ENGLISH

21 އޭޕްރީލު 2025

Advertisement

ޓޫރިޒަމަށް ދޫކުރާ ފަޅު ރަށްތައް ކަނޑައެޅުމުގެ ބާރު ރައީސަށް ލިބިދޭ ބިލު ކޮމިޓީއަށް

12 މާރިޗު 2025

|

އުމްނާ އިސްމާޢީލް

ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތަކުގެ ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުތައް ޓޫރިޒަމްގެ ބޭނުމަށް ދޫކުރަން ކަނޑައެޅުމުގެ ބާރު ރައިސުލްޖުމްހޫރިއްޔާއަށް ލިބިދޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ ބިލުރައްޔިތުންގެ މަޖިލީހަށް ބަލައިގަނެފި އެވެ. 

ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ރިޔާޒް ހުށަހެޅުއްވި މި ބިލު މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަލައިގަނެެ ކޮމިޓީއަށް ދިރާސާކުރަން ފޮނުވުމަށް 43 މެމްބަރުން ވޯޓު ދެއްވިއިރު، ބިލާ ދެކޮޅަށް 9 މެމްބަރުން ވޯޓު ދެއްވި އެވެ. އެ ބިލު ބަލައިގަތުމަށް ފާސްވުމާއެކު ރިޔާސަތުން ވަނީ އެ އިސްލާހުތައް ދިރާސާކުރަން މަޖިލީހުގެ އިގްތިސޯދީ ކޮމިޓީއަށް ފޮނުވާފަ އެވެ. 

ބިލުގެ ތަފްސީލަށް ބަލާލާއިރު، އެ ގާނޫނުގެ 4 ވަނަ މާއްދާގެ (ށ) އަށް ހުށަަހަޅާފައިވާ އިސްލާހުގައި ވަނީ މީހުން ދިރިއުޅޭ ރަށްރަށް ނުވަތަ ސިޓީތައް ނިސްބަތްވާ ރަށް ނުވަތަ ސިޓީ ކައުންސިލްގެ އިހުތިސާސްގައި ހިމެނޭ ފަޅު ރަށްރަށާއި ފަޅުރަށް ޓޫރިޒަމްގެ ބޭނުމަށް ތަަރައްގީކުރެވޭ ސަރަހައްދުތަކުގެ ގޮތުގައި ކަނޑައަޅާނީ ރައިސުލްޖުމްހޫރިއްޔާ ކަމަށެވެ. 

އެ ބިލުގައިވާ ގޮތުން މިގޮތަށް ޓޫރިޒަމްގެ ބޭނުމަށް ކަނޑައަޅާ ސަރަހައްދުތަކުގައި ތަރައްގީ ކުރެވޭނީ ޓޫރިސްޓް ގެސްޓް ހައުސް ނުވަތަ ޓޫރިސްޓު ހޮޓަލެވެ.

ޓޫރިޒަމްގެ ގާނޫނުގެ 5 ވަނަ މާއްދާ މިހާރު އޮންނަ ގޮތުން ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވޭނީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކަކާ އެތްގޮތްވާ ގޮތުގެމަތިންނެވެ. އެ މާއްދާއަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހުގައި ވަނީ "ސަރުކާރުން ކަނޑައަޅާ މުހިއްމުު ސިޔާސަތެއްގެ ދަށުން" ވެސް ކްރޮސް ސަބްސިޑީގެ ގޮތުގައި ޓޫރިސްޓް ރިސޯޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ދޫކުރެވިދާނެ ކަމަށެވެ. 

މީގެއިތުރުން، ރިސޯޓުތައް ކުއްޔަށް ދޫކުރާ މުއްދަތު އިތުރުކުރުމަށް ލުއި ލިބޭ ގޮތަށް ވެސް އިސްލާހު ހުށަހަޅާފައިވެ އެވެ. އެގޮތުންް، 5 މިލިއަން އެމެރިކާ ޑޮލަރު އެކީ އެއްފަހަރާ ދައްކައިގެން ރިސޯޓުތައް ކުއްޔަށް ދީފައިވާ މުއްދަތަށް އެކީ އެއް ފަހަރާ 49 އަހަރު ދުވަސް އިތުރުކުރެވޭ ގޮތަށް އިސްލާހު ހުށަހަޅާފައިވެ އެވެ. އެ މުއްދަތު 20 އަހަރަށް އިތުރުކުރާނަމަ، 2.5 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބިލުގައި އޮތް އިރު، 3 މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައްކައިގެން 25 އަހަރު ދުވަހަށް މުއްދަތު އިތުރުކުރެވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު