ENGLISH
21 އޭޕްރީލު 2025
ޓޫރިޒަމާ ބެހޭ ގާނޫނު އިސްލާހުކުރަނީ "ގަލުގައި އަޅާފައިވާ" މަސައްކަތްތައް ކުރިއަށްގެންދަން: ނާޒިމް
12 މާރިޗު 2025
|
ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަޙްމަދު ނާޒިމް، ފޮޓޯ: މަޖިލިސް
ފަތުރުވެރިކަމާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ސަރުކާރުގެ ފަރާތުން ތިމަރަފުށީ ދާއިރާގެ މަޖިލިސް މެންބަރު އަހްމަރު ރިޔާޒު ހުށަހެޅުއްވި ބިލަކީ "ގަލުގައި އަޅައިގަނެ" ކުރިއަށްނުގޮސް ހުރި ކަންކަން ކުރިއަށްގެންދެވޭނެ ގޮތް ފަހިކުރުމަށް ގެންނަ އިސްލާހެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު ވިދާޅުވެއްޖެއެވެ.
ނާޒިމު މިފަދައިން ވިދާޅުވީ އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މިބިލާމެދު ކުރިއަށްދިޔަ ބަހުސްގައި އިދިކޮޅު އެމްޑީޕީގެ ބައެއް މެންބަރުން ބިލާ ދެކޮޅުހައްދަވައި ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވަމުންނެވެ. އެ މެންބަރުން ބިލަށް ފާޑުވިދާޅުވީ އެ ބިލުގައި ގާނޫނުގެ ހަތަރުވަނަ މާއްދާއަށް ގެންނަން ހުށަހަޅާފައިވާ އިސްލާހާ ގުޅިގެންކަން ނާޒިމު ފާހަގަކުރެއްވިއެވެ. އެ އިސްލާހުގައި ބުނަނީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތައް ޓޫރިޒަމް ބޭނުމަށް ކަނޑައަޅާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށެވެ.
އިދިކޮޅު މެންބަރުންނަށް ރައްދުދެއްވަމުން ނާޒިމު ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ ކަންކަން ކުރިއަށްނުގޮސް ގަލުގައި އެޅުމުން އެކަމަށް ހައްލުތައް ހޯދައިދީ އެކަންކަަން ކުރިއަށްދާނެ މަގުފަހިކުރުމަށް އައި ސަރުކާރެއް ކަމަށެވެ. ނާޒިމު އިތުރަށް ވިދާޅުވީ ކުރީ ސަރުކާރުތަކުގައި ރަށްރަށުގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ފަޅުތަކާއި ފަޅުރަށްތައް ޓޫރިޒަމް ބޭނުމަށް ދޫކޮށްފައިވާ ކަމަށެވެ. އަދި އެފަދަ ބައެއް މިސާލުތައްވެސް ނާޒިމު ފާހަގަކުރެއްވިއެވެ.
އެގޮތުން ދިއްގަރު ފަޅުގެ ތެރެއިން 10 ހެކްޓަރުގެ ބިމެއް، 500،000 ޑޮލަރު ނެގުމަށްފަހު، ރިސޯޓު ތަރައްގީކުރަން ދޫކޮށްފައިވާކަމަށާއި، އަދި ހަމަ އެއަދަދަށް ފައިސާ ނެގުމަށްފަހު މ.ވޭވަށު ފަޅު ތެރެއިން 10 ހެކްޓަރުގެ ބިމެއް ރިސޯޓު ހަދަން ބަޔަކަށް ދީފައިވާކަމަށް ނާޒިމު ވިދާޅުވިއެވެ.
ނާޒިމު އިތުރަށް ފާހަގަަކުރެއްވީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ފަޅުތަކާއި ފަޅުރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދޫކުރުމުގެ ބާރު ކައުންސިލުތަކަށް ލާމަރުކަޒީ ގާނޫނުން އަދި އެކަމާ ގުޅުންހުރި އެހެނިހެން ގާނޫނުތަކުން ކައުންސިލުތަކަށް ލިއްބައިނުދޭކަމަށް ބަންޑާރަނައިބު ލަފާދެއްވާފައިވާ ކަމެވެ.
