ENGLISH

21 އޭޕްރީލު 2025

Advertisement

އެސްޓީއޯ މެދުވެރިކޮށް ހޯލްސޭލަރުންނަށް ކާށި އެތެރެކޮށްދޭން ހުޅުވާލައިފި

09 މާރިޗު 2025

|

އިސްމާއީލް ރާތިއު

އެސްޓީއޯ ޕީޕަލްސް ޗޮއިސް-- ފޮޓޯ: ޕީއެސްއެމް

ސާދަ ސަތޭކަ ސާޅީސް ހަވަނަ އަހަރުގެ ރަމަޟާން މަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ހިފެހެއްޓުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެސްޓިއޯ މެދުވެރިކޮށް ކާށި އެތެރެކުރަން ބޭނުންވާ ހޯލްސޭލަރުންނަށް އެފުރުސަތު ހުޅުވާލައިފިއެވެ.

އެސްޓީއޯއިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިފުރުސަތު ހުޅުވާލާފައި މިވަނީ ބާޒާރުގައި ކާށީގެ އަގު 40 ރުފިޔާއާއި 60 ރުފިޔާއާއި ދެމެދަށް އުފުލިފައިވަނިކޮށް، އެސްޓީއޯ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ސީދާ އާންމުންނަށް، ކާށި ކިލޯއެއް 20 ރުފިޔާއަށް ވިއްކަން ފަށާފައިވަނިކޮށް ކަމަށެވެ. އަދި ޑިމާންޑު އުފެދޭ ވަރަކަށް ކާށީގެ އިތުރު ސްޓޮކް ނެރެމުންދާ ކަމަށްވެސް އެސްޓިއޯއިން ބުނެފައިވެއެވެ.

އެސްޓީއޯއިން ބުނެފައިވަނީ ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމާ، ކާށީގެ ސްޓޮކު އެތެރެކުރަން ބުކްކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އަދި މިކަމުގެ ބޭނުމަކީ މިވަގުތު ރާއްޖޭގެ ބާޒާރުގައި ކާށީގެ ޑިމާންޑުހުރި ވަރު ދެނެގަނެ، އެއާ އެއްވަރަށް ކާށީގެ ސަޕްލައި އިތުރުކުރުން ކަމަށެވެ.

މިކަމަށް ޝައުގުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެކަމަށާއި ބުކްކުރާ ފަރާތްތަކަށް ކޮންމެ 10 ދުވަހަކުން ސްޓޮކް ގެނެސްދެވޭނެ ކަމަށާއި ފައިސާ ދައްކަން ޖެހޭނީ މުދާ ލިބުމުން، ދިވެހި ރުފިޔާއިން ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެއެވެ.

މި ޚިދުމަތުގެ މަގުސަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުން ކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ.

2023 ވަނަ އަހަރާއި 2024 ވަނަ އަހަރާއި ދެމެދު ކުރިމަތިވި ފިޔާގެ ދަތިކަން ހައްލުކޮށްދިނުމަށްވެސް އެސްޓިއޯއިން މިފަދަ ފިޔަވަޅުތަކެއް އަޅާފައިވާކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު