ENGLISH

21 އޭޕްރީލު 2025

Advertisement

އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލްދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް ޢުމްރާ ދަތުރެއް

09 މާރިޗު 2025

|

އާމިނަތު މައިހާ

މި އަހަރަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕަނީ (އެމްޑަބްލިއުއެސްސީ) އަށް 30 އަހަރު ފުރޭ އަހަރަށްވާތީ، ރަމަޟާން މަހާއި ގުޅުވައިގެން "އެކުވެރި ރޯދަ 30"ގެ ނަމުގައި، އެމްޑަބްލިއުއެސްސީގެ އެޕް މެދުވެރިކޮށް ބިލްދައްކާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 3 ފަރާތަކަށް ޢުމްރާ ދަތުރެއް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ކުންފުނިން ބުނެފައިވަނީ މި ޕްރޮމޯޝަނުގެ މަޤްސަދަކީ، ރަމަޟާން މަހާއި ގުޅުވައިގެން ކަސްޓަމަރުންނަށް ފަހު ފުރުސަތެއް ތަނަވަސްކޮށްދިނުމާއި، ވީހާވެސް ގިނަ ކަސްޓަމަރުން އެމްޑަބްލިއުއެސްސީގެ އެޕްއަށް އަހުލުވެރިކޮށް، އެޕް ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު އިތުރުކުރުމެވެ. ހަމައެހެންމެ ބިލްދެއްކުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް އާންމުންނަށް ބާރުއެޅުން ކަމަށް ވެސް ބުނެފައިވެއެވެ. މިކަމުގެ ސަބަބުން ވަގުތު ސަލާމަތްކުރެވި، މި ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ޒަމާނީކުރުމުގެ މަސައްކަތަށް ހަލުވިކަމާއެކު ކުރިއެރުން ލިބިގެންދާނެކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް ކަސްޓަމަރުންގެ ފުރިހަމަވާންޖެހޭ ޝަރުތުތައް:

  • އެމްޑަބްލިއުއެސްސީގެ ޑޮމެސްޓިކް ކަސްޓަމަރަކަށްވުން
  • ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި އެޕް މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރަކަށްވުން
  • ޕްރޮމޯޝަންގެ މުއްދަތު ހަމަވާއިރު، ފައިސާ ދެއްކުމުގެ މުއްދަތު ހަމަވެފައިވާ އެއްވެސް ފެންބިލެއް ނުވަތަ އަދަދެއް ނުދައްކައި ނެތް ކަސްޓަމަރަކަށްވުން

މި ކުންފުނިން ބުނެފައިވަނީ މި ޕްރޮމޯޝަންގެ ދަށުން ގުރުއަތުން ހޮވޭ ނަސީބުވެރި 3 ފަރާތް އިއުލާނުކުރާ ތާރީޚުން ފެށިގެން އެއް އަހަރު ތެރޭގައި ޢުމްރާ ދަތުރު ބޭނުންކުރައްވަން ވާނެކަމަށެވެ. އަދި ޢުމްރާ ދަތުރު ލިބުނު ފަރާތައް އެދަތުރު ބޭނުން ނުކުރެވޭނަމަ، އެހެން މީހަކަށް ބަދަލުކުރުމުގެ ފުރުސަތު ދެވިގެންދާނެކަމަށް ވެސް ބުނެފައިވެއެވެ.

ގުރުއަތު ނަގަން ހަމަޖެހިފައިވާ ތާރީޚު ފަހުން ހިއްސާކުރާނެކަމަށް އެމްޑަބްލިއުއެސްސީއިން ވަނީ ބުނެފައެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތައް ރަސްމީކޮށް މި ކުންފުނީގެ ސޯޝަލް މީޑިއާ، ވެބްސައިޓް އަދި ކަސްޓަމަރުންނާ މަޢުލޫމާތު ފޯރުކޮށްދޭ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ހިއްސާކުރާނެކަމަށް ވެސް ވަނީ ބުނެފައެވެ. 

ކިޔުންތެރިންގެ ހިޔާލު