"ބަންޑާރަނައިބުގެ ލަފާގައި ބަޔާންކޮށްފައިވަނީ ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ފަޅުތަކާއި ރަށްތައް ޓޫރިޒަމްގެ ބޭނުމަށް ކުއްޔަށް ދިނުމާއި އެކަންކަން ކުރުމުގެ ބާރުވެރިކަން ލޯކަލް ކައުންސިލު ގާނޫނުތަކުން ކައުންސިލަށް ލިބިދީފައިނުވާކަމަށް. " - މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު
ނާޒިމު ފާހަގަކުރެއްވި ގޮތުގައި ބަންޑާރަނައިބުގެ ލަފާފުޅު އެގޮތަށް އައުމާއެކު ކުރިން ކައުންސިލުތަކުން ޓޫރިސްޓު ބޭނުމަށް ދޫކޮށްފައިހުރި ބިންތައް ތަރައްގީކުރުމުގެ މަސައްކަަތް މުޅިން މަޑުޖެހިފައިވެއެވެ. އެގޮތުން އޭނާ މިސާލެއްގެ ގޮތުގައި ފާހަގަކުރެއްވި މ.އަތޮޅުގެ ދެ ރަށުގައި ޓޫރިޒަމް މަޝްރޫއު ހިންެގުމަށް ބިން ކުއްޔަށް ނެގި ފަރާތްތަކުން ފަައިސާ ދެއްކުމަށްފަހު ކުރެހުންތަކާާއެކު ޓޫރިޒަމް މިނިސްޓްރީއަށް ހުށަަހެޅުމުން އެ މަސައްކަތް "ގަލުގައި އަޅާފައިވާ"ކަމަށް ވިދާޅުވެ ނާޒިމު ފާހަގަކުރެއްވީ ޓޫރިޒަމްގެ ބޭނުމަށް ފަޅާއި ފަޅުރަށް ދޫކުރުމާ ގުޅޭ އުސޫލުތަކެއް ލޯކަލް ކައުންސިލުތަކާ ބެހޭ އެއްވެސް ގާނޫނެއްގައި ފެންނަން ނެތުމުން، އެކަން ހަމަޖައްސަންޖެހޭނީ ޓޫރިޒަމާ ބެހޭ ގާނޫނުގެ ދަށުން ކަމަށެވެ.
ނާޒިމު އިތުރަށް ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހަކީ ކައުންސިލުތަކުގެ އިހުތިސާސްގެ ތެރެއަށް ރައީސުލްޖުމްހޫރިއްޔާ ވަދެވަޑައިގަތުމުގެ ނިޔަތުގައި ފޮނުވާފައިވާ އިސްލާހެއް ނޫންކަމަަށާއި، މިއީ އޭނާ ފާހަގަކުރެއްވި މައްސަލަތައް ހައްލުކޮށް، އެ މައްސަލަތަކުގެ ސަބަަބުން މަޑުޖެހިފައި ހުރި މަސައްކަތްތަައް ކުރިއަށްގެންދެވޭނެ މަގުފަހިކުރުމަށް ގެނެވޭ އިސްލާހެއް ކަމަށެވެ.
"އެހެންވީމާ ސަރުކާރުން މި އިސްލާހު މި ހުށަހަޅަނީ އެއްގޮތަކަށްވެސް ކައުންސިލުގެ އިހުތިސާސުގެ ތެރޭގައި އޮތްކަމެއް، ރައީސުލްޖުމްހޫރިއްޔާ އެ ބާރު ބޭނުންފުޅުވެގެންނެއް ނޫން. މިކަންތައްތައް ވާނެ ގޮތެއް ހަދައިދިނުމަށްޓަކައި. މިކަންތައްތައް ކުރިއަށްދެވޭނެ މަގެއް ދައްކައިދިނުމަށްޓަކަައި" - މަޖިލީހުގެ ނައިބުރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމު
ނާޒިމު ވިދާޅުވީ މި އިސްލާހު ފާސްކުރެވި ތަސްދީގުކުރެވުމުން، ކައުންސިލުތަކުގެ އިހުތިސާސުގައި ހިމެނޭ ފަޅުތަކާއި ފަޅުރަށްތަކުގެ ތެރެއިން ޓޫރިޒަމް ބޭނުމަށް ދޫކޮށްފައި ހުރި ތަންތަނުގައި ހޮޓާ އަދި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަަތް ފެށިގެންދާނެ ކަމަށެވެ. ނާޒިމު ސިފަކުރެއްވި ގޮތުގައި މި އިސްލާހަކީ ކޮންމެހެންވެސް ގެންނަންޖެހޭ އިސްލާހެކެވެ. އަދި އެ އިސްލާހު ނުގެނެސްފިނަމަ، މިހާރު ކައުންސިލުތަކުން ދޫކޮށްފައި ހުރި ފަޅުތަކާއި ރަށްތައް ދޫކުރުމަށް އެޑްވާންސްކޮށް ނަގާފައިވާ ފައިސާ ސަރުކާރުން އެ ތަންތަން ކުއްޔަަށް ނެގި ފަރާތްތަކަށް ފައިސާ އަދާކުރަންޖެހިދާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމު އިތުރަށް ވިދާޅުވީ މިއިސްލާހު ގެނެސް ކައުންސިލުތަކުން ކުއްޔަށް ދޫކޮށްފައިވާ މިފަދަ ތަންތަން ތަރައްގީކުރުމުގެ ފުރުސަތު ދެވިއްޖެނަމަ ނަތީޖާއެއްގެ ގޮތުން ރަށްރަށާ ދުރުގައި ވަޒީފާ އަދާކުރުމުގެ ބަދަލުގައި އެ ރަށްރަށުގެ ޒުވާނުންނަށް ރަށުގައި ތިބެގެން ރަށާ ކައިރިން ވަޒީފާ ލިބޭނެ މަގުފަހިވާނެ ކަމަށެވެ.