ENGLISH

21 އޭޕްރީލު 2025

Advertisement

އަލަށް އަޅާ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ

10 މާރިޗު 2025

|

މުރުޝިދު އަބްދުލް ޙަކީމް

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް(ކ) އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި މައުލޫމާތު ދެއްވަނީ-- ފޮޓޯ/ އެމްއެމްޓީވީ

ރާއްޖޭގެ އެކި ރަށްރަށުގައި އަލަށް ހަދާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އިމާރާތްކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރަން ހެލްތު މިނިސްޓްރީން ތައްޔާރުވެއްޖެ އެވެ.

އެމްއެމްޓީވީގެ 'ބޮޑު ޚަބަރު' ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް ވިދާޅުވީ 65 ރަށެއްގެ ސިއްހީ ޚިދުމަތްދޭ އިމާރާތްތަކުގެ މަސައްކަތް މި މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށެވެ.  

"އޭގެ ތެރޭގައި 29 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާނެ. އޭގެ ތެރޭގައި އަލަށް ހޮސްޕިޓަލް އިމާރާތްކުރުމާއި ހޮސްޕިޓަލްތަކުގެ ޖާގަ ކުޑަވުމުން އެކްސްޓެންޝަން އިމާރާތްތަކާއި އެކު 29 ރަށެއްގެ ހޮސްޕިޓަލްގެ މަސައްކަތް ކުރިއަށްދާނެ. އެއާއެކުއެކީގައި ދާނެ 36 ރަށެއްގެ ސިއްހީ މަރުކަޒެއްގެ މަސައްކަތް. އާ ސިއްހީ މަރުކަޒުތައް ހެދުމާއި ސިއްހީ މަރުކަޒުތައް ކުޑަވުމުން އެކްސްޓެންޝަން އިމާރާތްތައް ހެދުމާއެކީގައި،" އޭނާ ވިދާޅުވި އެވެ.  

މީގެ އިތުރުން ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތައް އެޅުމަށް އެމްޑީޕީގެ ސަރުކާރުން ގިނަ ރަށްރަށުގައި ހަވާލުކޮށްފައިވަނީ އެ މަސައްކަތްތައް ހިނގާނެ ގޮތަށް ނޫންކަން ފާހަގަކުރައްވައި މުހައްމަދު ޤާސިމް ވިދާޅުވީ އޭގެ ތެރެއިން ގިނަ ޕްރޮޖެކްޓްތަކަކީ މަސައްކަތަށް ބޭނުންވާ ފައިސާ ނެތި ހަވާލުކޮށްފައިވާ ޕްރޮޖެކްޓްތައް ކަމަށެވެ.  އެހެންވެ ކުރީ ސަރުކާރުން އެކި ކުންފުނިތަކާ ހަވާލުކޮށްފައިވާ 13 ރަށެއްގައި ޕްރޮޖެކްޓް އެގްރީމެންޓްތައް ބާތިލްކޮށް އަލުން އެ މަސައްކަތް އެހެން ކުންފުނިތަކާ ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ތިން ހޮސްޕިޓަލެއް ޓާރޝަރީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށް އަހްމަދު ޤާސިމް ވިދާޅުވި އެވެ.

"ހޮސްޕިޓަލް ޓާރޝަރީ ފެންވަރަށް އައީމަ އެތަން ތަނުން މިހާރު ނުދެވޭ ޚިދުމަތްތައް ދެވޭނެ. ކުރިން ނުހެދޭ ތަހްލީލުތައް ކުރެވެނޭ. އެހެންވީމަ ވަރަށް ގިނަ ޚިދުމަތްތަކަކަށް އަންނަ އިންގިލާބީ ބަދަލެކޭ އަޅުގަނޑު ދަންނަވާނީ. އެ ތިން ހޮސްޕިޓަލްގެ ތެރޭގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ޑރ. އަބްދުއްސަމަދު ރީޖަނަލް ހޮސްޕިޓަލް ހިމެނޭ،" އަހުމަދު ޤާސިމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ހަތަރު ވަރަކަށް މަސްތެރޭގައި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޑަޔަލިސިސް ސިސްޓަމްގެ ހިދުމަތް ދޭން ފެށޭނެ ކަމަށާއި މިހާރު ކުރަމުންދަނީ އެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އޭގެ އިތުރުން ޑަޔަލިސިސްއަށް ބޭނުންވާ މީހުން ތިބި، އަދި ހޮސްޕިޓަލެއް ނެތްކަމުގައި ވީނަމަވެސް ސިއްހީ މަރުކަޒުގައި ވެސް ރައީސުލް ޖުމްހޫރިއްޔާ ނިންމަވަނީ އެ ޚިދުމަތް ދިނުމަށް. ތިޔަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ހއ. އިހަވަންދޫގައި ވެސް ޑަޔަލިސިސްގެ ޚިދުމަތް ފެށިގެން އެ ދިޔައީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސިއްހީ ދާއިރާ އޮތް ގޮތާ ގުޅޭ ގޮތުން ޤާސިމް ވިދާޅުވީ ސިއްހީ ޚިދުމަތްދޭން ހުރި ވަރަށް ގިނަ އިމާރާތަކާއި ތަކެތި ހުރީ ބާވެ ވީރާނެވެފައި ކަމަށެވެ. އަދި އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވީ ރަނގަޅަށް ނިޒާމެއްގެ ތެރެއިން ވަރަށް ރަނގަޅަށް ހިނގަމުންދިޔަ ކަންކަން އޮތީ ވަރަށް ބޮޑަށް ހަލާކުވެފައި ކަމަށެވެ. އެގޮތުން ތަނުގެ މުވައްޒަފުންނާއި ވަސީލަތްތައް ނެތި ތަނުގެ ގިންތި މަތިކޮށްފައިވުމުން ތަނާ އެކަށޭނެ ޚިދުމަތްދޭން ދަތިކަން އޭނާ ފާހަގަކުރެއްވި އެވެ. އެ މައްސަލަ ހައްލުކުރުމަށް އެތަން ތަނަށް ބޭނުންވާ ވަސީލަތާއި މުވައްޒަފުން ހޯދުމުގެ މަސައްކަތް ވެސް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު