ENGLISH

21 އޭޕްރީލު 2025

Advertisement

ގެދޮރުވެރިޔާއާ ގުޅުވައިގެން އިދިކޮޅުން ކުރާ ތުހުމަތުތަކަށް ހައުސިން މިނިސްޓްރީން ތަފުސީލީ ރައްދެއް

09 މާރިޗު 2025

|

އާމިނަތު މައިހާ

ގެދޮރުވެރިޔާ ސްކީމްއާ ގުޅުވައިގެން އިދިކޮޅު އެމްޑީޕީން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި ދައްކާފައިވާ ވާހަކަތަކާއި ކޮށްފައިވާ ތުހުމަތުތަކަށް ހައުސިން މިނިސްޓްރީން ރައްދު ދީފިއެވެ.

މިނިސްޓްރީން ބުނީ މިދިޔަ މަހު 27 ގައި އިއުލާނުކުރި ލިސްޓަކީ 2023 ނޮވެމްބަރ 15 ގައި ގެޒެޓުގައި ޝާއިއުކުރި ލިސްޓުގައި ފްލެޓް ލިބޭ ފަރާތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ފަރާތްތަކުގެ ފޯމުތަކާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގެވި ތަހުގީގަށް ފަހު ދެއްވާފައިވާ ލަފަ އާއި ގުޅިގެން ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިހުރި ފަރާތްތަކުގެ ފޯމުތަކުގައި ހުރި މަޢުލޫމާތުގެ ސައްޙަކަން ބަލައި ކަށަވަރުކުރުމަށްފަހު ނެރުނު ލިސްޓެއް ކަމަށެވެ. 

ހަމައެހެންމެ ފްލެޓް ދިނުމުގައި އާ އުސޫލެއް ކަނޑައަޅާފައި ނުވާ ކަމަށާއި ފްލެޓް ދިނުމުގައި ޢަމަލުކޮށްފައިވާނީ ލިޔެ ރަސްމީކޮށް އިއުލާނުކޮށް ޝާއިއުކޮށްފައިވާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށާއި، ފޯމުތައް އިވަލުއޭޓްކުރުމަށް ކުރީ ސަރުކާރުން އެކަށައެޅި ގެދޮރުވެރިން ކޮމިޓީގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެކަށައަޅާފައިވާ ގައިޑްލައިންގައި ބަޔާންކޮށްފައިވާގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ފްލެޓް ލިބިފައިވާ އެއްވެސް ފަރާތަކަށް ކަނޑައަޅާފައިވާ ފްލެޓް މިހާތަނަށް އެހެން ފަރާތަކަށް ހަމަޖައްސާފައި ނުވާނެކަމަށާއި ގައިޑްލައިނަށް ޢަމަލުކުރުމުގައި ހުރިހާ ފަރާތަކަށް ވެސް ހަމަހަމަ ވާނެހެން ލުއިކުރެވޭތޯ ބަލާފައިވާނެ ކަމަށެވެ.

ވެރިފައިކޮށްފައިވަނީ ތިން ކޮޓަރި ފްލެޓަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކާއި ދެ ކޮޓަރި ފްލެޓަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން 73 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމުތަކެވެ. ތިން ކޮޓަރި ފްލެޓަށް އެޕްލައިކުރި ފަރާތްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ މެދުގައި ގުރުނެގުމަށް ނިންމައި، 2023 ނޮވެމްބަރު 15ގައި އާންމުކޮށް އިއުލާންކޮށްފައިވާއިރު ވެރިފިކޭޝަންގައި އެ ފަރާތްތައް ހިމެނުމަކީ އެންމެ އިންސާފުވެރިގޮތަށް ވާތީ އެކަން އެގޮތަށް ކުރުމަށް ނިންމާފައިވާކަން އިއުލާނުކޮށްފައިވާނެކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ތިން ކޮޓަރީގެ ފްލެޓަށް އެޕްލައިކުރި މީހުންގެ ތެރެއިން 75 ޕޮއިންޓަށްވުރެ ދަށުން މާކްސް ލިބިފައިވާ އެއްވެސް ފަރާތެއްގެ ފޯމު ބަލައިފައި ނުވާނެ ކަމަށެވެ.

މާލޭގައި 15 އަހަރަށް ވުރެ ގިނަ ދުވަހު ރަށްވެހިވެފައިވާ ފަރާތްތައް ޑިސްކޮލިފައިނުވާނެ ކަމަށާއި، އޭރުގެ ސަރުކާރުން އެކަށައަޅާފައިވާ ގެދޮރުވެރިން ކޮމިޓީގެ ގައިޑްލައިންގައި އެކަން ކުރުމަށް ކަނޑައަޅާފައިވާ ގޮތަށް، މާލޭގެ ރަށްވެއްސަކަށްވީތީ 15 އަހަރު ނުވާނަމަ، އެ މުއްދަތުގައި މާލޭގައި އުޅުނުކަން ބެލުމަށް ލިޔުންތައް ބަލާފައިވާނެކަމަށް ވެސް ބުނެފައިވެއެވެ. އަދި އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ، އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މަޢުލޫމާތާއި ޚިލާފަށް ކަމަށާއި، އެހެންނަމަ އެކަން ފޯމުލީ ފަރާތްތަކަށް ޕޯޓަލްއިން އެނގެން ހުންނާނެކަމަށް ވެސް ބުނެފައިވެއެވެ.

ގެދޮރުވެރިޔާ ޕޯޓަލްގައި އަދި ގެދޮރުވެރިޔާ ކޮމެޓީގެ ގައިޑްލައިންގައިވާ ގޮތުން އިވެލުއޭޝަންގައި މައި-އެޕްލިކަންޓަކީ މާލެ ސަރަޙައްދުގައި ދިރިއުޅެމުންގެންދާ ފަރާތެއްކަން ސާބިތުކޮށްދިނުމަށް ހުށަހެޅުމުން ބަލާ މަޢުލޫމާތުތަކަކީ:

  • ވޭތުވެދިޔަ 15 އަހަރު އަދާކުރި ވަޒީފާގެ މަޢުލޫމާތު
  • ވޭތުވެދިޔަ 15 އަހަރު ކިޔެވުމުންދާ ސްކޫލް/ ޔުނިވަރސިޓީގެ މަޢުލޫމާތު
  • ވޭތުވެދިޔަ 15 އަހަރު އެޕްލިކެންޓްގެ އަނބިމީހާ/ ފިރިމީހާ ކައިވެންޏަށްފަހު ކިޔަވަމުންދާކަމުގެ މައުލޫމާތު
  • އެޕްލިކެންޓްގެ ޕެންޝަނާ ބެހޭ މަޢުލޫމާތު
  • އެޕްލިކެންޓްގެ ރަށްވެހިކަމުގެ މަޢުލޫމާތު

ހައުސިން މިނިސްޓްރީން ބުނީ މި ނޫން ލިޔެކިޔުމެއް ބަލައިގަންނަން ނިންމިކަން އެއްވެސް ގޮތަކުން އިއުލާންކޮށްފައެއް ނުވާނެއެވެ. އަދި ކޮމިޓީގެ ގައިޑްލައިންގައި އެ ބަދަލު ގެނެސްފައި ނުވާނެކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ. ލިޔެކިޔުންތަކުން ފެންނަ މާލޭގައި ދިރިއުޅުން މެދުކެނޑިފައިވާ މުއްދަތުތަކުގައި ހުށަހަޅާފައިވާ ރަސްމީ ލިޔުންތައް އެއީ މެދުކެނޑުން ގުޅުވުމަށް ބެލިދާނެފަދަ ހާލަތެއްނަމަ އެފަދަ ލިޔުންތަކަށް ރިއާޔަތްކޮށްފައިވާނެކަމަށްވެސް މިނިސްޓްރީން ބުނެފައިވެއެވެ. 

މިނިސްޓްރީން އިތުރަށް ބުނެފައިވަނީ ކައުންސިލްތަކުން ދީފައިވާ ލިޔުންތަކުގެ ތެރޭގައި ފާހަގަކުރެވިފައިވަނީ މާލެ ސިޓީ ފިޔަވައި އެހެން ސިޓީތަކާއި ރަށްތަކުގެ ރަށު ކައުންސިލްތަކުން ދީފައިވާ ލިޔުންތަކެވެ. އެހެންކަމުން ލިޔުންތަކުގެ ތެރޭގައި މާލޭ ސިޓީ ކައުންސިލުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މޭޔަރުކަމުގައި ލިޔުން ދީފައި ހުރި ވާހަކައަކީ ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކުރެވުނު ވެރިފިކޭޝަން މަސައްކަތުގައި މީހެއްގެ ފޯމެއް ގޯސްކޮށް ބެލިފައި އޮތްނަމަ އެކަން ރަނގަޅު ކުރަން ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، މި މުއްދަތަށް ފަހު ބާކީވާ ފްލެޓެއްވާނަމަ، އެ ފްލެޓަކާމެދު ޢަމަލުކުރާނެ ގޮތަކީ މި އުސޫލުން ވެރިފިކޭޝަން ޕްރޮސެސްއެއް ގެންދިޔުމަށްފަހު އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކަށް ފްލެޓް ކަނޑައެޅުންކަމަށް ބުނެފައިވެއެވެ. އެކަމުގައި ފޯމު ހުށަހެޅިއިރު ދީފައިވާ މަޢުލޫމާތު ބަދަލުކުރުމަށް، އަދި އިތުރު ލިޔުން ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެކަމަށް ވެސް ބުނެފައިވެއެވެ.

އޭރު އެކުލަވާލި އުސޫލު ހަމަހަމަކަމާއެކު ތަންފީޒުކުރުމަށް އެއްވެސް ވަރަކަށް ސަމާލުވެފައި ނެތްކަން ހާމަވާ އެއްކަމަކީ، މި ސްކީމަށް ލިޔުން ހުށަހެޅުމުގައި މާލޭގައި ދިރިއުޅުނު މުއްދަތުގެ ލިޔުން ލާންހުރި ޓެބަށް، އައިޑީ ކާޑުގެ އެއްފުށް އަޕްލޯޑުކޮށްފައިވާ ފަރާތެއް ވެސް 15 އަހަރު މުއްދަތު ހަމަވާކަމަށް ކަނޑައަޅާފައިވުމެވެ.

މީގެއިތުރަށް ދެމަފިރިންނަށް އެއް ސްކީމަކުން ފްލެޓް ދިނުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށާއި މި ސްކީމުގެ ތެރެއިން ދެމަފިރިންނަށް ދެ ފްލެޓެއް ނުލިބޭނެކަމަށް ބުނެފައިވެއެވެ. ހަމައެހެންމެ 2023 ނޮވެމްބަރު 15ގައި އިއުލާނުކުރި ލިސްޓުގައި ނެތް ފަރާތެއް މި ލިސްޓުގައި ހިމަނާފައި ނުވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

މި 4000 ފްލެޓް ލިބުމުގެ ފުރުސަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހައްމަލު ކުރަން ނުޖެހޭނެކަމާއި، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުސަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުގެ ދަށުން، މި ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުސަތު ލިބިގެންދާނެކަމުގެ ކަށަވަރުކަން ހައުސިން މިނިސްޓްރީން ދީފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު