ENGLISH
21 އޭޕްރީލު 2025
ރޮޒެއިނާ އިސްލާމްދީނަށް ކުޑައިމީސްކޮށް ވާހަކަދެއްކުމުން ފިޔަވަޅު އަޅަން ގޮވާލައިފި
11 މާރިޗު 2025
|
ރޮޒެއިނާ އެމްޑީޕީގެ ޖަލްސާއެއްގައި ވާހަކަދައްކަނީ. ދީނަށް ފުރައްސާރަކޮށް ވާހަކަދެއްކުމުން ގިނަ ބަޔަކު އަންނަނީ ފާޑުކިިޔަމުން.
މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އަންހެނުންގެ ރޫހުގެ ރައީސާ، ރޮޒެއިނާ އާދަމް އިސްލާމް ދީނަށް ކުޑައިމީސްކޮށް ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދެއްކުމުން، ރޮޒެއިނާއަށް ހަރުކަށި ފިޔަވަޅު އަޅައި ޙައްޤު އަދަބުދޭން ގޮވާލައިފިއެވެ.
ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ރޮޒެއިނާ ކަންބޮޑުވުން ފާޅުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑް ކުރި މައްސަލައިގައި ފަތުވާ ކޮމިޓީން ވާހަކަނުދައްކާ ކަމަށް ބުނެއެވެ. އެގޮތުން ރޮޒެއިނާ ބުނެފައިވަނީ ރާއްޖޭގެ ފަތުވާ ކޮމިޓީން ދައްކަނީ "ހޫރައްލީނުން" ގެ ވާހަކަ ކަހަލަ ބޭކާރު ވާހަކަ ކަމަށެވެ. އިތުރަށް ރޮޒެއިނާ ބުނެފައިވަނީ، ރައްޔިތުންނަށް މުހިއްމު ކަންކަމުގައި ފަތުވާ ކޮމިޓިން ވާހަކަނުދައްކާ ކަމަށެވެ.
"ރައްޔިތުންގެ ހައްގުތަކަށް އެންމެ ބޮޑަށް ގުޅިފަހުރި ކަންތައްތަކުގެ ވާހަކަ ދައްކަންވީ. ހޫރައްލީނުންގެ ވާހަކަތަކާ މިކަހަލަ ކޮންމެވެސް ބޭކާރު ވާހަކަތަކެއްގެ ތެރޭގަ އަބަދު ތިބެގެން އެންމެ ރައްޔިތުންނަށް ހޯދައިދޭންޖެހޭ ޙައްޤުތައް ހޯދައިނުދެވި ދިޔައީމަކާ އަޅުގަނޑަކަށް ހިއެއްނުވޭ އެބޭފުޅުންގެވެސް ޒިންމާ އަދާކުރެވޭ ހެނެއް،" ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ވާހަކަދައްކަމުން ރޮޒެއިނާ ބުނެފައިވެއެވެ.
ރޮޒެއިނާ ދެއްކި ވާހަކަތަކާ ގުޅިގެން ހެންވޭރު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު ޙުސައިން އިމްރާން ލަތީފް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޤާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފަ ހުރި ފަރާތަކަށް އެއީ އޮޅިގެން ދެއްކުނު ވާހަކައެއްކަމަށް ޤަބޫލުކުރަން ދަތި ކަމަށެވެ.
"އަޅުގަނޑު ފުލުހުންނަށް އަދި އިސްލާމިކް މިނިސްޓްރީއަށް ގޮވާލަން މިފަދަ ފަރާތްތައް ތަހުޤީގުކޮށް ވީހާވެސް އަވަހަށް ދައުވާކުރަން، އަދި އިސްލާމްދީނުގަ މިފަދަ ކަން ކަމަށް އޮތް ހައްގު އަދަބު ދިނުމަށް. މިފަދަ ކަންކަން ލުއިކޮށް ދޫކޮށްލައިފިނަމަ މުޖުތަމައުގަ މީއީ އާދައިގެ ކަމަކަށްވެ އިސްލާމްދީނަށް ފުރައްސާރަ ކުރުން އާންމުވެ އިޔާދަ ނުކުރެވިދާނެފަދަ ފިތުނައެއް ފެތުރުމުގެ ބިރު އެބައޮތް" މެމްބަރު އިމްރާންގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވެސް ވަނީ ރޮޒެއިނާ ދެއްކި ވާހަކަތަކާ ގުޅޭގޮތުން މީސްމީޑިއާގައި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ޝެއިޚް ނިޝާން ވިދާޅުވީ ހޫރައްލީނުންގެ ވާހަކައަކީ އެއްވެސް ޙަޤީގަތެއް ނެތް ބޭކާރު ވާހަކައެއް ކަމަށްބުނެ އެގޮތަށް ވާހަކަދައްކާ މީހަކީ އެވަނީ ﷲއާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ﷺ އަށް އަދި ކީރިތި ޤުރުއާނަށްވެސް ކާފަރުވެފައި ކަމަށެވެ.
"އެފަދަ މީހަކު ޖެހޭނީ އަލުން އިސްލާމްވެ ތައުބާ އިޢުލާނުކުރާށެވެ. އެހެން ނޫންނަމަ އެމީހަކު ވާނީ ރަތްލާޖެހި މުރުތައްދު ކާފަރަކަށެވެ. އެއީ ރޮޒެއިނާ ކަމަށްވިޔަސް ޖެނިފަރ ކަމަށް ވިޔަސްއެވެ." މީސްމީޑިއާގައި ކުރެއްވި ޕޯސްޓުގައި ޝެއިޚް ނިޝާން ވިދާޅުވެފައިވެއެވެ.
ދީނަށް ކުޑައިމީސްކޮށް ދެއްކި ވާހަކަތަކާއި ގުޅޭގޮތުން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވާން ފެށުމާއެކު އެމްޑީޕީގެ ކުރީގެ މަޖިލިސް މެމްބަރު ރޮޒެއިނާ މިއަދު ވަނީ ޕްރޮގްރާމްގައި ދެއްކި ވާހަކަތަކާއި ގުޅިގެން މާފަށް އެދިފައެވެ. މާފަށް އެދުނު ނަމަވެސް ދީނަށް ފުރައްސާރަވާގޮތަށް ވާހަކަދެއްކުމުން ރޮޒެއިނާއަށް ޙައްޤު އަދަބު ދިނުމަށް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ.