ENGLISH
21 އޭޕްރީލު 2025
އެޗްއާރުސީއެމުން 2024 ގައި ބެލި މައްސަލަތައް؛ ގިނއީ ގައިދީންގެ ސިއްހީ ހައްގުތަކާ ގުޅޭ ޝަކުވާތައް
12 މާރިޗު 2025
|
ކ.މާފުށީ ޖަލު، ފޮޓޯ: ދަޕްރެސް
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެ ކޮމިޝަނަށް ބަލައިގަނެ ތަހުގީގުކުރަން ނިންމާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ގައިދީންގެ ސިއްހީ ހައްގުތަކާ ގުޅޭ މައްސަލަތައްކަން އެ ކޮމިޝަަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްއާރްސީއެމްގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ބުނެފައިވާ ގޮތުން 2024 ވަނަ އަހަރު 797 މައްސަލައެއް ކޮމިޝަނުގައި ރަޖިސްޓްރީކުރެވުނެވެ. އެއިން 692 މައްސަލައަކީ ކޮމިޝަނަށް ހުށަހެޅުނު މައްސަލަތަކެވެ. ބާކީ 105 މައްސަލައަކީ ކޮމިޝަނުގެ އިސްނެގުމަށް ރަޖިސްޓްރީކުރި މައްސަލަތަކެވެ.
ކޮމިޝަަނުން 2024 ވަނަ އަހަރު 487 މައްސަލަައެއް ތަހުގީގުކުރަން ނިންމާފައިވެއެވެ. އެއިން 380 މައްސަލައެއް ބަލަން ނިންމީ ހިއުމަން ރައިޓްސް ގާނޫނުގެ ދަށުން އަދި 107 މައްސަލަައެއް ތަހުގީގުކުރަން ނިންމީ އެންޓި ޓޯޗާ ގާނޫނުގެ ދަށުންނެވެ.
ކޮމިޝަނުން ތަހުގީގުކުރަން ނިންމި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ މައްސަލަތަކަކީ ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހައްގުތަކާ ގުޅޭ މައްސަލައެވެ. ގައިދީންނާއި ބަންދުގައި ތިބޭ މީހުންގެ ސިއްހީ ހައްގުތަކާ ގުޅޭ 158 މައްސަލަ ނިމުނު އަހަރު އެޗްއާރުސީއެމަށް ހުށަހެޅިފައިވެއެވެ.
އެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހެޅިފައިވާ ޝަކުވާއަކީ ބޭސްފަރުވާ ލިބުން ލަސްވެފައިވާކަމަށް ބުނާ މައްސަލައެވެ. އަދި ދެވަނައަށް އެންމެ ގިނައިން ހުށަހެޅިފައިވާ ޝަކުވާއަކީ ހާއްސަ ޑޮކްޓަރަށް ރިފާކުރުމާއި ދެއްކުން ލަސްވެފައިވާކަމަށް ބުނާ މައްސަލައެވެ.