ENGLISH
21 އޭޕްރީލު 2025
އެއްވެ އުޅުމުގެ ގާނޫނާއި ޚިލާފުވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން ރާއީ ފުލުހަށް ހާޒިރުކުރަނީ
11 މާރިޗު 2025
|
ކުރީގެ މެންބަރު ރާއީ
އެއްވެ އުޅުމުގެ ގާނޫނާއި ޚިލާފުވެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުން މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
ރާއީ އަކީ އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުގައި އިސްކޮށް އުޅޭ އެކަކެވެ.
ފުލުހުން ބުނީ މާޗް މަހުގެ 9 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ ޚިލާފަށް މާލޭގެ އެކި ސަރަޙައްދުގެ މަގުތަކަށް އެއްވެ އަޑުގަދަކޮށް މުޒާހަރާކޮށް ޢާންމު ދަތުރުފަތުރު ކުރުމާއި ޢާންމު ވިޔަފާރިތަކަށް ދަތިވާނެހެން ޙަރަކާތްތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާ ކަމަށެވެ.
އެހެން ކަމުން އެ މައްސަލައިގެ ތަހުޤީޤަށް ފުލުހަށް ހާޒިރުވާން ރާއީއަށް އަންގާފައިވާ ކަމަށެވެ.
އޭނާ ފުލުހަށް ހާޒިރުވާން އަންގާފައި ވަނީ މާދާމާ އެވެ.
ބަރަކާތްތެރި މި ރަމަޟާން މަހު ވެސް އެމްޑީޕީގެ ބައެއް މެންބަރުން ގެންދަނީ މާލޭގެ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ކޮންމެ ރެއަކު ވެސް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާ އެންގުންތަކާ ދެކޮޅަށް އަމަލު ކުރެ އެވެ.
އަދި އާންމުންނަށް ދަތިވާނެހެން އަޑުގަދަކޮށް ވިޔަފާރިތަކަށް ހުރަސް އެޅޭ ގޮތަށް މަގުތައް ބަންދުކޮށް ހަދަ އެވެ.