ENGLISH

12 ސެޕްޓެމްބަރު 2025

Advertisement

ބަޖެޓު ފޫބައްދަން އެމްޑީޕީން ނެގި 100 މިލިއަން ޑޮލަރު އިންޓަރެސްޓާއެކު މި ސަރުކާރުން އަނބުރާ ދައްކައިފި

10 މާރިޗު 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

އިދިކޮޅު އެމްޑީޕީގެ ވެރިކަމުގައި 2022 ވަނަ އަހަރު، ދައުލަތުގެ ހަރަދުތައް ފޫބެއްދުމަށް، އަމިއްލަ ފައިނޭންސިން ކުންފުންޏަކުން ނެގި 100 މިލިއަން ޑޮލަރުގެ ލޯނު އެ ލޯނަށް އަރާ އިންޓަރެސްޓާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދައްކައިފިއެވެ. 

މި ލޯނަކީ އެމްޑީޕީން ކާގިލް ފައިނޭންސްއިން ނަގާފައިވާ 100 މިލިއަން ޑޮލަރެކެވެ. އެ ލޯނު ނަގާފައިވަނީ 7.15 އިންސައްތައިގެ އިންޓަރެސްޓު ރޭޓުގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ. ތިން އަހަރު ތެރޭގައި އަނބުރާ ދައްކާ ގޮތަށް ނެގި އެ ލޯނުގެ އިންޓަރެސްޓުގެ ގޮތުގައި 100 މިލިއަން ޑޮލަރުގެ އިތުރަށް 26 މިލިއަން ޑޮލަރު ދައްކަންޖެހެއެވެ. 

ސަރުކާރުންވަނީ މި ހަފުތާ ތެރޭގައި އެ ލޯނު އަނބުރައި ދައްކައި ހަލާސްކޮށްފައެވެ. ސަރުކާރުން ގެންދަނީ ކުރީ ސަރުކާރުތަކުގައި ނަގާފައިވާ މިފަދަ ލޯނުތައް ދައްކަންޖެހޭ މުއްދަތުތަކުގައި ބަރާބަރަށް ދައްކައި ހަލާސްކުރަމުންނެވެ. 

ފިނޭންސް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޭރު ފަރާތްތަކަށް ދައްކަންޖެހިފައި ހުރި ދަރަނި ބަރާބަރަށް އަދާކޮށް އިންވެސްޓަރުންގެ އިތުބާރު ދެމެހެއްޓުމުގެ މަސައްކަތް މެދުނުކެނޑި ސަަރުކާރުން އަންނަނީ ކުރަމުންނެވެ. 

އެމްޑީޕީގެ ވެރިކަަމުގައި ބަޖެޓުގެ ތާށިކަން ހައްލުކުރުމަށް އެކި ފަހަރުމަތިން އެމްޑީޕީ ސަރުކާރުގައި ބޮޑެތި ލޯނުތައް ނަގާފައިވެއެވެ. އެ ލޯނުތައް ނަގާފައިވަނީ ބޮޑެތި އިންޓެރެސްޓު ރޭޓުތަކުގައިކަން ފާހަގަކުރެވެއެވެ. 

އެ ޕާޓީގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ދައުލަތުގެ ދަރަންޏަށް 60 ބިލިއަން ރުފިޔާ އިތުރުވެފައިވެއެވެ. އަދި ދައުލަތުގެ ދަރަނި ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 120 އިންސައްތައަށްވުރެ މައްޗަށް އަރައި ޖުމްލަ ދަރަނި ސަތޭކަ ބިލިއަނުން މައްޗަށް އަރާފައިވެއެވެ. 

ހަމައެކަނި 2022 ވަނަ އަހަރު އެމްޑީޕީން 8 ލޯނު ނެގިއެވެ. އެ ލޯނުތަކަށް އެކަނި 404.5 މިލިއަން ޑޮލަރު ނުވަތަ 6.2 ބިލިއަން ރުފިޔާ އަރައެވެ. 

ރައީސް ޑރ.މުޢިއްޒު މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ސަރުކާރުން އަންނަނީ މި ދަރަނިތައް އަދާކުރުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން އިންޑިޔާއިންވަނީ ލޯނުތައް ދޫކުރުމުގައި ލުއިތަކެއް ހަމަޖައްސައިދީފައެވެ. އަދި ޗައިނާއިންވެސްވަނީ ދަރަނި އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސައިދީ ދަރަނީގެ ބައެއް އަދާކުރުން ފަސްކޮށްދީފައެވެ. 

ކިޔުންތެރިންގެ ހިޔާލު