ENGLISH
21 އޭޕްރީލު 2025
ޚާރިޖީ ވުޒާރާގެ މުވައްޒަފުންގެ އަދަދުތައް ހިއްސާކުރައްވައިފި
10 މާރިޗު 2025
|
ފޮރިން މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު، ފޮޓޯ: ޕީއެސްއެމް
ޚާރިޖީވުޒާރާގައި މަސައްކަތްކުރަމުންދާ ފޮރިން ސާވިސް މުވައްޒަަފުންނާއި ސިޔާސީ މުވައްޒަފުންގެ އަދަދުތައް އެ ވުޒާރާއިން ހާމަކޮށްފިއެވެ.
މި އަދަދުތައް ހާމަކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަަރު މުހައްމަދު އިބްރާހީމް (ކުޑޫ) ލިޔުމުން ޖަވާބު ހޯއްދެވުމަށް ކުރެއްވި ސުވާލަކަށް ދެެއްވި ޖަވާބުގައި ޚާރިޖީވަޒީރު ޑރ.ޢަބްދުﷲ ޚަލީލެވެ. މިނިސްޓަރުގެ ޖަވާބު މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވަނީ އިއްވާފައެވެ.
މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވި ގޮތުން 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެވުޒާރާގައި ފޮރިން ސާވިސް މުވައްޒަފުންގެ ގޮތުގައި 137 މުވައްޒަފުން ތިއްބެވިއެވެ. އެއީ މިނިސްޓްރީގެ މައި މަރުކަޒުގައި މަސައްކަތްކުރި 98 މުވައްޒަަފުންނާއި ބޭރުގެ މިޝަންތަކުގައި މަސައްކަަތްކުރި 39 މުވައްޒަފުންނެވެ.
އަދި އެ މުއްދަތުގައި މިނިސްޓްރީގެ މައި މަރުކަޒުގައި މަސައްކަތްކުރި ސިޔާސީ މުވައްޒަފުންގެ އަދަދަކީ 18 އެވެ. އަދި މިޝަންތަކުގައި 98 ސިޔާސީ މުވައްޒަފުން ތިއްބެވިއެވެ. އެއާއެކު ޖުމްލަ 116 ސިޔާސީ މުވައްޒަފުން މިނިސްޓްރީގައި ތިއްބެވިއެވެ.
މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވެފައިވާ ގޮތުން 2025 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް މައި މަރުކަޒުގައި 93 ފޮރިން ސާވިސް މުވައްޒަފުން ތިއްބެވިއިރު، ރާއްޖެއިން ބޭރުގެ މިޝަންތަކުގައި 46 ބޭފުޅުން ތިއްބެވިއެވެ. އެއާއެކު މިނިސްޓްރީގައި މަސައްކަތްކުރައްވަނީ 139 ފޮރިން ސާވިސް މުވައްޒަފުންނެވެ.
އަދި ޖަނަވަރީގެ ނިޔަލަށް މައިމަރުކަޒުގައި ތިއްބެވި 28 ސިޔާސީ މުވައްޒަފުންނާއި، ރާއްޖެއިން ބޭރުގެ މިޝަންތަކުގައި ތިއްބެވި މުވައްޒަފުންނާއެކު ފޮރިން މިނިސްޓްރީގެ ސިޔާސީ މުވައްޒަފުންގެ އަދަދަކީ 132 ކަމަށްވެސް މިނިސްޓަރުގެ ޖަވާބުގައި ވިދާޅުވިއެވެ.