ENGLISH

21 އޭޕްރީލު 2025

Advertisement

އަބަދުވެސް ދިވެހި ސަރުކާރުން ތާއީދުކުރާނީ މިނިވަން ފަލަސްޠީނަކަށް: ޑރ.ޚަލީލު

10 މާރިޗު 2025

|

އާމިނަތު މައިހާ

ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް / ފޮޓޯ: ޕީއެސްއެމް

މިނިވަން މުސްތަގިއްލު ފަލަސްތީނެއް އުފެދި އެ ޤައުމުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭނެ ސިޔާސަތަކީ ދިވެހިރާއްޖެއިން ޒަމާނުއްސުރެ ގެންގުޅޭނެ ސިޔާސަތެއްކަމަށާއި އެކަމަށް އަވަސް ހައްލެއް ގެނައުމަށް ދިވެހިރާއްޖެއިން އަޑުއުފުލާ އަބަދުވެސް ގޮވާލަމުންދާނެކަމަށް ވެސް ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިފަދައިން ވިދާޅުވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް، ލިޔުމުން ޖަވާބު ހޯދެއްވުމަށް ކުރައްވާފައިވާ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މިނިސްޓަރ ވިދާޅުވީ އިޒްރޭލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް 2024 ޖޫން 2 ގައި ވަޒީރުންގެ މަޖިލީހުގެ ލަފަޔާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

މިކަން ތަންފީޒުކުރުމަށްޓަކައި ގާނޫނު ނަންބަރު 1/2007 އިމިގްރޭޝަންގެ ގާނޫނަށް އިސްލާހުގެންނަންޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ. އަދި އެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު މިވަގުތު އޮތީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތާއި ބެހޭ ކޮމިޓީގައި ކަމާގުޅުންހުރި އެކިއެކި ފަރާތްތައް ހާޒިރުކޮށްގެން ދިރާސާކުރުމުގެ މަރުހަލާގައެވެ. މި އިސްލާހު ގާނޫނަކަށްވުމާއެކު ސަރުކާރުގެ ނިންމުން ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެއެވެ.

މިނިސްޓަރ ޚަލީލް އިތުރަށް ވިދާޅުވީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޢަމަލުތައް ކުށްވެރިކޮށް އެފަދަ ޢަމަލުތައް ހުއްޓާލުމަށް ގޮވާލާ ބައިނަލްއަޤްވާމީ މަސްރަހުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް ދިވެހި ސަރުކާރުންދަނީ ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި އެކުވެރި އަރަބި އިސްލާމީ ޤައުމުތަކާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. 

މިކަމުގެ މިސާލެއްގެ ގޮތުން މިނިސްޓަރ ފާހަގަކުރެއްވީ ބައިނަލްއަޤްވާމީ އެކި ފޯރަމްތަކުގައި މި މައްސަލައާ ގުޅިގެން އަޑުއުފުލާ ވާހަކަދެއްކުމުގެ އިތުރުން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި ކުރިއަށްދާ މި މައުޟޫއުއާ ގުޅޭ އެންމެހާ މައްސަލަތަކުގައި ދިވެހިރާއްޖެއިން ބައިވެރިވަމުންދާކަމެވެ. 

ދިވެހިރާއްޖެއިން ބައިވެރިވި ފަލަސްތީނާގުޅޭ ބައެއް މައްސަލަތައް:

  • ރުމަތީ ގުދުސް ހިމެނޭގޮތަށް އިޒްރޭލުގެ ބާރުގެދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި ޢަމަލުކުރަމުންދާ އިޒްރޭލުގެ ސިޔާސަތުތަކާ ހަމަތަކުން އުފެދޭ ގާނޫނީ ނަތީޖާތަކާ ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށްއެދި އ.ދގެ އާއްމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިންވަނީ ލިޔުމުން ބަޔާނެއް ހުށަހަޅައި ކޯޓަށް ހާޒިރުވެ ބަޔާންދީފައިވުން.

  • އައިސީޖޭގައި ކުރިއަށްދާ އެޕްލިކޭޝަން އޮފްދަ ކޮންވެންޝަން އޮންދަ ޕްރިވެންޝަން އެންޑް ޕަނިޝްމެންޓް އޮފްދަ ކްރައިމްސް އޮފް ޖެނޮސައިޑް އިންދަ ޢައްޒާ ސްޓްރިޕް ސައުތްއެފްރިކާ ވ އިޒްރޭލް މައްސަލައަށް ދިވެހިރާއްޖެއިން ތަދައްޚުލުވުމަށް ހުށަހަޅަންޖެހޭ ޑެކްލެރޭޝަން އޮފް އިންޓަވެންޝަން ހުށަހަޅާފައިވުން.
  • އިޒްރޭލުގެ ބާރުގެދަށަށް ގެނެސްފައިވާ ފަލަސްތީނުގެ ބިންތަކުގައި އ.ދއާއި އެހެނިހެން ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި އެހެން ޤައުމުތަކުން ތިބުމާއި، އެ ބިންތަކުގައި އެފަރާތްތަކުން ހިންގާ ހަރަކާތްތަކާ ގުޅިގެން އިޒްރޭލުގެ އިންތިޒާމުތަކާއި ގުޅޭގޮތުން އައިސީޖޭގެ އިސްތިޝާރީ ލަފައަކަށްއެދި އ.ދގެ އާއްމު މަޖިލީހުން ހުށަހަޅާފައިވާ މައްސަލާގައި ދިވެހިރާއްޖެއިން ބައިވެރިވެވަނީ ލިޔުމުން ބަޔާން ހުށަހަޅާފައިވުން.
  • ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވާ އ.ދގެ އޭޖެންސީކަމުގައިވާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އޭޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް އިންދަ ނިއާ އީސްޓް (އަންރުއާ)އަށް ދިވެހިރާއްޖެއިންދޭ އެހީ އަހަރަކު 5000 އެމެރިކާ ޑޮލަރުން 50،000 އެމެރިކާ ޑޮލަރަށް އިތުރުކުރުން.
  •  މުޅި ރާއްޖެއަށް ހުޅުވާލައިގެން 2024ވަނަ އަހަރު ބޭއްވި ޓެލެތޯނަށް ދިވެހި ރައްޔިތުން ހަދިޔާކުރި އެއްމިލިއަން ދެލައްކަ ޑޮލަރު އަންރުއާ ހަވާލުކުރުމުގެ އިތުރުން ދިވެހިރާއްޖެއިން ފަލަސްތީނުގެ ރައްޔިތުންނާ ހަވާލުކުރާ 2 މިލިއަން މަސްދަޅުގެ ފުރަތަމަ ޝިޕްމަންޓް 374،400 މަސްދަޅު، މިސްރުގެ ރެޑްކްރެސެންޓް މެދުވެރިކޮށް މިދިޔަ ފެބްރުވަރީ މަހުގެ 12 ވަނަ ދުވަހު ޢައްޒާއަށް އެތެރެކޮށްފައިވުން.

ނިންމަވާލައްވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ދިވެހި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކެނޑިނޭޅި މަސައްކަތްކުރަމުން ގެންދާނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު