ENGLISH
21 އޭޕްރީލު 2025
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ގިނަ! ޖެނުއަރީ މަހު އެކަނިވެސް 112 މައްސަލަ
10 މާރިޗު 2025
|
ކުޑަކުދިން - ފޮޓޯ: ވޮއިސްއެމްވީ
ފާއިތުވި ޖެނުއަރީ މަހު، މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ ޖެނުއަރީ މަހު އެ މިނިސްޓްރީއަށް 258 މައްސަލަ ހުށަހަޅާފައިވެއެވެ. މި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން އެ މަހު އެފަދަ 112 މައްސަލަ މިނިސްޓްރީއަށް ހުށަހަޅާފައިވެއެވެ.
މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ވެސް އެންމެ ގިނައިން ހުށަހަޅާފައިވަނީ އިހުމާލުގެ މައްސަލަތަކެވެ. ކުޑަކުދިންނަށް އިހުމާލުވެގެން ޖުމްލަ 32 މައްސަލަ ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ޖިސްމާނީ ހާނިކައިގެ 21 މައްސަލަ، ޖިންސީ ހާނިކައިގެ 20 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލަ، ނަފްސާނީ ހާނިކައިގެ ނުވަ މައްސަލަ އެ މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
މިނިސްޓްރީން ބުނީ އެހެން ކުދިންގެ ފަރާތުން ގަނާ ކުރުމުގެ ހަތަރު މައްސަލައާއި، އެހެން ކުދިންގެ ފަރާތުން ފުރައްސާރަ ލިބުމުގެ ހަ މައްސަލައިގެ އިތުރުން ބިރުދެއްކުމުގެ ދެ މައްސަލަ ވެސް ހުށަހަޅާފައިވާ ކަމަށެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ދެން އެންމެ ގިނައީ ގެވެށި އަނިޔާ އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 57 މައްސަލަ ހުށަހަޅާފައިވާއިރު އޭގެތެރޭގައި، ޖިސްމާނީ އަނިޔާ ކުރުމުގެ 26 މައްސަލައާއި، ނަފްސާނީ އަނިޔާ ކުރުމާއި އަނގަ ބަހުން ކުރެވޭ އަނިޔާގެ 17 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ ހަ މައްސަލަ ވެސް ހުށަހަޅާފައިވެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ ނިޔަލަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، އެންމެ ގިނައިން ގެވެށި އަނިޔާގެ ޝިކާރައަކަށް ވެފައި ވަނީ އަންހެނުންނެވެ. އެއީ 44 މީހުންނެވެ. ފިރިހެނުންނަށް ގެވެށި އަނިޔާކޮށްގެން 13 މީހެއްގެ މައްސަލަ ހުށަހަޅާފައިވެއެވެ.
މިނިސްޓްރީން ބުނީ އެއް ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، މިހާރުވެސް ޖުމްލަ 64 އަންހެން ކުދިންނާއި 81 ފިރިހެން ކުދިން ދައުލަތުން ދަނީ ބަލަހައްޓަމުން ކަމަށެވެ. އަދި ހަމައެއާއެކު އެއް ކުއްޖަކަށް ރާއްކާތެރި މާހައުލެއް ކަށަވަރުކޮށްދީ އާއިލާއަކާ ހަވާލުކޮށްފައިވެއެވެ. ދައުލަތުން ބަލަހައްޓަމުން ދިޔަ ކުދިންގެ ތެރެއިން ފަސް ކުދިން މިދިޔަ ޖެނުއަރީ މަހު ވަނީ އާއިލާއާ އަލުން ހަވާލުކޮށްފައެވެ.