ENGLISH
21 އޭޕްރީލު 2025
ދައުލަތުގެ ރިޒާވަށް ތިޔާގިކަން؛ ބޭނުންކުރެވޭ ރިޒާވް 180 މިލިއަން ޑޮލަރާ ގާތަށް
10 މާރިޗު 2025
|
ދައުލަތުގެ ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވެ ޖުމްލަ ރިޒާވް 981 މިލިއަން ޑޮލަރަށް އަރައި ބޭނުންކުރެވޭ ރިޒާވް 179 މިލިއަން ޑޮލަރަށް އަރައިފިކަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.1 މިލިއަން ޑޮލަރު ހުއްޓެވެ. އެއީ ޖަނަވަރީ މަހުގެ ނިޔަލަށް ހުރި 708.1 މިލިއަން ޑޮލަރަށްވުރެ 17.5 އިންސައްތަ އިތުރު އަދަދެކެވެ.
ރަސްމީ ރިޒާވް އެސެޓުތަކުގެ އިތުރަށް ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި އެމްއެމްއޭގެ ހިޔާޒަތު (ކޮންޓްރޯލް) ހިނގާ އެސެޓުތަކުގެ ގޮތުގައި 149.6 މިލިއަން ޑޮލަރު ހުރިކަން ހިސާބުތަކުން ދައްކައެވެ. މިއީ ޖުމްލަ ރިޒާވް ހިސާބުކުރުމުގައި ރަސްމީ ރިޒާވް އެސެޓާއެކު ގުނާ އެސެޓުތަކެވެ.
އެހެންކަމުން މި ހިސާބުތަކަށް ބަލާއިރު ޖުމްލަ ރިޒާވްގެ ގޮތުގއި 981.7 މިލިއަން ޑޮލަރު ފެބްރުއަރީގެ ނިޔަލަށް ރެކޯޑުކުރެވިފައިވެއެވެ.
އެ ފައިސާގެ ތެރެއިން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކަށް ހޭދަވާނެކަމަަށް ހިސާބުތަކުން ދައްކާ 802.6 މިލިއަން ޑޮލަރު އުނިކުރުމުން، ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 179 މިލިއަން ޑޮލަރު ފެބްރުއަރީގެ ނިޔަލަށް ހުއްޓެވެ.
ރިޒާވްގެ ހާލަތު ރަނގަޅުވާން ފަށާފައިވަނީ މަރުކަޒީ ބޭންކު އެމްއެމްއޭއާއި އިންޑިޔާގެ ރިޒާވް ބޭންކާއެކު ހެދި އެއްބަސްވުމެއްގެ ދަށުން 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާ ގުޅިގެންނެވެ.
އޭގެ ފަހުން އިތުރަށް ރިޒާވްގެ ހާލަތު ރަނގަޅުވީ އެމްއެމްއޭއިން ނިމުނު އަހަރުގެ އޮކްޓޯބަރު މަހުގައި ތައާރަފުކުރި ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަަރަށް ނިމުނު ޖަނަވަރީ މަހު ބޭންކުތަކަށް ޑޮލަރު މާރުކުރުމާ ގުޅިގެންނެވެ.
އެމްއެމްއޭއިން ފުރަތަމަ އަންދާޒާކުރި މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ޓޫރިސްޓު ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރުމާ ގުޅިގެން، ބޭންކުތައް މެދުވެރިކޮށް އެމްއެމްއޭއަށް ލިބުނު ބޭރު ފައިސާ އިތުރުވެ، އެކަމުގެ ސަބަބުން ދައުލަތުގެ ރިޒާވް ތިޔާގިވެފައިވެއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކުރުމުގެ މައިގަނޑު އެއް ސަބަބަކީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ވަރަށް ބޮޑަށް ހީނަރުވުމެވެ. ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރިޒާވް ތިޔާގިވަމުންދާނަމަ، ކްރެޑިޓް ރޭޓިން ރަނގަޅުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށް މާހިރުން ދެކެވަޑައިގަންނަވައެވެ.