ENGLISH
21 އޭޕްރީލު 2025
ސިފައިން ތައްޔާރީ ހާލަތުގައި: ފެން ހިންދުމުގެ މަސައްކަތް ކުރަނީ
11 މާރިޗު 2025
|
އެމްއެންޑީއެފުން މާލޭގައި ފެން ހިންދުމުގެ މަސައްކަތް ކުރަނީ-- ފޮޓޯ/އެމްއެންޑީއެފް
މިވަގުތު މާލޭގެ 3 ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
މިއަދު ހަވީރުން ފެށިގެން މާލެ ސަރަހައްދަށް ބޯކޮށް ދަނީ ވާރޭވެހެމުންނެވެ. މާލޭގެ ބޮޑު ބައެއްގައި ވަނީ ފެންބޮޑުވެފަ އެވެ.
އެމްއެންޑީއެފުން ބުނީ ސިފައިންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި، އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އެޅުމަށް އަބަދުވެސް ތައްޔާރަށް ތިބޭ ބައެއް ކަމަށާ އެގޮތުން މާލެއަށް ކުރިޔަށްއޮތް ދެދުވަހު ވިއްސާރަ ކުރާނެކަން އެނގުނު ހިސާބުން ފެށިގެން ސިފައިންވަނީ، ވިއްސާރައިގެ ސަބަބުން ރައްޔިތުންނާއި މުދަލަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފަށާފައި ކަމަށެވެ.
އެގޮތުން މިއަދު މެންދުރުން ފެށިގެން ޢާންމުކޮށް ފެންބޮޑުވާ ހިސާބުތަކުގައި ޕަމްޕުތައް ބަހައްޓާ، ފެންހިންދުމުގެ މަސައްކަތަށް ވަނީ ރެޑީ ވެފައި ކަމަށް ބުންޏެވެ.
އެގޮތުން މިވަގުތު މާލޭގެ 3 ސަރަހައްދެއްގައި ޕަމްޕު ބަހައްޓައިގެން ފެންހިންދުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ސިދައިން ބުންޏެވެ.
ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ އައިޖީއެމްއެޗް ސަރަހައްދާއި ވެސްޓްޕާކް ސަރަހައްދު އަދި މާފަންނު ފެރީ ޓާރމިނަލް ސަރަހައްދުގަ އެވެ.
އަދި ޢާންމުން ދިރިއުޅޭ ގެތަކަށާއި އެހެނިހެން އިމާރާތްތަކަށް ފެންވަދެ ލިބިދާނެ ގެއްލުމަކުން ރައްކާތެރި ކޮށްދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގައި ވެސް ސިފައިން އަންނަނީ ހަރަކާތްތެރި ވަމުންނެވެ.
މޫސުމާ ބެހޭ އިދާރާއިން މިރޭ އިރު އޮއްސުނު ފަހުން ވަނީ ރ. އަތޮޅުން ފެށިގެން އދ. އަތޮޅަށް ހުދު ސަމާލު ނެރެފައެވެ. އެ ސަމާލުގައި ބުނެފައިވާ ގޮތުގައި އިރުއޮއްސި 6:15 ފެށިގެން މިރޭ 11:00 ޖަހަންދެން މި ސަރަހައްދަށް ބޯކޮށް ވާރެވެހުމާއެކު ގުގުރާނެއެވެ.
މާލެއަށް ވާރޭވެހި ފެންބޮޑުވާ ކޮންމެ ފަހަރަކު، ރެޔެއް ދުވާލަކަށް ނެތި ސިފައިން ފޯރުކޮށްދެމުންމިދާ ޤައުމީ ޚިދުމަތަކީ ޝުކުރުހައްޤު ޚިދުމަތެކެވެ. ސިފައިންގެ މިމަސައްކަތްތަކުގެ ސަބަބުން، ރައްޔިތުންގެ އެތައް މުދަލެއް ރައްކާތެރި ކުރެވިގެންދެ އެވެ.