ENGLISH
21 އޭޕްރީލު 2025
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލުކުރަން އެއް މެގަވޮޓުގެ އާ ޖެނެރޭޓަރެއް ގެންދަނީ
11 މާރިޗު 2025
|
ފޮޓޯ: ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އާ ޖެންސެޓެއް އެ ސިޓީއަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ބުނެފިއެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފެނަކައިން ބުނީ އައްޑޫ ސެންޓްރަލް ޕަވަރ ސްޓޭޝަނުގެ ޖެނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ގެންދަނީ އެއް މެގަވޮޓުގެ ޖަނަރޭޓަރެއް ކަމަށެވެ. އަދި މާލެއިން އުޅަނދަކަށް އެ ޖަނަރޭޓަރު ލޯޑުކުރެވި ފުރުވާލެވިފައިވާ ކަމަށާއި، އަންނަ ބުރާސްފަތި ދުވަހު އައްޑޫއަށް ބަނދަރުކުރުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.
އައްޑޫ ސިޓީން ކަރަންޓު ކެނޑެން ފެށީ، އެ ސިޓީގައި ބޭނުންކުރަމުންދިޔަ 18 ޖަނަރޭޓަރުގެ ތެރެއިން، ގިނަ ޖަނަރޭޓަރުތަކެއް މަރާމާތުނުކޮށް ދިގުލައިގެން ގޮސް އެޖަނަރޭޓަރުތައް ހަލާކުވުމުގެ ސަބަބުންނެވެ.
އައްޑޫ ސިޓީއަށް މިހާރު ކަރަންޓު ދެނީ ގަޑިތަކަށް ބަހާލައިގެން، އެކި ގަޑިތަކުގައި އެކި ހިސާބުތަކަށެވެ. މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގައި އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުން ވެސް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފެނަކަ ކޯޕަރޭޝަނުން ބުނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަކީ މި ވަގުތު އެ ކުންފުނިން އެންމެ އިސްކަމެއްދީގެން ކުރާ މަސައްކަތް ކަމަށެވެ.
އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރެއްވުމަށް ސަރުކާރުން ވެސް ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.