ENGLISH
21 އޭޕްރީލު 2025
ކުނި މެނޭޖްކުރާ މަރުކަޒުތައް 32 ރަށެއްގައި ޤާއިމްކުރަން ވެމްކޯއާ ޙަވާލުކޮށްފި
10 މާރިޗު 2025
|
ކުނި މެނޭޖްކުރާ މަރުކަޒުތައް 32 ރަށެއްގައި ޤާއިމްކުރުމަށް ވެމްކޯއާ ޙަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް
ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް 32 ރަށެއްގައި ޤާއިމްކުރަން ވޭސް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ޙަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ފަރާތުން ވެމްކޯއާ އެ މަސައްކަތް ޙަވާލުކުރީ މިއަދު އެކަމަށް ޚާއްޞަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ވަނީ 32 ރަށުގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާާއިމްކުރުމުގެ އެއްބަސްވުމުގައި ވެމްކޯއާއެކު ސޮއިކޮށްފައެވެ.
ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރާ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތާރިގު އިބްރާހީމްއެވެ. ވެމްކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލުއެވެ.
ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓްރީން ވަނީ މިދިޔަ ފެބްރުއަރީ މަހު ދ. އަތޮޅު މީދޫ އާއި ހުޅުދެލީގައި ކުނި މެނޭޖްކުރާ މަރުކަޒު ޤާއިމްކުރުމަށް ވެސް ވެމްކޯއާ ޙަވާލުކޮށްފައެވެ. މިއަދުގެ އެއްބަސްވުމާއެކު ވެމްކޯއިން ޖުމްލަ 34 ރަށެއްގައި ކުނި މެނޭޖްކުރާ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ.
ވެމްކޯއާ ރަސްމީކޮށް މަސައްކަތް ޙަވާލުކުރެއްވުމަށްފަހު، ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް މިނިސްޓަރ ތާރިގު އިބްރާހީމް ވިދާޅުވީ މިއަދަކީ ކުނި މެނޭޖްކުރުމުގައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތަށް ލިބިިގެންދިޔަ ކާމިޔާބީއެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުނި މެނޭޖްކުރާ މަރުކަޒުތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމުކުރުމަށް މިހާރު ކުރިއަށްގެންދާ ޕްރޮގްރާމްގެ ދަށުން 128 ރަށުގައި މަރުކަޒުތައް ޤާއިމުކުރައްވާނެ ކަމަށެވެ. ބާކީ ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ ޚިދުމަތް ދިނުމަށް އިތުރު ކުންފުނިތަކާއި ޙަވާލުކުރުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތާރިގު އިބްރާހީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި ވެސް އެންމެ ބޮޑު އެއް މައްސަލައިގެ ގޮތުގައި ރައްޔިތުން ފާހަގަކުރީ ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރެވޭނެ ގޮތްތަކެއް ހަމަޖެހިފައި ނެތުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާއިރު، ކުނި ރަނގަޅަށް މެނޭޖްކުރެވިއްޖެކަމުގައި ވާނަމަ އެއީ ރާއްޖެއަށް ލިބޭނެ ފަޚުރެއް ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ތިމާވެށި ގުޅިފަ މި އޮންނަނީ އަޅުގަނޑުމެންގެ އިޤްތިޞާދާ. އެހެންވީމާ އަޅުގަނޑުމެންގެ ތިމާވެށި އަޅުގަނޑުމެން ރައްކާތެރިކޮށް ޚާއްޞަކޮށް ރަށުގެ ތިމާވެށި، ރަށު ތެރެ ސާފުތާހިރުކޮށް މަސައްކަތްތައް ކުރެވިއްޖެކަމުގައި ވަންޏާމު އަޅުގަނޑުމެން އުޅޭ ވެށިވެސް ސާފުތާހިރުވެގެންދާނެ. އަޅުގަނޑުމެންގެ ސިއްޙަތަށްވެސް އޭގެން ރަނގަޅު އަސަރުތަކެއް ކުރަމުންދާނެ. އަދި އަޅުގަނޑުމެންގެ އިޤްތިޞާދަށް ވެސް ރަނގަޅު އަސަރުތަކެއް ކުރެވިގެންދާނެ،" މިނިސްޓަރު ވިދާޅުވިއެވެ.
ރަށްތަކުގައި ކުނި މެނޭޖްކުރުމުގެ މަރުކަޒުތައް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ކައުންސިލްތަކުންނާއި ރައްޔިތުންގެ ފަރާތުން ކުންފުނިތަކަށް އެއްބާރުލުން ދިނުމަށް މިނިސްޓަރ ތާރިގު އިބްރާހީމް އިލްތިމާސްކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މި އަމާޒަށް މި ވައުދަށް އަޅުގަނޑުމެން މަސައްކަތް ކުރަމުންމިދަނީ. އިރާދަކުރެއްވިއްޔާމު ކުރިއަށް މި އޮތް ދުވަސްތަކުގެ ތެރޭގައި މިދެންވި ރާއްޖޭގެ 128 ރަށުގެ ކޮންޓްރެކްޓްތައް ޙަވާލުކުރެވިގެން ވަރަށް ބާރު ސްޕީޑުގަ އިރާދަކުރެއްވިއްޔާ ކުރިއަށް ގޮސް ނިންމާލެވޭނެ. އެރަށްރަށް ބޭނުންވާ އިކުއިޕްމަންޓް ހޯދުމުގެ މަސައްކަތްވެސް މިނިސްޓްރީ އޮފް ފިނޭންސުން އިތުރަށް ކުރިއަށްގެންދާވެ ވާހަކަ ދަންނަވަން،" ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ މުޖުތަބާ ޖަލީލު ވިދާޅުވީ، ރަމަޟާން މަހަށްފަހު ހއ. ދިއްދޫ އާއި ރ. އުނގޫފާރު އަދި ދ. ކުޑަހުވަދޫގައި ކުނި މެނޭޖްކުރުމުގެ މަސައްކަތް ފަށާނެ ކަމަށާއި، މިއަހަރު ނިމުމުގެ ކުރިން ސިޓީތަކާއި އާބަން ސެންޓަރުތަކުގެ އިތުރުން އަތޮޅުގެ ވެރިކަން ކުރާ ރަށްތަކުގައި އެ ޚިދުމަތް ފެށުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.