ENGLISH

21 އޭޕްރީލު 2025

Advertisement

ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މެއި މަހު

11 މާރިޗު 2025

|

އާމިނަތު މައިހާ

"އެމްޕަވަރިންގް ވިމެން އެންޓަޕްރެނަރސް ތްރޫ ޑިޖިޓަލް ޓްރާންސްފޮރމޭޝަން" ގެ ނަމުގައި ބޭއްވުނު ތަމްރީން ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ/ އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ

ގައުމީ ފެންވަރުގައި އަންހެނުން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ ރެހެންދި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މެއި މަހު ހަމަވާނެއެވެ.

އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2025 މެއި 4 ވާ އާދިއްތަ ދުވަހުގެ 14:00ގެ ނިޔަލަށް ކަމަށެވެ. 

މި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިދިޔަ ފެބްރުއަރީ މަހު 18ގައެވެ. އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުޞަތާއި، އެހެން ފަރާތަކުން ނަން ހުށަހެޅުމުގެ (ނޮމިނޭޓް ކުރުމުގެ) ފުރުޞަތު އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުންނާއި ޖަމިއްޔާ ޖަމާއަތްތަކުން ވެސް ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައިވެއެވެ.

އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީން ރެހެންދި އެވޯޑަށް ހުށަހެޅޭނީ ޤާނޫނު ނަންބަރު 7/2010 "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު"ގެ ދަށުން ކޮންމެ ރަށު ކައުންސިލަކާއި ކޮންމެ ސިޓީ ކައުންސިލެއްގެ ބެލުމުގެ ދަށުގައި އޮންނަ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްކަމަށް ވުޒާރާއިން ބުނެފައިވެއެވެ.

ރެހެންދި އެވޯޑު ދިނުމުގައި ބަލަން ނިންމާފައިވަނީ ކަންތައްތަކުގެ ތެރޭގައި:

  • ރަށް ނުވަތަ ސިޓީގެ ތަރައްގީގެ ކަންކަމުގަ އާއި ކައުންސިލުން ދެމުންގެންދާ ރަށްވެހިކަމުގެ ހިދުމަތްތަކާ ބެހޭގޮތުން ރަށު ކައުންސިލަށް ނުވަތަ ސިޓީ ކައުންސިލަށް ލަފާ ދީފައިވާ މިންވަރު.
  • ކައުންސިލުގެ ތަރައްގީގެ ޕްލޭން އެކުލަވާލުމުގައި އަންހެނުންނަށް ދިމާވާ ގޮންޖެހުންތަކާއި އަންހެނުންގެ ކުރިއެރުމަށް ބަދަލުގެނައުމަށް އިސްކަންދެވޭ ހަރަކާތްތައް ހިމެނުމަށް ކޮށްފައިވާ މަސައްކަތްތައް.
  • އަންހެނުންނާއި އަންހެން ކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމަށާއި ހޭލުންތެރިކަން އިތުރުކުރުވުމަށް ކުރެވިފައިވާ މަސައްކަތްތައް.
  • އެރަށެއްގެ އަންހެނުންގެ ހާލަތު ރަނގަޅުކުރުމަށް ކޮށްފައިވާ މަސައްކަތްތައް.
  • އަންހެނުންނަށް ލިބޭ ވަޒީފާ އާއި ވިޔަފާރީގެ ފުރުސަތުތައް ފަހިކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް.
  • އެރަށެއްގައި ސިޔާސީ ދާއިރާއިން އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރެވިފައިވާ މަސައްކަތްތައް.
  • އެރަށެއްގައި އަންހެނުންގެ ހިއްސާ މަދު ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުމަށް ކޮށްފައިވާ މަސައްކަތްތައް.
  • ތައުލީމު ހާސިލުކުރުމުގައި އަންހެނުންނާއި އަންހެން ކުދިންނަށް ހުރި ހުރަސްތައް ނައްތާލުމަށާއި ފުރުސަތުތައް ފަހިކޮށްދިނުމަށް ކޮށްފައިވާ މަސައްކަތްތައް.
  • އަންހެނުންނާއި ކުޑަކުދިންގެ ސިއްހީ ހާލަތު ރަނގަޅުކުރުމަށާއި އަންހެނުންނާ ގުޅުންހުރި ސިއްހީ ކަންތައްތަކަށް ހޭލުންތެރިކުރުވުމަށާއި ދުޅަހެޔޮކަން އިތުރުކުރުވުމަށް ކޮށްފައިވާ މަސައްކަތްތައް.
  • އަންހެނުންނާ ބެހޭ މުހިންމު މައުލޫމާތު އެއްކޮށް އަދި އެ މައުލޫމާތުގެ ބޭނުން ހިފާފައިވާ މިންވަރު.

ރެހެންދި އެވޯޑަށް އެދި ހުށަހެޅުމަށް ފޯމު ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއަށް އީމެއިލް މެދުވެރިކޮށް ފޮނުވުމަށްވަނީ އެދިފައެވެ. އަދި ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރުފަހު 2:00 އަށް އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުން ވެސް ފޯމު ބަލައިގަންނާނެކަމަށް ވުޒާރާއިން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު