ENGLISH

21 އޭޕްރީލު 2025

Advertisement

އޭދަފުށީގައި އެމްޓީސީސީން ތަރައްޤީކުރާ އާ ބަނދަރާއެކު ރައްޔިތުންގެ ޝުކުރު ސަރުކާރަށް

09 މާރިޗު 2025

|

ޢަލީ ޝަހީމް

އޭދަފުށީގައި އެމްޓީސީސީން ތަރައްޤީކުރާ އާ ބަނދަރުގެ މަސައްކަތް ކުރަނީ. ފޮޓޯ: ސޯޝަލް މީޑިއާ

އިތުރު ބަނދަރެއް ކޮންމެހެންވެސް ބޭނުންވެފައިވާ ބ. އޭދަފުށީގައި އެމްޓީސީސީން މިހާރު ކުރިއަށްގެންދާ އާ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާއިރު، އެއީ އެރަށަށް ލިބިގެންދާނެ ވަރަށް ބޮޑު ލުއިފަސޭހައަކާއި، ތަރައްޤީއަށް ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭދަފުށީގެ ރައްޔިތުން ބުނެފިއެވެ. 

އޭދަފުށީގައި އާ ބަނދަރު މިހާރު ތަރައްޤީކުރަމުން ދަނީ އެރަށުގެ ހުޅަނގު ފަރާތުގައެވެ. އެރަށުގެ އިރުމަތީ ފަރާތުގައި އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވުމާއެކު، އާ ބަނދަރަކަށް ސަރުކާރުތަކުގައި އެރަށު ރައްޔިތުން އެދެމުންދާތާ އަހަރުތަކެއް ވަނީ ވެފައެވެ. 

އޭދަފުށީގައި ތަރައްޤީކުރާ ބަނދަރުގައި 303 މީޓަރުގެ ވާޓަރު ބަނދަރާއެކު 371 މީޓަރު ބޮޑުހިލަ ރިވެޓްމެންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި، 119 މީޓަރުގެ ބޮޑުހިލަ ބޭރުތޮއްޓެއް ހެދުމާއި، 63 މީޓަރުގެ ނެރުފައިކަށި ޖަހައި 5490 އަކަމީޓަރުގެ ސަރަޙައްދެއް ހިއްކުން މަޝްރޫޢުގައި ހިމެނެއެވެ. ސަރުކާރުން މިހާރު އަންނަނީ މަޝްރޫޢުގައި ހިމަނާފައިވާ އަދަދަށްވުރެ 200 ފޫޓު އެ ބަނދަރަށް އިތުރު ކުރުމުގެ މަޝްވަރާތައް ކުރަމުންނެވެ. އެ މަޝްރޫޢަށް ދައުލަތުގެ ބަޖެޓުން 64.67 މިލިއަން ޚަރަދުކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ. 

"އޭދަފުއްޓަށް ދެވަނަ ބަނދަރެއް ބޭނުންވެފަ އޮންނަތާ ވަރަށް ޒަމާންވެއްޖެ. އަޅުގަނޑުމެން ވަރަށް އުފާކުރަން މިއަދުގެ ސަރުކާރުން އޭދަފުއްޓަށް ދެވަނަ ބަނދަރެއް ގެނެސްދެއްވީތީ. އިރާދަކުރެއްވިއްޔާ މިސަރުކާރުން އޭދަފުއްޓަށް ވެފައިވާ ވައުދުތައް ފުއްދާދެއްވާނެ. އެކަމަށްޓަކައި މިއަދުގެ ސަރުކާރަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރުދަންނަވަން" އޭދަފުށީގެ ރައްޔިތަކު އެމްޓީސީސީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ. 

ރިސޯޓު ދާއިރާގައި މަސައްކަތްކުރާ އޭދަފުށީގެ ރައްޔިތަކު ބުނީ އޭދަފުއްޓަށް އަރައި ފޭބުމުގައި ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށާއި، އާ ބަނދަރާއެކު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ. 

"އޭދަފުށީގައި އިތުރު ބަނދަރެއް ހެދުމުގެ އެންމެ ބޮޑު ބެނުމަކީ އޭދަފުށީގައި މިހާރު އޮތް ބަނދަރުން ވަރަށް ބޮޑެތި ދަތިތަކެއް ވާތީއާ އެ ބަނދަރަށް މުދާ ބާލަން އުނދަގޫވުން. މަސްވެރިއެއްގެ ހައިސިއްޔަތުން މަސްކޮޅެއް ބާލާނެ ޖާގައެއްވެސް ނެތް. މި ހުރިހާ ކަމެއް ކުރިމަތިވެފައި އޮތީމާ ބަނދަރެއް ބޭނުންވަނީ. އަޅުގަނޑު ދެކޭގޮތުގައި މި ބަނދަރު ނިމުމުން އޭދަފުށީގެ ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ. މި ބަނދަރު މިހާރުގެ ސަރުކާރުން ހައްދަވާދެއްވާތީ ސަރުކާރަށާ އަދި އޭދަފުށީގެ މަޖިލިސް މެމްބަރު ސަލީމަށް އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" އާ ބަނދަރުގެ އިޙްސާސްތައް ހާމަކުރަމުން އޭދަފުށީގެ މަސްވެރި ރައްޔިތަކު ބުނެފައިވެއެވެ.  

އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާޠިހު ވިދާޅުވީ، އޭދަފުށީގައި މިހާރު އޮތް ބަނދަރަކީ އެކަށީގެންވާ ވަރަށްވުރެ މާ ބާރުބޮޑު ބަނދަރެއް ކަމަށާއި، އަތޮޅުގެ 13 ރަށާއި 16 ރިސޯޓުން އަންނަ އުޅަނދުތައް މިހާރު އޮންނަ ބަނދަރަށް ކައިރިކުރާނެ ޖާގަ ނޯންނަ ކަމަށެވެ. 

އާ ބަނދަރާއެކު އެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށާއި، އެމްޓީސީސީން ކުރަމުންގެންދާ މަސައްކަތް އުފަލާއެކު ބަލައިގަންނަ ކަމަށް ފާޠިހު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އެއްބާރުލުމާއެކު އޭދަފުއްޓަށް ތަރައްޤީ ގެނައުމުގައި މަސައްކަތްކުރައްވާތީ އޭދަފުށީ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ސަލީމަށާއި ސަރުކާރަށް ކައުންސިލްގެ ރައީސް ވަނީ ޝުކުރުއަދާކުރައްވާފައެވެ. 


ކިޔުންތެރިންގެ ހިޔާލު