ENGLISH
21 އޭޕްރީލު 2025
މުވައްޒަފުންގެ ބޮޑެތި ތުހުމަތުތަކާއެކު، ފަޒީނު ވަކިކުރުމުގެ މައްސަލަ ބަލަނީ
10 މާރިޗު 2025
|
ބްރޯޑްކާސްޓިން ކޮމިޝަން އޮފް ދި މޯލްޑިވްސް (ބްރޯޑްކޮމް)ގެ ނައިބުރައީސް މުހައްމަދު ފަޒީނާ ގުޅިގެން އެ ކޮމިޝަނުގެ މުވައްޒަފުންތަކެއް ހުށަހަޅާފައިވާ ގިނަ ޝަކުވާތަކެއްގެ މައްސަލަ ބެލުމަށްފަހު، އޭނާ ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރުމުގެ މައްސަލަ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
އެ ނިންމުން މިއަދު މަޖިލީހުގެ ތަޅުމުގައި އަމީން ޢާންމުވަނީ އިއްވަވާދެއްވާފައެވެ. ކޮމިޓީން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ފާހަގަކޮށްފައިވަނީ ފަޒީނަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ބްރޯޑްކޮމްގެ މުވައްޒަފުންނާއި އެހެނިހެން މެންބަރުންވެސް ކޮމިޓީއަށް ހާޒިރުކޮށް އެ ތުހުމަތުތަކާމެދު ސުވާލުކޮށް މައުލޫމާތު އޮޅުންފިލުވާފައިވާ ކަމަށެވެ.
އެގޮތުން އެ ކޮމިޓީއަށް ހާޒިރުވި މުވައްޒަފުންގެ ތެރެއިން މުވައްޒަފެއްގެ ގައިގައި އޭނާގެ ނުރުހުމުގައި އަތްލުމާއެކު ކޮމިޝަނުގެ ތެރޭގައި އޭނާއާ ބޭއަދަބީ ބަހުރުވައިން ވާހަކަދައްކާފައިވާކަމަށް އެމުވައްޒަފު ކޮމިޓީގައި ފަޒީނަށް ތުހުމަތުކުރި ކަމުގައި ކޮމިޓީން ބުނެފައިވެއެވެ.
ކޮމިޓީގެ ސިޓީގައި ބުނެފައިވާ ގޮތުން އެ މުވައްޒަަފުންވަނީ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ބްރޯޑްކޮމްގައި އުފައްދާފައިވާ ކޮމިޓީއަށް މި މައްސަލަ ހުށަހަޅާފަައެވެ.
ކޮމިޝަނުގެ މެންބަރުންނަކީ މުޖުތަމައު ގަބޫލުކުރާ މިންގަނޑުތަކުން އަނބުރުވެރި ވަކި ފަރާތަކަށް ނުޖެހޭ އަހުލާގު ރަނގަޅު ބަޔަކު ކަމުގައި ވާންޖެހޭނެކަމަށް ގާނޫނުގައި ބަޔާންކުރާކަން ފާހަގަކޮށް، ކޮމިޓީގެ ސިޓީގައި ބުނެފައިވަނީ ކޮމިޝަނުގެ މުވައްޒަަފުންނާ ބޭއަދަބީ ބަހުރުވައިން ވާހަކަދައްކައި، އަންހެން މުވައްޒަފުން ގައިގަ ނުރުހުމުގައި އަތްލުމަކީ މުޖުތަމައު ބަލައިގަންނަ އަހުލާގީ މިންގަނޑުތަކާ ހިލާފު ކަމެއް ކަމަށެވެ.
""ކޮމިޝަނުގެ ނައިބުރައީސްގެ މަގާމުގައި ހުންނަވައި، ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަދެއްކުމާއި، އަދި އެ މުވައްޒަފު ގައިގަ އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހުލާގީ މިންގަނޑާއި އަނބުރުވެރިކަމާ ހިލާފު ކަމެއްކަމަށް ކޮމިޓީން ދެކޭކަމާއި، އެކަމަކީ މެންބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީނު ކޮށްފަައިވާ ހާލަަތެއް ކަމުގައި ކޮމިޓީއަށް ބެލެވުނު،" " - މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ
ކޮމިޓީގެ ސިޓީގައި ބުނެފައިވަނީ މި މައްސަލާގައި ކޮމިޓީން ބެލި ބެލުމުން ކޮމިޝަނުގެ ރަސްމީ މަސައްކަތުގެ ބޭރުން އެ ކޮމިޝަނުގެ އަންހެން މުވައްޒަފަކަަށް ގުޅައި މެސެޖުކޮށް، ބޭއަދަބީ ބަހުރުވައިން އެ މުވައްޒަފާ ފަޒީނު މުއާމަލާތްކުރެއްވިކަން އެނގިފައިވާކަމަަށާއި، އެއީ ކޮމިޝަނުގެ މެންބަރުންގެ ސުލޫކީ މިންގަނޑާއި ހިފަހައްޓަންޖެހޭ އަހުލާގާ ހިލާފު އަމަލެއްކަމަށް ކޮމިޓީއަށް ފެންނަ ކަމަށެވެ.
އެކަންކަމުގެ މައްޗަށް ބިނާކޮށް ކޮމިޓީން ބުނެފައިވަނީ ފަޒީނު މަގާމުން ވަކިކުރުމުގެ މައްސަލަ ކުރިއަށްގެންދިއުމަށް ކޮމިޓީއަށް ފެންނާތީ އެ މައްސަލަ އިއުލާނުކޮށްދެއްވުމަށް މަޖިލީހުގެ ރިޔާސަތުގެ ކިބައިން އެދޭ ކަމަަށެވެ.
މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲވަނީ އެ މައްސަލަ އިއުލާނުކުރައްވާފައެވެ.