އިން ރުކުގެ މުޑުވައްތައް ރަށްރަށަށް ފޯރުކޮށްދެމުންދާނެ ކަަމުގައި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން އެރަށުގައި ރުކުގެ ނާސަރީތަކެއް ގާއިމުކޮށް، ރާއްޖޭގައި ހެދޭ ރުކާއި، ހައްދަން ބޭނުންވާ މަތިފަރާއި ފެންވަރު ރަނގަޅު ރުކުގެ މުޑުވައްތައް ދެމެހެއްޓެނެވި ގޮތެއްގައި ރަށްރަށަށް ފޯރުކޮށްދެވޭނެ ކަމުގައި އެ ވުޒާރާއިން ބުނެއެވެ. 

ރުއްތަކުގެ އިތުރަށް އެރަށުގައި ގާއިމުކުރެވޭ ނާސަރީތަކުގައި ރަށްރަށުގެ ހޭޅިފަށް ހިމާޔަތްކުރުމަށްޓަކައި އާލާކުރަންޖެހޭ ގަސްތައްވެސް އާލާކުރެވޭނެ ކަމަަށާއި، ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ތަފާތު މުޑުވައްތައްވެސް އެ ރަށުގައި އުފައްދަން ނިންމާފައިވާކަމަށް އެ މިނިސްޓްރީން މައުލޫމާތު ދެއެވެ. 

އޭގެ އިތުރަށް ވުޒާރާއިން ބުނީ ރުކަށް ޖެހޭ ބަލިތައް ދެނެގަނެ އެފަދަ ބަލިތަކަށް ހައްލު ހޯދުމަށް މަގުފަހިވާނެ ދިރާސާތައް އަރިއަދޫގައި ކުރިއަށްގެންދާނެ ކަމަށެވެ. ހަމައެއާއެކު، ރުކަށް ޖެހޭ ބަލިތައް ކޮންޓުރޯލުކުރުމަށް ބޭނުންކުރެވޭނެ ދިރޭ ސޫފިތަކާއި ފަނިފަކުސާ އާލާކުރުމުގެ މަސައްކަަތްވެސް ކުރިއަށްދާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. 

ސަރުކާރުން ނިންމާފައިވަނީ އެރަށް ހެދުމަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ހޯދުމުގެ ގޮތުން ބޭރުގެ އިންވެސްޓަރުންނަށް އެ ރަށަށް އިންވެސްޓުކުރުމަށް ހުޅުވައިލުމަށެވެ. އެއީ ރަށް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމުގެ ބޭނުމުގައެވެ. 

މިނިސްޓްރީން ފާހަގަކުރި ގޮތުގައި ރާއްޖޭގައި މިހާރު ހުރި ރުއްރުކަކީ އުމުރުން ދުވަސްވީ ރުއްތަކަށްވާތީ، އަރިޔަދޫގައި ހިންގާ މަޝްރޫއުގެ ސަބަބުން ރުކުގެ ބާވަތްތައް ލިބުމުގައި ހުރި ދަތިތައް ހައްލުވެ، ކާނާގެ ޔަގީންކަން އިތުރުވާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު