ENGLISH
26 ޖުލައި 2026
އިސްތިގުލާލަށް އޮތް ހިރާސްތައް ތަފާތުވެ، މިނިވަަންކަން ދެމެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްވެސް ބަދަލުވެއްޖެ: ރައީސް
26 ޖުލައި 2026
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
މިއަދު ފާހަގަކުރާ މިނިވަންދުވަހުގައި މިނިވަންކަމަކީ ނިމިފައި އޮތްކަމެއްގެ ގޮތުގައި ދެކިގެން މުއާމަަލާތްކުރުމުގެ ބަދަލުގައި މިނިވަންކަމަކީ ހޯދުމަށްފަހު ދެމެއްޓުމަށް މަސައްކަތްކުރަންޖެހޭ ކަމެއްކަމުގައި ސިފަކުރެއްވުމާއެކު، މިނިވަންކަމަށް ކުރިމަތިވާ ހިރާސްތައް މިއަދު ތަފާތުވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ "މޯލްްޑިވްސް އިންޑިޕެންޑެންޓް"ގައި މިނިވަންދުވަހުގެ މުނާސަަބަަތުގައި ޝާއިއުކުރެއްވި ލިޔުއްވުމެއްގައެވެ. ރައީސް ވިދާޅުވީ ކާބަފައިންގެ ދައުރުގައި އަދުއްވުންގެ ކިއްލާއާއި ދިދައަކީ ކޮބައިކަން އެނގުނު ނަމަވެސް މިއަދު ކުދި ގައުމުތަކުގެ މިނިވަންކަމަށް ކުރިމަތިވެފައި ހުރި ހިރާސްތަކަކީ ކުރިއަށްވުރެ ހިމޭން ކަންތައްތަކެއް ކަމަށެވެ.
"މިއަދު މިނިވަންކަމަށް އޮތް ފިއްތުން ފާޅުވަނީ ރައުސުލްމާލު ދަތުރުކުރާ ގޮތްތަކާއި، މީހުން ނުވެސް ކިޔާ އެއްބަސްވުންތަކުގައި ހިމަނާފައި ހުންނަ ދަރަނީގެ ޝަރުތުތަކުގެ ތެރެއިން. ސިޔާދަތު ހިމާޔަތްކުރުމަަކީ މިޒަމާނުގައި ބޯޑްރޫމްތަކާއި ބޮންޑުގެ ބާޒާރުތަކުގައި ހިނގާ ކަމަކަށް ވެއްޖެ. އެކަންކަން ސީރިއަސްކޮށް ނެގުމުގައި ހައްގު މިންވަރަށްވުރެ އަޅުގަނޑުމެން ލަސްކަމަށް އަޅުގަނޑު ދެކެން،" ރައީސް ލިޔުއްވިއެވެ.
އެގޮތުން ރާއްޖޭގެ ބައިވެރިވުމެއް ނެތި ސަރަހައްދީ އިންތައް ބަޔާންކުރުމުގެ އެއްބަސްވުމަކަށް ވާސިލުވެވުމުން އެކަމުގައި ބަހެއް ނުބުނެ ދޫކޮށްލުމުގެ ބަދަލުގައި އިސްނަގައިގެން މަސައްކަތްކުރުމަށް ސަރުކާރުން ނިންމިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތާރީހީ ލިޔެކިޔުންތަކުން ރާއްޖޭގެ ދައުވާއެއް އޮތް ތަނެއްކަމަަށް ފެންނަ ފޯޅަވަހީގެ މައްޗަށް ރާއްޖެއިން ދައުވާކުރެއްވި ކަމަށާއި، އެއަށްފަހު އެ ސަރަހައްދު ބެލެހެއްޓުމަށް ދިވެހި ކޯސްޓްގާޑު ފޮނުއްވި ކަމަށްވެސް ރައީސް ލިޔުއްވިއެވެ.
އިތުރަށް ރައީސް ލިޔުއްވީ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގަަން ބޭނުންވާ ސުލޫކުތަކާއި މުއައްސަސާތައް އަދިވެސް ރާއްޖެއިން އަންނަނީ ތަރައްގީކުރަމުން ކަމަށެވެ. ނަމަވެސް އަމިއްލަ ވެރިކަމަކީ ދިވެހިންނަށް އައުކަމެއް ނޫންކަމަށާއި، ދުސްތޫރީ ނިޒާމެއް ވުޖޫދުވުމުގެ އެތައް ޒަމާނެއް ކުރީއްސުރެ ދިވެހި ކަނޑުތަކުގައި މިނިވަންކަމާއެކު ދިވެހިން ދަތުރުފަތުރުކޮށް އުޅުނުކަމަށް ރައީސް ވިދާޅުވިއެވެ. ދިވެހި ޑިމޮކްރަސީއަކީ ޅަ ޑިމޮކްރަސީއެއްކަމުގައި ސިފަކުރެއްވުމާއެކު ދިވެހިން އަމިއްލަ އިހުތިޔާރުގައި ވެރިކަންކުރުމަކީ އައު ކަމެއް ނޫންކަމަށް ރައީސް ސިފަކުރެއްވިއެވެ.
ހަރުދަނާ ޑިމޮކްރަސީއެއް ބިނާކުރުމުގައި އާރުލާ އިދިކޮޅު ފަރާތެއް އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ބަލައިގަނެވޭ ބުރަދަންހުރި ފާޑުކިޔުމަކީ ބޭނުންތެރި އަދި ޟަރޫރީ ކަމެއް ކަމަށެވެ. ނަމަވެސް ގައުމަށް ފައިދާނުވާ ކަމަކީ ޒާތީ ހަމަލާތަކައި ޝަހުސު ކަތިލުމުގެ އަމަލުތަކުގެ ތެރެއިން އިދިކޮޅުހެދުމުގެ ހަރަކާތްތައް ހިންގުންކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ މައިގަނޑު އުސޫލަކީ ކޮންމެ ބަޔަކާއެކު އެއްބަސްވުމެއް ގާއިމުކުރި ނަމަވެސް ދިވެހި މަސްލަހަތުތަކަށް އެ އެއްބަސްވުންތަކުން މަންފާވާނެ ގޮތަށް އެއްބަސްވުންތައް ބައްޓަންކުރުން ކަމަށެވެ. އެ ސިޔާސަތުގެ ނަތީޖާއަކީ ރާއްޖޭގެ ބައިނަލްއަގުވާމީ ގުޅުންތައް ސިންދަަފާތުކޮށް އެންމެ ގައުމެއްގެ މައްޗަށް ބަރޯސާނުވެ އަވައްޓެރި ގައުމުތަކާ ގާތް ގުޅުމެއް ބޭއްވުން ކަމަށެވެ. އަދި އެއީ ސީދާ ގޮތުން ރާއްޖެއިން އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް އަދާކުރުން ކަނަމަށް ވިދާޅުވިއެވެ.
އިހުގައި ދުނިޔޭގެ ސަގާފަތް ގައުމުތަކަަށް ވާސިލުވީ ވިޔަފާރި ތެރެއިންކަމަަށްވީ ނަމަވެސް މިއަދު އެކަންކަން އަންނަނީ ސްކްރީނެއްގެ ޒަރީއާއިންކަން ފާހަގަކުރއްވަމުން ރައީސް ވިދާޅުވީ އެކަމުގައި ބައެއް ހިފަހެއްޓުންތައް ގެންގުޅުން ލާޒިމުވާކަން ގަބޫލުކުރައްވާ ކަމަށެވެ. އަދި މީސްމީޑިޔާ ބައެއް މަންސަތައް އުމުރުން 16 އަހަަރުން ދަށުގެ ކުދިންނަށް މަނާކުރެއްވުމުގެ ވިސްނުންފުޅަކީ އެ އުސޫލުގެ ތެރެއިން ގެންގުޅުއްވާ ވިސްނުންފުޅެއްކަމަށް ވިދާޅުވިއެވެ.
"ބިންތަކާއި ގޮނޑުދޮށްތަކާއި، ފަރުތަކަކީ އެގެ މިލްކުވެރިކަން އޮތީ ކާކުގެ އަތުގައިކަން ވަންހަނާކުރުމަށް ފަރުމަކޮށްފައިވާ އޮނިގަނޑުތަކުގެ ތެރެއިން ހިމޭންކޮށް މިލްކުވެރިކަން ބަދަލުކުރެވިދާނެ ހަރުމުދާ. އަޅުގަނޑުމެންގެ ވިސްނުމަކީ މި ހަރުމުދަލުގެ މިލްކުވެރިކަން އޮންނާންވާނީ ދިވެހިންގެ އަތުގައިކަން އަދި އަޅުގަނޑުމެން ގަސްތުކުރަނީ އެގޮތުގައި އެކަން ދަމަހައްޓަން،" ރައީސް ލިޔުއްވިއެވެ.
އެކަންކަމުގެ އިތުރަށް ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދަމަހައްޓައި އިޖުުތިމާއީ ހަޔާތް ރައްކާތެރިކުރުމަށް ކުދި ނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވާފައިވާކަން ފާހަގަކުރެއްވިއެވެ. އެފިޔަވަޅުތަކުގެ މިސާލެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ކުޅިވަރު ކުޅޭ ތަންތަނުގައި ނަމާދު ވަގުތަށް ހިދުކޮޅެއް ހާއްސަކުރުން ލާޒިމުކުރެއްވުމެވެ.
މިނިވަންކަމަކީ މާޒީގެ ވަކި ހިސާބެއްގައި ހާސިލުކުރުމަށްފަހު ފުއްދައިލެވޭ ކަމެއް ނޫން ކަމަށާއި، އެއީ ވިޔަފާރީގެ ޝަރުތުތަކާއި ކަނޑުގެ ސަރަހައްދާ ގުޅޭ ދައުވާތަކާއި ޓެކްނޮލޮޖީގެ ދައުރު ހިޔާލުކުރާ ގޮތްތަކާއި ހިމާޔަތްކުރުމަށް ނިންމާ ކަންކަމުން އިމްތިހާނުވަމުންދާ ަކމެއް ކަމަށް ރައީސް ވިދާޅުވިއެވެ.