ENGLISH
21 އޭޕްރީލު 2025
ގައުމީ ސަލާމަތާ ބެހޭ ބޮޑު އޮޕަރޭޝަން؛ ބަޔަކު ހައްޔަރުކޮށް ގެތަކެއް ބަލައިފާސްކޮށްފި
11 މާރިޗު 2025
|
ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންދާ ބޮޑު އޮޕަރޭޝަނުގެ ތެރެއިން، ފޮޓޯ: މިހާރު
ދިވެހި ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ ހިންގަމުންދާ ގައުމީ ސަލާމަތާ ގުޅުންހުރި ބޮޑު އޮޕަރޭޝަނުގައި ބައެއް ގެތައް ބަލައިފާސްކޮށް ބަޔަކު ހައްޔަރުކޮށްފިއެވެ.
"އެމްއެމް" ޓީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންވަނީ މާލޭ ސަރަހައްދުގެ ބައެއް ތަންތަން ބަލައިފާސްކޮށްފައެވެ. އަދި ބަލައިފާސްކުރި ތަންތަނުގައި ތިބި މީހުންނާވެސް ފުލުހުން ސުވާލުކޮށްފަައިވެއެވެ. ބަލައިފާސްކުރި ތަންތަނުގެ ތެރޭގައި މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ހިމެނެއެވެ.
އޭގެ އިތުރަށް ހަތަރު މީހަކު މިހާތަނަށް މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ. ނަމަވެސް ހައްޔަރުކުރި މީހުންނާ ގުޅޭ ތަފުސީލެއް މިހާތަނަށް ފުލުހުން ހާމަނުކުރެއެވެ.
ބައެއް ތަންތަން ބަލައިފާސްކުރުމުގެ އިތުރަށް ބައެއް އުޅަނދުފަހަރުވެސް ބަލައިފާސްކުރިކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން ގްރީން ޒޯނުގެ ތެރެއިން ޕިކަޕެއް ހުއްޓުވައި އެ ޕިކަޕުގެ ޑްރައިވަރު ސަލާމަތީ ބާރުތަކުގެ ބެލުމުގެ ދަށަށް ގެންދިޔަ މަންޒަރު މީސްމީޑިޔާގައި އާންމުވެފައިވެއެވެ.
މި އޮޕަރޭޝަނާ ގުޅޭ ގިނަ ތަފުސީލުތަކެއް ފުލުހުން މިހާތަނަށް ހާމަނުކުރި ނަމަވެސް މި އޮޕަރޭޝަނަކީ ގައުމީ ސަލާމަތާ ގުޅުންހުރި އޮޕަރޭޝަނެއްކަން އެ ހިދުމަތުން ހާމަކޮށްފައިވެއެވެ. އަދި އިތުރު މައުލޫމާތު ކަށަވަރުކުރެވުމުން އެ އޮޕަރޭޝަނާ ގުޅޭ ތަފުސީލުތައް ހާމަކުރަމުންދާނެ ކަމުގައި ފުލުހުންގެ ހިދުމަތުން ބުނެފައިވެއެވެ.